އައްޑޫސިޓީގައި އޮތް ދެ ރިސޯޓު ކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ ހުޅުވުން ލަސްވާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލު ކޮށްފިއެވެ.

އެ މައްސަލައިގައި، ޓޫރިޒަމް މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައި ވަނީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

ރޮޒެއިނާގެ ސުވާލުގައި ވިދާޅުވެފައި ވަނީ، ކޮވިޑް 19 ފެށުނުއިރު ބަންދުކުރި ގޮތަށް ހެރެތެރެ އާއި ޝަންގްރިއްލާ، މިއަދާ ހަމައަށްވެސް ނުހުޅުވިވާތީ، އޭގެ ސަބަބުން އައްޑޫސިޓީގެ އެތައް ރައްޔިތުންނެއް ތިބީ ވަޒީފާ ގެއްލި، އާމްދަނީއެއް ނުލިބި ވަރަށް ދަތި ހާލުގައި ކަމަށެވެ.

އެ ދެ ރިޒޯޓު ހުޅުވޭނެ އެކި މުހުލަތުތައް ވެސް މިނިސްޓްރީން ދެމުން އައިސް މިއަދާ ހަމައަށްވެސް ދެ ރިޒޯޓު ހުޅުވިފައި ނުވާތީ އެ ދެރިސޯޓް ނުހުޅުވި ލަސްވަނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި އެ ދެ ރިޒޯޓު ހުޅުވޭނެ ދުވަހެއް ތަފްސީލުކޮށް ދެއްވުމަށްވެސް ރޮޒެއިނާ ވަނީ ހުށަހަޅުއްވައިފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަދަލު ގެންނަން، އިދިކޮޅު ޕީޕީއެމްގެ މެންބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސް ފެށުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ކަނޑިތީމު ދާިއރާގެ މެންބަރު އަބުދުﷲ ޝަހީމް ހުށަހަޅުއްވާފައިވާ ބިލާއި، ނެތިގެން ދިއުމުގެ ބިރު ހީވެފަިއވާ ދިރޭތަކެތީގެ ބައިނަލް އަގުވާމީ ވިޔަފާރި ކުރުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.