ދުނިޔެ

އަދުގެ ދުނިޔެ: ދެ ބޮޑުވަޒީރުންނާއެކު ލީބިޔާގެ މަސްރަހު އަނެއްކާވެސް ނާމާންވެފައި

އިމާދު ލަތީފު

ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބުރާސްފަތި ދުވަހު އެގައުމުގެ ބޮޑުވަޒީރުކަމަށް ކުރީގެ ދާޚިލީ ވަޒީރު ފަތުހީ ބަޝާޣާ އައްޔަންކޮށްފައެވެ. ގާނޫނު ހަދާ މަޖިލީހުގެ މިނިންމުމަކީ ލީބިޔާއަށް ހަމަޖެހުން ގެނެސް ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، ހަނގުރާމަ އިތުރަށް ވަރުގަދަވެ ބައިބައިވުންތައް ކުރިއަށްވުރެވެސް ސީރިއަސްވެގެން ހިނގައިދާނޭ ނިންމުމެކެވެ. ލީބިޔާގެ އިރުމަތީގައި ވަކި ސަރުކާރެެއް، އަދި ހުޅަނގު ބިތުގައި ވަކި ސަރުކާރެއް އުފެދި ދެބައިމީހުންގެ މެދުގައި އައު ކުރިމަތިލުންތަކަކަށް ކޮށުނު މަގަކަށްވެސް ވެދާނެއެވެ. އެހެންވީމާ ގިނަ ބަޔަކު މިހާރުތިބީ މިނިންމުމާ ގުޅިގެން ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދެ ބޮޑުވަޒީރުން ތިއްބަވަން މެދުވެރިވީ ކީއްވެގެން؟

ލީބިޔާގެ ގާނޫނު ހަދާ މަޖިލީސް ގާއިމުވެގެން ވަނީ އެގައުމުގެ އިރުމަތީ ބިތުގައެވެ. މަޖިލީހުގެ ނިންމުން އައީ މިހާތަނަށް ބޮޑުވަޒީރުކަމުގައި ހުންނެވި އަބްދުލްހަމީދު ދުބައިބާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވި ފޭލްވެއްޖެކަމަށް ބުނެފައެވެ. ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހުނު އިންތިޚާބުވެސް ނުބޭއްވި ލަސްކުރާން ޖެހުމުގެ ސިއްރަކީ ދުބައިބާ ކަމަށް ބުނެފައެވެ. މިނިންމުން އައީ ވެރިރަށް ޓްރިޕޮލީގައި ބޮޑުވަޒީރު ދުބައިބާ ދަތުރުކުރެއްވި ކާރަށް ބަޑިން ހަމަލާދީ އޭނާ އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރިތާ މާގިނަ ވަގުތުތަކެއްވެސް ނުވަނީހެވެ. ދުބައިބާއަކީ ލީބިޔާގެ ހުޅަނގުބިތަށް ނިސްބަތްވެވަޑަައިގަންނަވާ ބޭފުޅެކެވެ.

ބޮޑުވަޒީރުކަމަށް އައު ބޭފުޅަކު އައްޔަން ކުރުމުގެ ކުރިން ދުބައިބާ ވަނީ މިކަން މިމަގުން ނުކުރުމަށްވެސް އިންޒާރު ދެއްވައިފައެވެ. ލީބިޔާގައި އިންތިޚާބެއް ބޭއްވުމުގެ ކުރިން ދެވަނަ ސަރުކާރެެއް ނުއުފެއްދުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ. އިންތިޚާބަކާ ނުލައި އައްޔަންކުރެވޭ ބޮޑުވަޒީރަކާ ވެރިކަމުގެ ބާރުތައް ހަވާލު ނުކުރައްވާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އިރުމަތީގެ ސަހަރެއް ކަމުގައިވާ ތަބްރޫކުގައި ގާއިމުވެފައިވާ މަޖިލީހުގެ މިނިންމުމަކީ ހުޅަނގުބިތުގައިވާ ވެރިރަށް ޓްރިޕޮލީއަށް ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ވަދެގަތުމަށް އިރުމަތީގެ މީހުން ކުރާ ޣައިރު ގާނޫނީ މަސައްކަތެއް ކަމަށްވެސް ދުބައިބާ ވަނީ ސިފަކުރައްވައިފައެވެ.

ވެރިކަމުގެ ބާރުތައް ހަވާލު ނުކުރައްވާނޭ ކަމަށާއި ތަބްރޫކުގައި އޮންނަ މަޖިލީހުގެ ނިންމުމަކީ ބަޣާވާތެއް ކަމަށް ދުބައިބާ ވިދާޅުވިޔަސް އައު ބޮޑުވަޒީރު ބަޝާޣާ ވަނީ ވެރިރަށް ޓްރިޕޮލީއަށް ވަޑައިގެންފައެވެ. އޭނާ ވިދާޅުވަނީ މަޖިލީހުގެ ނިންމުމަކީ ޑިމޮކްރަޓިކް ގާނޫނީ ނިންމުމެއް ކަމަށާއި އެނިންމުމަށް ދުބައިބާވެސް އަދި އެނޫން ފަރާތްތަކުންވެސް އިހުތިރާމް ކުރާނޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. ސުލްހަވެރިކަމާއެކު ބާރުތައް ހަވާލުކުރައްވާނޭ ކަމަށް ހީފުޅު ކުރައްވާ ކަމުގައެވެ. އެހެންނަމަވެސް ކަންތައް އަދި ފެންނަނީ އެވިދާޅުވާ ގޮތަކަށް ނޫނެވެ. ބާރުތައް ހަވާލެއް ނުކުރެއެވެ. މަސްރަހު ދަނީ ނާމާންވަމުންނެެވެ.

ގާނޫނީ ހައިސިއްޔަތާއި ބާރު އޮތީ ކޮން ފަރާތެއްގައި؟

ލީބިޔާގައި މިވަގުތު ދެ ބޮޑުވަޒީރުން ތިއްބެވުމާއެކު މިތަނުން ގާނޫނީ ހައިސިއްޔަތު އޮތް ބޮޑުވަޒީރަކީ ކާކުތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އދ.ގެ ތަރުޖަމާނު އިއްޔެ ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ނަޒަރުގައި އަދިވެސް ހަގީގީ ބޮޑުވަޒީރަކީ ދުބައިބާ ކަމުގައެވެ. އެ ހައިސިއްޔަތު އަދި ބަދަލުނުވާ ކަމުގައެވެ. އދ.ގެ ތަރުޖަމާނު މިގޮތަށް ވިދާޅުވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ތާއީދު އޮތީ އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރު ބަޝާޣާއަށެވެ. ޚާއްސަކޮށް އިރުމަތީގެ ގައުމުތަކުގެ ރުހުން އޮތް ކަމަށް ބެލެވެނީ އޭނާއަށެވެ. ކުރިންވެސް ހުންނެވި ބޮޑުވަޒީރު ދުބައިބާގެ ފަރާތުގައި ތިބީ ހުޅަނގުގެ ބާރުތަކާއި ގައުމުތަކެވެ.

އަލަށް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުނު ބަޝާޣާއަކީ ހަގީގަތުގައި ދުބައިބާ ފަދައިން ހުޅަނގު ބިތަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ދާޚިލީ ވަޒީރުކަން ކުރެއްވި ޒަމާނުގައި ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ތާއީދުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ހުޅަނގުބިތުގައިވާ މިސްރާތާގެ ހަނގުރާމަވެރިންގެ ރުހުންވެސް އޭނާއަށް އެބައޮތްކަމަށް ބެލެވެއެވެ. ދުބައިބާގެ ބާރު ކަނޑުވައިލުމަށް ހުޅަނގުބިތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު އައްޔަން ކުރެއްވުމަށް އިރުމަތީބިތުގެ ލީޑަރުންނަށް ފެނިވަޑައިގަތުމުގެ ސިއްރަކީ އެއީ ކަމަށް ހީކުރެވެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަގީލާ ސާލިހާއި އިރުމަތީގައި ގާއިމުވެފައިވާ ލީބިޔާގެ ގައުމީ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް ޚަލީފާ ހަފްތާރުގެ ތާއީދު އޮތީވެސް ބަޝާޣާއަށެވެ.