މެދުއިރުމަތީގެ ގައުމުތަކުން އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިކޮށް ތާޒާކުރާގޮތާއި ގުޅުންތައް ކަނޑާލައި ހަތުރުންނަށް ބަދަލުވެގަންނަ ގޮތްގޮތަކީ ވަރަށް އަޖައިބުކުރަނިވި މަގަކުން ކުރިއަށްދާ ކަންކަމެވެ. މެދުއިރުމަތީގެ މައްސަލަތައް ދިރާސާކޮށް ކަންކަން ކުރިއަށް ލަފާކުރާ ތަޖުރިބާކާރުންނަށްވެސް ދެންވާނީ އެވެނިގޮތެކޭ މިވެނިގޮތެކޭ ބުނަން ފަސޭހަ ނުވާވަރަށް މެދުއިރުމަތީގެ ކަންކަމުގެ އޮޅުންބޮޅުންތައް ބޮޑެވެ. ހަތުރުވެރިކަމުގައި އެތަކެއް ޒަމާން ވޭތުކޮށްފައިވާ އީރާނާއި ސައުދީއަރަބިޔާ އެހެރަގެން ވާހަކަ ދައްކަނީއެވެ. އީރާނާއި ގާތްވެވޭތޯ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މަސައްކަތްތަކެއް އެކުރަނީއެވެ. ގަލްފުގެ ގައުމުތަކުން ގަތަރު ބޯއިކޮޓްކޮށް އަދަބުތަކެއް ދޭން އުޅެއުޅެފައި މިހާރު ގަތަރަށްވުރެ ލޯބިވާ އެހެންބަޔަކު ނެތެވެ.

ތުރުކީވިލާތާއި މިސްރުގެ ގުޅުންތައް ބަދަހިވެ އެކުވެރިކަން އިއާދަވެދާނޭ ކަމުގެ ކުލަވަރުތައް އެހެރަގެން ދަނީ ފެންނަމުންނެވެ. ހަމަ އެހެންމެ ތުރުކީ އާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށްވެސް ނިމުން އަންނަނީއޭ ހީވާކަހަލަ މަންޒަރުތައް މިވަގުތު އެބަފެނެއެވެ. މި ދަންނަވައިލެވުނީ މެދުއިރުމަތީގެ ސިޔާސީ އަދި ޑިޕްލޮމަސީގެ ސްޓޭޖުމަތިން މިވަގުތު ފެންނަމުންދާ ބައެއް މަންޒަރުތަކުގެ ވާހަކައެވެ. މީގެ އަހަރެއް ދެއަހަރެއްވަރު ފަހަތަށް ޖެހިލައިގެން ހުރެ ވިސްނައިފިއްޔާ މިއީ މުސްތަހީލު ކަންކަމޭ ބުނެ ނިންމައިލާންޖެހޭ ޒާތުގެ ކަންކަމެވެ. އެކަމަކު ހިލަމެއްވެސް ވުމަކާނުލައި އެހެރަގެން ފެންނަނީ އަނެއް އަތަށް ކުއްލިޔަކަށް ބުރު އެނބުރިގެންދާ މަންޒަރެވެ. މެދުއިރުމަތި މެދުއިރުމައްޗަކަށްވާ ސަބަބަކީ މިއީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް އެއީ މެދުއިރުމައްޗެވެ. އެތާގައި މުސްތަހީލު ހަމައެއްކަމެއްވެސް ނޯންނާނެއެވެ. ނުހިނގާނެޔޭ، ނުވާނެޔޭ ހީވާ ކަންކަން އިރުއޮއްސިފައި އަނެއްދުވަހަށް އަލިވިލޭއިރު އޮންނަނީ ހިނގައިފައެވެ. އިޒްރޭލުގެ ކަނާތުފިޔައިގެ ހަރުކަށި ބޮޑުވަޒީރު ނަފްތަލީ ބެނެޓުގެ ދެއަތްތިލައިގައި ހޭކިފައި އެހެރީ ފަލަސްތީނުގެ ރައްޔިތުންގެ ލެއެވެ. އެކަމަކު އޭނާ މިވަގުތުވެސް އެހުންނެވީ ބަހުރައިނަށް ވަޑައިގެން އެތާގެ އަމީރާ މަޝްވަރާ ކުރެެއްވުމުގައެވެ. ދައްކަވަނީ ގުޅުންތައް ބަދަހިކުރާ ވާހަކަޔާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކައެވެ. ބަހުރޭނަށް އެ ވަޑައިގެންނެވީ ހަމަ މިކަހަލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެން ރަހުމަތްތެރިކަމާއި ދެނެގަތުން އުފެއްދުމުގެ އެތަކެއް މުއާހަދާގައި ސޮއިކުރެއްވިތާ މަދު ދުވަސްތަކެއް ފަހުންނެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމަށްވުރެވެސް ހައިރާންވާ ކަހަލަ އެހެން މަންޒަރެއް މިހަފުތާގެ ތެރޭގައި ވަނީ ފެނިގެންގޮސްފައެވެ. އަޚުވަންތަކަން ގާއިމުކުރުމުގެ ގޮތުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ މިހަފުތާގެ ހޯމަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފައެވެ. މިއީ ވެދާނެ ކަމެއްކަމަށް ކުރިން ބަޔަކަށް ލަފައެއް ވެސް ނުކުރެވޭނެއެވެ. ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މެދުއިރުމަތީގައި ހިނގާފައިވާ ކޮންމެ މައްސަލަޔަކާއި ކޮންމެ ހާދިސާއެއްގެ ދެފަރާތުގައި މި ދެގައުމު ހަރަކާތްތެރިވެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށެވެ. ސިޔާސީ ފިކުރަށް ބަލާނަމަ މިއީ ދުނިޔޭގެ ދެތަނޑިއޭ ބުނެވޭވަރަށް ދުރުމިން ހުއްޓެވެ. ނުގޮވާކަށް ނުކިޔާކަށް އެއްޗެއް ނެތެވެ. ސަރަހައްދީ އިމުން ގުޅިފައިވާނަމަ ހަނގުރާމައެއްވެސް ކުރީހެވެ.

އަރައިރުންތަކުގެ ކުޑަކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ފަރަންސޭސިވިލާތުގައި ބުރުގާ މަނާކުރުމާއި ގުޅިގެން ތުރުކީގެ ރައީސް އުރުދުޣާން ފަރަންސޭސި ރައީސް މެކްރޯނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވުމުން މެކްރޯނުގެ ދިފާއުގައި އުރުދުޣާން ކުށްވެރިކޮށް އެންމެ ބޮޑަށް ވަކާލާތުކުރީ އެމިރޭޓްސްއިންނެވެ. ކޮންމެއަކަސް އެއީ މިހާރު މާޒީއެވެ. އެމިރޭޓްސްގެ ވެރިޔާ ޝައިޚު މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް އުރުދުޣާން އަބޫދާބީއަށް ވަޑައިގެންފިއެވެ. އެއްބާރުލުން ދިނުމާއި ދެނެގަތުން ދެމެހެއްޓުމާބެހޭ ބާރަތޭރަ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. ކޮންމެ އެއްބަސްވުމަކާއެކު ކަރާއިކަރު ޖައްސަވައި ސަލާންކުރައްވައިފިއެވެ. ފާއިތުވި ދިހަ އަހަރުގެ ކޯޅުންތަކާއި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ރޭވިރޭވުންތައް އެއީ ނުވާކަމަކަށް ހައްދަވައި ހަނދާނުންވެސް ފޮހެލައްވައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޣާނަކީ އެއްގޮތެެއްގައި ސާބިތުވެ ހުންނަވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. މޫޑާއި އެއްގޮތަށް ދުވާލަކު ދެދަޅަޔަށް ސިޔާސަތު ބަދަލުކުރެއްވުމަކީ އުރުދުޣާން ކުރައްވާ ކަމެއް ނޫނެވެ. އުރުދުޣާންގެ ވެރިކަމާއި ދެކޮޅަށް މީގެ އަހަރުތަކެއް ކުރިން ތުރުކީގެ ސިފައިންގެ ބަޔަކު ހިންގާން އުޅުނު ބަޣާވާތަށް ވާގިވެރިވިކަމުގެ ތުހުމަތުވެސް އެމިރޭޓްސްއަށް އަމާޒުވެފައިވެއެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު ތުރުކީއާއި އެމިރޭޓްސްގެ ޒަމާންވީ ހަތުރުވެރިކަން އެއްފަރާތް ކުރައްވާފައި ކުއްލިޔަކަށް އަބޫދާބީއަށް އުރުދުޣާން ވަޑައިގެންނެވުމުގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެެއް އޮންނާނެކަމަށް ގަބޫލުކުރެވެއެވެ. އިގްތިސާދީ ސަބަބަކަށް ވެދާނެއެވެ. މެދުއިރުމައްޗަށް އަންނާން އުޅޭ ވަރުގަދަ ޒަލްޒަލާޔަކަށް ތައްޔާރުވުމުގެ ގޮތުން މިވަގުތަކަށް ރަހުމަތްތެރިކަން އިސްކުރަން މަޖުބޫރުވީކަމަށްވެސް ވެދާނެއެވެ.