ކުރެއްދޫ ހޯލްޑިންސްއިން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓަށް މިމަހު 18 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އެއާޕޯޓް ހިންގަން ހަވާލުވި، އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނެފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ލަތީފު މިއަދު "ވަން" އަށް ވިދާޅުވީ މަޑިވަރު އެއާޕޯޓަށް ކޮމާޝަލް ދަތުުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާފައި އޮތް ނަމަވެސް އެއީ އަދި ފައިނަލް ތާރީހު ނޫން ކަމަށް ވިދާޅުވިއެވެ.
ޖެނިފާ ވިދާޅުވީ، މަޑިވަރު އެއާޕޯޓްގެ ދަތުރުތަކަށް ޓިކެޓް ވިއްކާނެ އަގުތައް ފައިނަލް ކޮށްފައިވާ ކަމަށެވެ. އަދި އެ އަގުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވިދާޅުވިއެވެ.
މަޑިވަރު އެއާޕޯޓް ހިންގައި ބެލެހެއްޓުން އައިއޭއެސްއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުއެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ވަނީ ޖައްސައިފައެވެ.
އެގާރަ މިލިއަން ޑޮލަރުގެ އަގަކަށް މަޑިވަރު އެއާޕޯޓު އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްފައި ވަނީ 29 މެއި 2018 ގައެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ކުރީ ޗާއިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު