ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީގެ އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އީމެއިލް [email protected] އަށް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމަގާމުތަކަށް ކުރިމިލާ ފަރާތްތަކުން މިމަހުގެ 19 ވާ ހޮނިހިރު ދުވަހުގެ 4:00 ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެމަގާމުތަކަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމުތަކުގެ އިންތިހާބުގެ އިތުރުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ އިންތިހާބު ވެސް އެ ތާރީގައި ބާއްވަން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް މީހަކު އައްޔަނުކުރުމުގެ އިންތިހާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިރު، އެ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ޗެއާޕާސަންކަމުގެ ދައުރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންޖެހެއެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު