ދުވާރުމަތިން ހިނގާފައި ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، މަރުވި ބަންގުލަދޭޝްގެ ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި ޑަބްލިޔު ކޮންސްޓްރަކްޝަނުން 4.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް، ހައިކޯޓުން ބަލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުންނާއި ލިބެމުންދާ ނަފުސާނީ އަދި މާލީ ގެއްލުމުގެ ބަދަލު ޑަބްލިޔު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ގައެވެ. އެ މައްސަލައިގައި މިދިޔަ އޮގަސްޓު މަހު ކޯޓުން ވަނީ، ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތް ކަން ސާބިތުވާތީ 4.5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައެވެ.
ޖިއާންގެ އާއިލާއިން ފުރަތަމަ އެދުނީ އޭނާގެ މަރުގެ މައްސަލައިގެ ބަދަލެއްގެ ގޮތުން ޑަބްލިޔު ކޮންސްޓްރަކްޝަނުން 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާ އިރު، އާއިލާއިން އެދުނު އަދަދު ނަގައިދެވެން ނެތް ކަމަށެވެ.
ގެއްލުމުގެ ބަދަލަށް ދަށު ކޯޓުން ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ޖިއާންގެ އާއިލާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުގެ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމިއެވެ. އަދި އެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުންވެސް ތާއީދުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތީ އިސްތިއުނާފު މުއްދަތު ހަމަވެފައި އޮތުމުންނެވެ.
ނަމަވެސް އެ މައްސަލައިގައި ކުއްޖާގެ އާއިލާގެ ފަރާތުން ވަކާލާތު ކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ. އެހެންވެ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައިވާ ގޮތުން އިސްތިއުނާފު މުއްދަތުގެ ދިހަ ދުވަސް ގުނަން ފަށަނީ ފުރަތަމަ މަރުހަލާގެ ކޯޓު ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ 31 އޮގަސްޓް 2021 ގައި ކަމަށާއި އަދި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 15 ސެޕްޓެމްބަރު 2021 ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކުރުމަށް އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދި ޖިއާންގެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ފޯމު ހުށަހަޅާފައިވަނީ 12 ސެޕްޓެންބަރު 2021 ގައި ކަމަށާއި ނަމަވެސް ސިވިލް ކޯޓުން ރިޕޯޓު ދޫކޮށްފައިވަނީ 26 އޮކްޓޯބަރު 2021 ކަމަށް ހުކުމުގައިވެއެވެ.
މައްސަލަ އިސްތިއުނާފުކުރުމަށް އަދި ސީދާ ހައިކޯޓަށް ހުށަހަޅާފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާކަން ބަޔާންކޮށް ސިޓީ ފޮނުވާފައިވާތީ އިސްތިއުނާފުކުރުމުގެ ނިޔަތް އަދި ގަސްތު އޮތްކަން ސާފުވާ ކަމަށް ހުކުމުގައިވެއެވެ.
މީގެ އިތުރަށް ސުޕްރީމް ކޯޓުގެ ސާކިއުލާއަށް އަމަލުކުރަން ފެށުމުގެ ފަހުންވެސް އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައިދާ ފަހުން އިސްތިއުނާފު ނުކުރެވި ލަސްވީ އަމިއްލަ ބާރު ނުފޯރާ މަގުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައި ބުނެ ހުށަހަޅާ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމުން އެ ސަބަބުތަކާ މެދު އެ ކޯޓުން ގޮތް ނިންމައި އެފަދަ މައްސަލަތައް ބަލައިގަންނަމުންދާ ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންކަމުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ދިހަ ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ހުސައިން ފަރުޒާނާ އާއި މުހައްމަދު ކަމާލުއްދީން ޖާވިދަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު