މަޝްހޫރު ފިލްމީ ތަރި ރަވީ ފާރޫގާއި އައިޝަތު ރިޝްމީ ވަރިވެއްޖެއެވެ.
އެ ދެ ތަރިންގެ ކައިވެނި ރޫޅާލާފައިވާކަން ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިއަދު ކުރި ޕޯސްޓެއްގައި ޔަގީން ކޮށްދީފައެވެ.
އެ ޕޯސްޓުގައި ރިޝްމީ ބުނީ، އެމީހުން ކައިވެނި ކުރީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ކަމަށާއި ރަވީއާއެކު ޖަވާޒީ ހަޔާތެއް ފެށީ،
ދިރިއުޅުމުގައި ކުރިމަތިވި ކަންކަމާ ދެ މީހުން އެކުގައި ކުރިމަތިލައި އެކުގައި ހަޔާތުގެ ބާކީބައި ހޭދަކުރުމަށް ކަމަށެވެ.
ރިިޝްމީ ބުނީ، ރަވީއާ ކައިވެނިކޮށްގެން އުޅުނުއިރު އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނު ކަމަށާއި ފުރާނައަށް ނުރައްކާވި ދެ ހާދިސާއެއްގައިވެސް ދެ މީހުން އެކުގައި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އޭގެ އެއް ހާދިސާއަކީ މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެ އޭނާގެ ކުޑަ ދަރިފުޅު ގެއްލުނު ހާދިސާއެވެ. އެ ހާދިސާ ހިނގިއިރު ލޯންޗުގައި ރިޝްމީ އާއި ރަވީވެސް ތިއްބެވެ.
ރިޝްމީ ބުނީ، މިދިޔަ މުއްދަތުގައި ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރި ގޮތުގައި ވަކިވުން ކަމަށް ނިންމައި އެގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ.
ރިޝްމީ ވަނީ ރަވީއާ ވަކިވި ނަމަވެސް ގާތް އެކުވެރިކަމެއް އޮތުން އެދޭ ކަމަށް ބުނެފައެވެ. އަދި އެންމެން ވެސް އެމީހުންގެ ޒާތީ ކަންކަމަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށާއި މީހުންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބޭނެ ކަމާ މެދު ޝައްކު ނުކުރާކަމަށްވެސް ރިޝްމީ ބުންޏެވެ.
ރިޝްމީއާ ކުރި ކައިވެންޏަކީ ރަވީގެ ތިންވަނަ ކައިވެންޏެވެ. ރަވީ ފުރަތަމަ ކައިވެނިކުރީ ލަވަ ކިޔުންތެރިޔާ ލަހުފާ ފާއިޒާއެެވެ. އެ ކައިވެނި ރޫޅުމުން، ކުރި ދެވަނަ ކައިވެންޏަށް ދެ ދަރިން ލިބިފައިވެއެވެ.
ރިޝްމީވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އާ ކުރި އެ ކައިވެންޏަށް ފިރިހެން ކުއްޖަކުވެސް ހުރެއެވެ.