އިންސާނުންނަށް ކުރެވޭ އިހުސާސްތަކުގެ ތެރެއިން އެންމެ އާންމުކޮށް ދިމާވާ އެއްކަމަކީ ރުއިމެވެ. ނުވަތަ ރޮވުމެވެ. މިއީ ހުރިހާ އިންސާނުންވެސް ތަޖުރިބާ ކުރާ ކަމެކެވެ. ލޮލުން ފައިބާ ކަރުނަ އާއި ގިސްލެވޭ އަޑަކީ މި އިހުސާސް ކުރެވުމުން ފެންނަ ކަންތައްތަކެވެ. އެއްވެސް މީހަކަށް މިކަން ތަޖުރިބާ ނުކޮށް މިކަމުން މިންޖުވެވޭކަށް ނޯވެއެވެ.
ހަޔާތުގައި އެއްފަހަރު ނަމަވެސް، ކޮންމެ އިންސާނަކުވެސް ބާރުބާރަށް ރޮމުން ރޮމުން ގޮސް ނޭވާ އުފުރި މީހާ އަނބުރައިގަންނަ ވަރަށް ރޯނެއެވެ. އުފަލާއި ހިތާމަ، ނަފުރަތާއި ރުޅިވެރިކަން، ހާސްވެ ކަންބޮޑުވުމާއި ބިރުގަތުން ފަދަ ވަގުތުތަކުގައިވެސް އެންމެ ގާތް އެކުވެރިޔަކީ ރުއިމެވެ. އެކަމަކު މިފަދަ އާންމު ކަމަކާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދައި، މިކަމާ ބެހޭގޮތުން އާ ތަފާތު ހޯދުންތައް ވަރަށް މަދުން ނޫނީ ނުފެނެއެވެ. ނަފުސާނީ މާހިރުން ރުއިމަށްދޭ ސަމާލުކަން ވަރަށް ކުޑައެވެ. އެހެންކަމުން މީހަކު ރޮއިފިނަމަ އޭގެ ސަބަބެއް ދެނެގަންނާކަށް އަނެކަކަށް ނޭނގެއެވެ.
ދާދިފަހުން 2020 ވަނަ އަހަރު ނަފުސާނީ މާހިރަކު، ސައިންސުގެ ދިރާސާއަކަށްފަހު ކަރުނައާ ބެހޭގޮތުން ނެރުނު ލިޔުމެއްގައި "ރުއިމަކީ ހައްލެއް" ކަމަށް ބުނެފައި އެވަނީ ދޮގެއް ނޫނެވެ. ރުޅިއަޔަސް، ހާސްވާ ފަދަ ކަމެއް ދިމާވިޔަސް، ބިރުގަތަސް އަދި އުފާވިޔަސް ރޮވުމުން މީހާ ހަމައަކަށް އެޅެއެވެ. އެހެންކަމުން ރުއިމާ ބެހޭގޮތުން ކޮންމެވެސް މިންވަރެއްގެ މައުލޫމާތެއް އެނގުމަކީ މުހިންމު ކަމެކެވެ.
ބައެއް މީހުން ތިމާއަކީ އެއްގޮތަކަށްވެސް ނުރޯ މީހެއްކަމުގެ ދައުވާ ކުރެއެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުގައި ކަރުނަ ލޮލުން ފޫދެން އުޅުމުން ގަދަ ބާރުން ނުރޮއި ހިފަހައްޓައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރުއިމަކީ ފިނޑިކަމުގެ ހެއްކެކެވެ. އެހެންނަަމަވެސް މިއީ ތެދު ސައްހަ ވާހަކަތަކެއް ނޫނެވެ.
- މިޒާޖު ހަމައަކަށް އެޅުވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ.
- ރުއިމުގެ ސަބަބުން ނޭފަތް ސާފުވެއެވެ.
އެކިމީހުންގެ މެދުގަައި އޮންނަ ގުޅުންތައް ހަރުދަނާކޮށް ގަދަފަދަކޮށްދެއެވެ. މިނޫންވެސް އެތައް ބައިވަރު ސަބަބުތައް ހޯދިފައިވާ އިރު، ކަމެއް ދިމާވުމުން ރޮވޭގޮތްވީމަ އެކަމާ ލަދުގަންނަނީ ކީއްވެގެން ހެއްޔެވެ. ހޭލުންތެރިވުމަށް ގިނަ ލިޔުންތައް ކިޔައި ތަންދޮރު އެނގޭ ފަދަ ހިޔާލުތައް ހޯދައި އަމިއްލަ މައުލޫމާތުގެ އެހީގައި އަމިއްލަ ނަފުސު ކުރިއަރުވާށެވެ.
ރުއިމާއި ކަރުނައާ ބެހޭގޮތުން ލިބޭ ފައިދާއަށް ބަލާއިރު ލޮލުގެ އެތެރެ ސާފުވުން ހިމެނެއެވެ. ހިރަފުހާއި ނުފެންނަ ކުދި ޒައްރާތަކުން ލޯ ސާފުކޮށް ލޯތެރެ ދޮވެލަދެނީ އެއްވެސް ދަތިކަމަކާ ނުލައި ފަސޭހަކޮށެވެ. އަދި ސިކުނޑިއަށް ލިބިފައިވާ ހާސްކަން ނައްތައި، ހަމަޖެހިލައިގެން ތުއްތު ކުއްޖެއް ފަދައިން ނިދައިލެވޭނެއެވެ.
ރުއިމަކީ ފިނޑިކަމެއް ނޫނެވެ. ކިތަންމެ ހިތްވަރުގަދަ، ހަށިގަނޑުން ބިޔަ މީހަކަސް ރޯން ޖެހޭނެ ހާލަތެއް މެދުވެރިވެދާނެއެވެ. މިއީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ. ވީއިރު ރުއިމާ ދެކޮޅު ހެދުމުގެ މާނައެއް ނެތެވެ. ކަންކަމާ ބެހޭގޮތުން ދެނެގަނެ މައުލޫމާތު ހޯދުމުން ކޮންމެ ކަމެއްވެސް އެކަމެއްގެ ގޮތުގައި މުހިންމު ކަމަކަށް ވާނެކަން ޔަގީނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް