ކޮވިޑު ބަލި މަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ.
އެ ކެޓަގަރީތަކުގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާއެކުގައި މަސައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250 ރުފިޔާ ދޭގަތަށް ކެޓަގަރީކުރި އިރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200 ރުފިޔާ ދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
އެހެން ނަމަވެސް އެލެވެންސްތަކާމެދު އިހުމާލުވަމުންދާ ކަމަށާއި ހިޔާނާތްތެރިވަމުންދާ ކަމުގެ ޝަކުވާގެ އަޑު މެދުނުކެނޑި އަންނަނީ އިވެމުންނެވެ. އެއްބަޔަކު ހެލްތު މިނިސްޓްރީ ބޭރުގައި މުޒާހަރާކޮށް، އަނެއް ބަޔަކު ހޮސްޕިޓަލް ތެރޭގައި މުޒާހަރާކޮށް އަދި އަނެއް ބަޔަކު ރައީސް އޮފީހާއި މަޖިލީހާއި ހެލްތު މިނިސްޓްރީއަށް ޕެޓިޝަނާއި ސިޓީ ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މިކަމަށް ހައްލެއް ލިބި މި ޝަކުވާގެ އަޑު ކެނޑޭ ގޮތެއް ނުވި އެވެ.
ދާދި ފަހުން ފެނިގެން ދިޔައީ ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް އެމީހުންނަށް ހައްގުވާ ފްރޮންޓްލައިން އެލެވެންސްތައް ނުލިބިގެން އެ މައްސަލަ ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަނެވެ. ނަމަވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް އަދިވެސް މައްސަލައަށް އެދެވޭ ހައްލެއް ނުލިބެއެވެ. މިއީ ސަރުކާރުން ކަނޑައަޅާފައިވާ ހައި ރިސްކު ކެޓެގެރީގައި ހިމެނޭ ބޭފުޅުންގެ ވާހަކަ އެވެ.
އެންމެ ފަހުން މިއަދު އިވިގެން ދިޔައީ އައިޖީއެމްއެޗް އެޓެންޑެންޓުންގެ ވާހަކައެވެ.
މީގެ އަށެއްކަ އަހަރު ކުރިން ފެށިގެން އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނަ އެޓެންޑެންޓަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ ފްރޮންޓްލައިން އެލަވަންސް އެއްވެސް ވަރަކަށް ނުލިބޭ މީހުންވެސް އެބަތިބި ކަމަށެވެ. ހަމަ މި މަގާމުގައި ތިބި އެހެން ބަޔަކަށް ބަރާބަރަށް ބޮޑެތި އަދަދުތަކުން ފްރޮންޓްލައިން އެލަވަންސް ލިބޭ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މި މައްސަލައަށް ހައްލު ހޯދަން އެތައް ފަހަރެއްގެ މަތީން އައިޖީއެމްއެޗުގެ ސީނިއާ ބޭފުޅުންނާއި ހިއުމަން ރިސޯސް ޑިޕާޓުމަންޓާއި ފައިނޭންސްގައި އެތައް ވަރަކަށް ޝަކުވާ ކުރި ކަމަށެވެ. ނަމަވެސް ބަލާނެ ކަމަށް ބުނުން ފިޔަވައި އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ބިދޭސީ އެޓެންޑެންޓުނަށް ބަރާބަރަށް އެކި ނަންނަމުގައި އެލަވަންސް ދެމުން އަންނައިރު ދިވެހި އެޓެންޑެންޓަށް އެފަދަ އެލަވަންސްތައް އެއްވެސް ވަރަކަށް ނުލިބޭކަން "ވަން" އާ ވާހަކަ ދެއްކި އެހެން އެޓެންޑަކު ވަނީ ބުނެފަ އެވެ.
"ބިދޭސީންނަށް އެބަ ލިބޭ ފުޑް އެލަވެންސް. އޯޓީ އާއި ލިވިން އެލަވަންސް. ނުވިތާކަށް މި ފްރޮންޓްލައިން އެލަވަންސްވެސް އެތައް ދިވެހި އެޓެންޑެންޓުންނަށް ނުލިބޭ އިރު މި ބިދޭސީ މީހުންނަށް އެބަލިބޭ. ހަމަ އެމީހުންނާ އެއް މަގާމެއްގަ އަޅުގަނޑުމެން މިތިބެނީ. އެމީހުން ކުރާ މަސައްކަތް އަޅުގަނޑުމެންވެސް މިކުރަނީ. އެމީހުން އޮފް ދުވަހު ނިކުމެއްޖެއްޔާ ޑަބަލް އޯޓީ އެބަދޭ. އެކަމަކު ދިވެހިންނަކަށް ނުދޭ މިވެސް. އޮފް ދުވަހު ދިވެއްސަކު ނިކުންނަން ބޭނުންވިޔަސް އެ ފުރުސަތު ނުވެސް ދޭނެ. ދެން ޔުނީފޯމު އެލަވަންސް ދިވެހިންނަށް ނުދޭތާ ހަތަރު އަހަރު ވެދާނެ." އޭނާ ބުންޏެވެ.
އޭނާ ބުނީ މި މައްސަލަ މިހާރު ހެލްތު މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެޓެންޑެންޓުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ޕެޓިޝަނުގައި ހިމަނައި 30 މީހުންގެ ސޮޔާއެކު މިއަދު އެ ޕެޓިޝަން ރައީސް އޮފީހަށާއި ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެޓެންޑެންޓުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ އެ މީހުންނަކީވެސް ހައި ރިސްކު ކެޓެގަރީ އަށް ނިސްބަތްވާ މީހުން ކަމަށެވެ. އެހެން ކަމަށްވާނަމަ ހައި ރިސްކު ކެޓެގަރީ މީހުންނަށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސް އެމީހުންނަށްވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެމީހުންނަކީ ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައްޔާއި، ތަންތަން ޑިސް އިންފެކްޓު ކުރުމުގައްޔާއި ނަގާ ހުރިހާ ސާމްޕަލްތަކެއް ލެބޯޓަރީއަށް ގެންގޮސް ދިނުމުގައްޔާއި ބަލި މީހާ އޮންނަ ތަނާއި ބަލި މީހާ ސާފު ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ކަމަށްވާއިރު އެ މީހުންނަށް އެ ލިބެން ޖެހޭ ހައްގު އެލަވަންސް ނުލިބެންވީ ސަބަބެއް ނެތް ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން މި އެލަވަންސްތައް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު އެމީހުންނަށް އަވަހަށް ލިބުމަށް އެދޭ ކަމަށާއި މިކަން ހިނގައިދިޔަ ގޮތް ބެލުމަށްވެސް މި ޕެޓިޝަނުގައި ވަނީ އެދިފަ އެވެ. އަދި ދިވެހިންނަކީވެސް ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅޭ ބައެއް ކަމަށާއި އެ މީހުންނަށްވެސް ލިވިން އެލަވަންސަ ދިނުމަކީ އޮންނަން ޖެހޭ ކަމެއް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ "ވަން" އަށް މިއަދު ވިދާޅުވީ، މިހާތަނަށް އައިޖީއެމްއެޗްގެ އެޓެންޑެންޓުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓީޝަނެއް އެ މިނިސްޓްރީއަށް ލިބިފައިވާކަން އަދި އެދިވަޑައިނުގަންނަވާ ކަމަށެވެ. އައިޖީއެމްއެޗަކީ ވަކި ބޯޑެއްގެ ދަށުން ހިންގާ ތަނަކަށްވުމުން އެފަދަ މައުލޫމާތުތައް ސާފުކުރެވޭނީ އެ ހޮސްޕިޓަލުން ކަމަށެވެ.
އައިޖީއެމްއެޗަށް ގުޅުމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ އެޓެންޑެންޓުންނާ ގުޅޭ އެފަދަ މައްސަލައެއް އުޅޭ ކަމެއް އެނގިފައި ނުވާ ކަމަށާއި އަދި އެފަދަ ޝަކުވާއެއްވެސް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އިތުރަށް ބަލާފައި ގުޅުއްވާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ ޕެޓިޝަނެއް އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި ޕެޓިޝަނުގައި ހިމަނާފައިވާ ކަންކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެޓެންޑެންޓުންގެ އޯޓީ ސިސްޓަމަށް އެޅުމުގެ މަސައްކަތް މިހާރު އައިޖީއެމްއެޗުން ވަނީ ފަށާފަ އެވެ. އަދި ކުރި މަސައްކަތުގެ ތަފުސީލީ ރިޕޯޓު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި އަވަސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް