މާލޭގެ ފަހާ ތަނެއްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އެކި ފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުވެ، ބަނގުލަދޭޝްގެ، ޝެޕޮން ދަލި ދިހަ އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ޝެޕޮން ދަލި އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލް އަމީން 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 18 ޖުލައި 2017 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިން އެ ދެމީހުން ވަޒީފާ އަދާކުރާ ފަހާތަނުގައި 13 އަހަރުގެ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާކަން ސާބިތުވާތީ އެ ދެމީހުން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެ މައްސަލަ ޝެޕޮން ދަލި ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވަނީ ފަހާތަނެއްގައި އެތަނުގައި ވަޒީފާ އަދާކުރާ ދެ ބިދޭސީންކަމާއި އެ ދެމީހުން ކުއްޖާއާ މެދު އެ އަމަލު ހިންގާފައިވަނީ އެ ތަނުގައި ހުންނަ ހެދުން ބަދަލުކުރާ ގޮތަށް ހަދާފައި ހުންނަ ތަނަކަށް ވެއްދުމަށްފަހު ކަމަށް ބުނެފައިވާ ކަމަށެވެ.
މި މައްސަލައިގެ ހާދިސާ ހިނގި އިރު، އެ ކުއްޖާއާ އެއް ގެއެއްގައި އުޅުނު އަންހެން ކުއްޖަކު، އަނިޔާ ލިބުނު ކުއްޖާއާ ވާހަކަދެއްކުމުން ބިދޭސީ މީހުން ކުއްޖާއާ ބެހުނުކަމަށް އޭނާއަށް ކިޔައިދީފައިވާ ކަމަށާއި އިތުރު މީހަކު ބެހުނު ވާހަކައެއް ކިޔައިދީފައި ނުވާ ކަމަށެވެ. އަދި ކުއްޖާއާ ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށާއި އެ ވާހަކަތަކުގެ ތަފުސީލު ތަހުގީގުގައި ކިޔައިދީފައިވާނެ ކަމަށެވެ.
ކުއްޖާއާ ބެހުނީ ފަހާތަނެއްގެ ތެރޭގައި ކަމަށާއި އެއީ ކުއްޖާ ޕީރިއަޑުނުވާތީ ޑޮކްޓަރަށް ދެއްކުމުން ކުއްޖާ ބަލިވެ އިންކަމަށް ބުނުމުން ކުއްޖާއާ އެކަމާ ސުވާލުކުރުމުން، ކުއްޖާ ފަހާތަނަށް ދިއުމުން ދެ ބިދޭސީ މީހުން އޭނާއާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ގުޅުން ހިންގާފައިވަނީ ފަހަރަކު މީހެއް ކަމަށް ވެސް އަނިޔާ ލިބުނު ކުއްޖާ، އަންހެން ކުއްޖާއަށް ކިޔައިދީފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންކަމުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ޝެޕޮން ދަލި ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާ ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު