މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ކުރިން ހިންގި އިމާރާތާއެކު އެތަނުގައި ހުރި ކަމަށް ބުނާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ މުދާ އެކުންފުންޏާ ހަވާލުކުރުމަށާއި އެކަމާބެހޭ އެއްބަސްވުން ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަމުރުކުރާނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މަންދު ކޮލެޖް ހިންގަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ. މަންދު ކޮލެޖްގެ ވެރިޔާއަކީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ.

އެމްއީއެސް ހިންގި އިމާރާތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދައުލަތް) އާއި އެމްއީއެސްގެ އޭރުގެ މަސްއޫލުވެރިންނާއެކު ލީސް އެގްރީމެންޓެއް ހެދީ 28 ޑިސެމްބަރު 2008 ގައެވެ. އޭގެ ފަހުން އެ އެއްބައްވުމުގެ ދަށުން އެމްއީއެސްގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރީ 6 އޭޕްރިލް 2010 ގައެވެ.

ނަމަވެސް އޭގެ ފަހުން އެކަމާބެހޭ އެއްބަސްވުން އުވާލާނެ ކަަމަށްބުނެ 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު 25 ޖެނުއަރީ 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން އެ އެގްރީމެންޓް ބާތިލުކުރިއެވެ.

ސަބަބެއް ކަމަށް އެޑިއުކޭޝަނުން ބުނެފައިވަނީ އިންޓަނޭޝަނަލް ސްކޫލުގެ ހިދުމަތް 2009 ވަނަ އަހަރު ފަށަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެ އެއްބަސްވުމަށްފަހު ހަތް އަހަރު ފާއިތުވި އިރު ވެސް އެކަމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައި ނުވުމެވެ. އަދި އެ އިމާރާތް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިމެނޭ ކަމަށާއި މާލިއްޔަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަންތައްތަކެއް ހިމެނޭތީ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އެ އެގްރީމެންޓް އެޑިއުކޭޝަނުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ އެންމެހާ ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު މާލޭ ހައި އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ގާނޫނީ ވަކީލަށް ހަރަދުވާ 53،000 ރުފިޔާ އެއް ފަހަރާ ނަގައިދިނުމަށް އެދި މާލޭ ހައިގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު 29 އޮގަސްޓް 2017 ގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ.

ނަމަވެސް އެ ހުކުމް މާލޭ ހައި އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ޖޫން 17، 2020 ގައި ހައި ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން އެޑިއުކޭޝަނުން އުވާލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި އަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދައުވާކުރުމުގެ ހައްގު މާލޭ ހައި އަށް ލިބިގެންވާކަމަށްވެސް އެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަތަ އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި، ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް 28 ފެބްރުއަރީ 2021ގައި ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.

މާލޭ ހައިގެ ފަރާތުން މިފަހަރު ސިލްކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގައި ބުނެފައިވާ ގޮތަށް އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި އަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދުމަށެވެ.

މާލޭހައިގެ ފަރާތުން މިފަހަރު ހުށަހެޅި މައްސަލައިގައި ވަނީ އެ އެއްބަސްވުމަށް އަމަލު ކުރުމަށް އެޑިއުކޭޝަން މިިނިސްޓްރީއަށް އަންގައި އެއްބަސްވުމުގައި ހިމެނޭ އެމްއީއެސް ކުރިން ހިންގި އިމާރާތާއެކު އެތަނުގައި ހުރި އެ ކުންފުނީގެ އެންމެހައި މުދާ އެ ކުންފުންޏާ ހަވާލު ކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީއަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ މި ދައުވާގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ، ދައުވާލިބޭ ފަރާތުން ހިލާފުވުމުގެ ސަބަބުން މާލޭ ހައި އަށް ލިބިފައިވާ ގެއްލުން ވަޒަންކޮށް، އެ ގެއްލުމުގެ ތަފްސީލު ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު ސިވިލް ކޯޓުގެ ވަގުތީ އަމުރުގެ ޒަރީއާއިން ހޯދުމަށްފަހު ދައުވާ ކުރާ ފަރާތަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން މާލޭ ހައި އަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލުތައް ޝަރީއަތަށް ހުށަހެޅުމަކާނުލައި، ކޮންޓްރެކްޓާބެހޭ ގާނޫނުގައިވާ ފަދައިން މާލޭ ހައި އަށް ދެވޭ ބަދަލަކީ ފުދޭ ވަރެއްގެ ބަދަލެއްކަން ނުވަތަ ނޫންކަން ޝަރީއަތަށް ވަޒަން ކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދައުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުން ވަޒަން ކުރުމަކާ ނުލައި، ދައުވާލިބޭ ފަރާތުން ވަކި ގޮތަކަށް އަމަލު ކުރުމުގެ އަމުރެއް ޝަރީއަތުން ނެރެދޭން ޖެހޭނެ ގާނޫނީ ހަމައެއް ނެތުމުން ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ދައުވާލިވޭ ފަރާތުގެ މައްޗަށް އަންގައި އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް ސިވިލްކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.