ޗެލްސީގެ ކާމިޔާބީތަކަށް އެހެން ޓީމުތަކުން ވަރަށް ބޮޑަށް "ޖެލަސް" ވާކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވިތާ އަދިވީ ގާތް ގަނޑަކަށް އަހަރެކެވެ. އެހެން ނަމަވެސް އޭނާ ވަނީ ކްލަބާއެކު މިހާތަނަށް ތިން ތަށްޓެއް އުފުލައިލައިފައެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ސުޕަ ކަޕް އަދި ކްލަބު ވޯލްޑް ކަޕެވެ. ޗެލްސީން ރޭ ޑުބާއީގައި ކުޅުނު ކްލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ޕަލްމޭރީސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭ ޗެލްސީން ކުޅުނު ކްލަބު ވޯލްޑް ކަޕްގެ ފައިނަލަކީ އެ ކްލަބުގެ ތާރީހުގައި ކުޅުނު ދެވަނަ ކްލަބު ވޯލްޑް ކަޕް ފައިނަލެވެ. 2012 ވަނަ އަހަރު ޗެލްސީން ކުޅުނު ފުރަތަމަ ކްލަބު ވޯލްޑް ކަޕް ފައިނަލުން އެޓީމު ބަލިވީ ބްރެޒިލްގެ ކޮރިންތިއަންސް އަތުންނެވެ. އެ ފައިނަލުން ބަލިވި ނަމަވެސް ޗެލްސީން ރޭ ވަނީ ދުނިޔޭގެ ފުޓުބޯޅައިގައި އެ ކްލަބަށް ހޯދެން އޮތް ހުރިހާ ތަށްޓެއް ހަމަކޮށްފައެވެ.

ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ރޭގެ މެޗު ބެއްލެވުމަށް ސްޓޭޑިއަމްގައި އިންނެވި އިރު، ރަޝިއާގެ ބިލިއަނަރު އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. ރޭގެ ކުރިން ޗެލްސީއަށް ނުލިބި އޮތް ހަމައެކަނި ތަށްޓަކީ ކްލަބު ވޯލްޑް ކަޕެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ ޗެލްސީގެ ކާމިޔާބީތަކަށް ކްލަބުތަކުން "ޖެލެސްވާ ކަމަށް"، އޭނާ ކުޅުންތެރިން ކައިރީގައި ބުނި ކަމަށެވެ.

"ޗެލްސީގެ ކާމިޔާބީތަކަށް އެހެން ކްލަބުތަކުން ވަރަށް ބޮޑަށް ޖެލެސް ވާ ކަމަށް އަހަރެން ޑްރެސިން ރޫމުގައި ކުޅުންތެރިން ކައިރީގައި ބުނިން. އެކަމަކު ހުއްޓުމެއް ނެތި، ހުވަފެންތައް ހަގީގަތަކަށް ހަދަމުން މިދަނީ. މިއީ ކުޑައިރުންސުރެ ކުޅުންތެރިން ދެކޭ ހުވަފެންތައް. މިއީ ހާއްސަ މެޗުތަކެއް. މިއީ އަދަޔާހިލާފު މުހިއްމު ފުރުސަތުތަކެއް،" ޓުޗެލް ބުންޏެވެ.

ކޮވިޑް 19ގެ ސަބަބުން ޗެލްސީން ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗު ޓުޗެލްއަށް ގެއްލުނު ނަމަވެސް ރޭގެ ފައިނަލުގައި އޭނާ ވަނީ ޓީމަށް އިރުޝާދު ދީފައެވެ. މިދިޔަ އަހަރު ފީފާއިން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ޓުޗެލް ބުނެފައި ވަނީ މެޗުގެ ނަތީޖާ ޗެލްސީ ކޮޅަށް އެނބުރުނީ ހުއްޓައިނުލައި، އޭނާގެ ޓީމުން ކުރި މަސައްކަތުން ކަމަށެވެ. ހުއްޓައި ނުލައި، އަދިވެސް ޓީމު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.