ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުވުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ތާރީހެއް ކަނޑައެޅުމަށް، އަންނަ ޖޫން މަހުގެ ކުރިން އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓެއް ހޮވުމަށް ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމާއި އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި ޕާލިމެންޓަރީ ގުރޫޕުގެ ލީޑާޝިޕުގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމަށެވެ.

ނަމަވެސް ރައީސް ނަޝީދު ވަނީ، ނިޒާމީ ވޯޓު ނެގުމުގެ ތާރީހު ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްވެސް މިރޭ އޮންނަ ޖަލްސާގެ އެޖެންޑާއަށް އިތުރު ކުރައްވައި އެކަމާބެހޭ ތަފުސީލުތައް ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ ބޭއްވަންޖެހޭނީ، ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށް ފަހު، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސް އިން ނިންމާ ނިންމުންތަކަށް ފަހުގައި ކަމަށެވެ.

ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީއަށް އެމަނިކުފާނު ގެންނަން ބޭނުންވާ ބަދަލުތައްވެސް މެންބަރުންނާ ހިއްސާވެސް ކުރައްވައިފައެވެ.

އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ޖުމުލަ ވޯޓުގެ 30 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވީ ކަމަށް ކަނޑައެޅުމާއި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނީ، ޖުމުލަ ވޯޓުގެ 30 ޕަސެންޓް އެއްވެސް ކެނޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަަށް ކަނޑައެޅުން ހިމެނެ އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމާއި މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުންވެސް ހިމެނެއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހު ކަނޑައެޅުމާއި އެވޯޓުން ނުކުންނަ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ކޮންގްރެސް އިން އެއްބަސްވުންވެސް ހިމެނެއެވެ.

ގާނޫނުުއަސާސީއަށް މި ބަދަލުތައް ގެނައުމަށް ރައީސް ނަޝީދު ހުށަހެޅުއްވި އިރު، އެކަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް އެކަނި 2023ގައި ވެރިކަން ކަށަވަރު ކުރެއްވެން އޮތް ހަމައެކަނި މަގަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.