ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ގަމު ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދި 35 އަހަރުގެ އަންހެން މީހަކަށް ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ހާލު ސީރިއަސްވި މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިޒޭރިއަން ހެދުމަށްފަހު ކުއްލިގޮތަކަށް އެ އަންހެން މީހާގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް މިހާރު އެމީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަމަށެވެ.
އެ ހާދިސާ ހިނގި ދުވަހުން ފެށިގެން ކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށާއި ހެލްތު މިނިސްޓްރީންވެސް އެ މައްސަލަ ބަލަމުން އަންނަކަން ފާހަގަކޮށް ގަމު ހޮސްޕިޓަލުން ބުނީ، އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މި މައްސަލަ ބެލުމަށްފަހު އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަމަ އެފަރާތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި މީގެއިތުރުން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރާނެ ވާހަކަވެސް ދަންނަވަމެވެ. ހަމަ އެހެންމެ މި މައްސަލަ ހިނގައިދިޔަ ގޮތް ބެލުމަށްފަހު ފާހަގަކުރެވޭ ކަމެއްވާނަމަ އެކަމެއް ތަކުރާރުވިޔަ ނުދިނުމައްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމުގައި ދަންނަވަމެވެ..،" ގަމު ހޮސްޕިޓަލުން ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް، ހާލު ދެރަވި އަންހެން މީހާގެ އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ އަންހެންމީހާ ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި ކަމަކުން ލޭ މަދުވެ ސިކުނޑިއާއި ލިވާ އަދި ކިޑްނީއަށް އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ލިވާ އަދި ސިކުނޑީގެ ހާލަތު ރަނގަޅު ކަމަށާއި ކިޑްނީ މަސައްކަތް ކުރުން ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް އޭނާ ބުންޏެވެ.
"ހެނދުނު 10:30 ގައި އޭނާ ސިޒޭރިއަން އަށް ވެއްދީ. 12 ޖެހި އިރު ނެރުނު އިރު ހެޔެއް ނާރާ. އިރުކޮޅެއްފަހުން މަޑުމަޑުން ހޭވެރިކަން އައި. އެކަމަކު ވަރަށް ބޮޑަށް ރިއްސާތީ އުޅުނީމަ 1:00 ޖެހި އިރު ނަރުހުންގެ ސަމާލުކަމަށް އެކަން ގެނައިން. ނަރުހުން އައިސް އިންޖެކްޝަނެއް ޖެހީ. ރިހުމަށް ބަދަލު ނައިސް އަނެއްކާ ތިނެއް ޖެހި އިރު ނަރުހުން އައިސް ދެވަނަ އިންޖެކްޝަނެއް ޖެހީ. އެއާއެކު އޭނާ އެއްކޮށް ހުއްޓުނީ،" ހާދިސާ ހިނގައިދިޔަ ގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.
ހާލު ދެރަވި އަންހެން މީހާ ކުރިން ދެ ފަހަރެއްގެ މަތިން ސިޒޭރިއަން ހަދާފައިވާ އިރު، ހާލަތު ގޯސްވާން ފެށީ ތަދުކެނޑުވުމަށް ޖެހި ދެވަނަ އިންޖެކްޝަނާއެކު ކަމަށާއި މިނިޓެއް ވަންދެން އަންހެން މީހާގެ ހިތް ހުއްޓިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ، އަންހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން ބޭނުންވި ނަމަވެސް އޭނާގެ ހާލު މިވަގުތު ސީރިއަސްވުމުގެ ސަބަބުން އެކަމަށް ޑޮކްޓަރުން އަދި ހުއްދަ ނުދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު