އަންނަ ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން އަމަލުކުރަމުން އަންނަ ގައިޑްލައިންތަކަށް ބަދަލު ގެނެސްފައި މިވަނީ އޮމިކްރޯން ވޭރިއަންޓު ފެތުރެން ފެށުމުން އެ ގައުމުން އަޅާފައިވާ ފިޔަވަޅުތަށް ހަރުކަށި ކުރިތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުންނެވެ.

އާ ގައިޑްލައިންގައިވާ ގޮތުން ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން އެގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުން ކަރަންޓީނު ވާކަށް އަދި އެ ގައުމަށް އެތެރެވާ އިރު، އެއާޕޯޓުން ހަދަންޖެހޭ ޕީސީއާރު ޓެސްޓުވެސް ހަދާކަށް ނުޖެހޭނެއެވެ.

ނަމަވެސް އެ ގައުމަށް އެެތެރެވާ މީހުންގެ ތެރެއިން ދެ ޕަސެންޓް މީހުންގެ ރޭންޑަމް ސާމްޕަލް ނަގާނެ ކަމަށާއި އެ ސާމްޕަލްގެ ނަތީޖާ ނުލިބުނަސް އެމީހަކަށް އެއާޕޯޓުން ބޭރަށް އެމީހެއްގެ ހޮޓަލަށް ނުވަތަ ގެއަށްވެސް ދެވޭނެ ކަމަށް ގައިޑްލައިންގައިވެއެވެ.

އިންޑިއާއިން އަމަލުކުރަން ފަށާފައިވާ އާ އުސޫލުގެ ދަށުން އިންޑިއާއަށް އެތެރެވުމަށް ފަހު ކަރަންޓީނުވުމުގެ ބަދަލުގައި، އެ ގައުމަށް ދިއުމަށްފަހު 14 ދުވަހުގެ މުއްދަތަކަށް އެ މީހެއްގެ ހާލަތު އަމިއްލައަށް މޮނީޓާ ކުރަން ޖެހެއެވެ. އަދި މިހާރުވެސް އަމަލުކުރަމުން ދާ އުސޫލާ އެއްގޮތަށް ސެލްފް ޑިކްލަރޭޝަން ފޯމު 'އެއާ ސުވިދަ' ޕޯޓަލަށް ހުށަހަޅަން ޖެހޭނެއެެވެ. މީގެ އިތުރުންވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން، ވެކްސިން ކާޑު އަދި ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާވެސް އެ ޕޯޓަލަށް އަޕްލޯޑުކުރުން ޖެހޭނެއެެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ބޭސްފަރުވާއަށާއި ކިޔެވުމަށް ދަތުރުކުރާ އިންޑިއާ އިން އޮމިކްރޯން ކޭސްތައް ފެންނަ އަދަދު މިހާރު ވަނީ މަދުވާން ފަށައިފައެވެ.