އީރާނުގެ ނިއުކުލިއަރ މަޝްރޫއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ފިލުވައި މި މައްސަލަޔަށް ދާއިމީ ހައްލެއް ހޯދުމުގެ ނިޔަތުގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އައު ބުރެއް އޮސްޓްރިޔާގެ ވިއެނާގައި ހުސްވި ހަފުތާގެ އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. މިއީ އެތައް އަހަރަކަށް މި މަޝްވަރާތައް މެދުކެނޑިފައި އޮތުމަށްފަހު މީގެ ދިހަމަސް ކުރިން އަލުން މަޝްވަރާތައް ފެށިފަހުން ބޭއްވެމުން އަންނަ ބުރުބުރުގެ ތެރެއިން ބުރެކެވެ. ހުސްވި އަހަރުގެ އެޕްރީލް މަހުން ފެށިގެން މި މަޝްވަރާތަކުގައި އީރާނުގެ އިތުރަށް ދެން ބައިވެރިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޖާމަނީ، ރޫސީވިލާތް އަދި ޗައިނާގެ މަންދޫބުންނެވެ.
މަޝްވަރާތައް އަމާޒު ކުރެވިފައިވަނީ 2015 ވަނަ އަހަރު ސޮއިކުރެވިފައިވާ ނިއުކުލިއަރ މުއާހަދާއަށް އަލުން ދިރުން ގެނެސް އަމަލުކުރަން ފެށުމާ ގުޅޭ ކަންކަމަށެވެ. އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕު ހުންނެވި ދުވަސްވަރު 2018 ވަނަ އަހަރު އެމެރިކާ ވަނީ އަމިއްލަޔަށް މި މުއާހަދާއިން ވަކިވެފައެވެ. އޭގެފަހުން މި މައްސަލާގައި އެމެރިކާޔާއި އީރާނުގެ މެދުގައި ސީދާކޮށް މަޝްވަރާތަކެއް ނުކުރެވެއެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑެން ވަޑައިގެންނެވި ހިސާބުން މި މުއާހަދާއަށް އަލުން ދިރުން ގެނައުމަކީ ބައިޑެންގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތް ބޭނުންވިޔަސް އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ބޭނުމެއް ނުވެއެވެ.
ވާހަކަތައް އަލުން ފަށައިގެން އައިސް ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އަށެއްކަ ބުރުގެ މަޝްވަރާތައް ބޭއްވުނުއިރު ކޮންމެވެސް މިންވަރެއްގެ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް ބޮޑެތި ޚިލާފުތައް އަދިވެސް ހުރިގޮތަށް ހުރީއެވެ. ޚާއްސަގޮތެއްގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ލުއިދޭންވީ ނުވަތަ އުވައިލާންވީ ފިޔަވަޅުތަކާމެދު އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ނުލިބެއެވެ. ޓްރަމްޕުގެ ޒަމާނުގައި އަލަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް މުޅިން އުވައިލުމަށް އީރާނުން އެދޭއިރު ބައިޑެންގެ ސަރުކާރުން ބުނަނީ އުވައިލެވޭނީ ނިއުކުލިއަރ މުއާހަދާއާ ފުށުއަރާ ފިޔަވަޅުތައް އެކަނި ކަމުގައެވެ. އެއީ ކޮން ފިޔަވަޅުތަކެެއްކަން ނުނިންމެއެވެ.
އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމަށް ކިޔަނީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން، ޖޭސީޕީއޯއެވެ. މި އެެއްބަސްވުމުގައި ބުނަނީ އީރާނުގެ ނިއުކުލިއަރ މަޝްރޫއުގެ އެކި ބައިތައް ހަނިކޮށް ކުޑަކޮށް އެ މަޝްރޫއުގެ ދުވެލި ލަސްކުރުމަށް ޝަރުތުކޮށް އީރާނާ ދެކޮޅަށް ކުރީއްސުރެ އެޅިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ވާހަކައެވެ. މުޅި މުއާހަދާގެ މައިގަނޑަކީ އެއީއެވެ. އެހެންނަމަވެސް ޓްރަމްޕުގެ ވެރިކަން ފެށުމާއެކުހެން އެމެރިކާ ވަނީ އައު ފިޔަވަޅުތައްވެސް އަޅައި ކުރީއްސުރެ ހުރި ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މިކަމުގެ ރައްދެއްގެ ގޮތުގައި އީރާނުން ވަނީ ނިއުކުލިއަރ މަޝްރޫއު ފުޅާކޮށް ހަލުވިވެސް ކޮށްފައެވެ.
އީރާނުގެ ނިއުކުލިއަރ މަޝްރޫއުގެ މައްސަލަ މައްސަލަޔަކަށް ވެގެން އުޅެނީ އީރާނުގެ މަގުސަދަކީ ނިއުކުލިއަރ ހަތިޔާރު އުފެއްދުން ކަމަށް ހުޅަނގުގެ ގައުމުތަކުން ހީކުރާ ހީކުރުމެވެ. އެކަމަކު އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ މި މަޝްރޫއަކީ ހަކަތަ އުފެއްދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ސުލްހަވެރި މަޝްރޫއެއް ކަމުގައެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދުމަކީ އީރާނުގެ ނިޔަތެެއް ނޫން ކަމުގައެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދިޔަސް އަދި ހަކަތަ އުފެއްދިޔަސް ވަކި މިންވަރަކަށް ވަކި މިންގަނޑަކަށް ޔުރޭނިއަމް ފައްކާކުރަން ޖެހެއެވެ. އެ ނިސްބަތް ފާއިތުވީ ތިން އަހަރުގެ ތެރޭގައި އީރާނުން ވަނީ ވަރަށް ބޮޑަށް މައްޗަށް ޖައްސައިފައެވެ. މިއީ އެމެރިކާ އެންމެ ކަންބޮޑުވާ މައްސަލައެވެ.
ވިއެނާގައި ކުރިއަށް ގެންދާ ވާހަކަތަކުން ނަތީޖާއެއް ނެރެވޭނީ ދެ ފަރާތުންވެސް ދޫތަކެއް ދީގެންނެވެ. ހުޅަނގުން ކުރަންޖެހޭ ކަމަކީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމެވެ. ނުވަތަ އުވައިލުމެވެ. އީރާނުން ކުރަންޖެހޭ ކަމަކީ ނިއުކުލިއަރ މަޝްރޫއު ހަނިކޮށް ކުޑަކުރުމެވެ. އެންމެންނަށް ފެންނަ ގޮތަށް ހާމަކަންބޮޑު ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމެވެ. މިހާރު އެއްބަސްވުމަކަށް އަންނަން ޖެހެނީ މިކަންކުރާނެ ގޮތަކާއި ތާވަލަކާމެދުގައެވެ. ދެ ފަރާތުންވެސް ދޫތަކެއްދީ ހަރުކަށިކަން ދޫކޮށްލަން ޖެހެނީ މި އަމާޒަށް ވާސިލްވުމަށްޓަކައެވެ. އެކަން ނުކުރެވޭނަމަ ވާހަކަތަކުގެ ބޭނުމެއް ނެތެވެ. ވާހަކަތަކުގެ ބޭނުމެއް ނުފެންނަންޏާ މިފަހަރު މިފެށުނު މަޝްވަރާތައް މިހިސާބުން ނިމުންވެސް އެކަށީގެންވެއެވެ. އެކަމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ.