އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ސަމާހު މޫސާ ފަތުހީއެވެ. ސަމާހު އެ ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ އީގަލްސްއަށް ލިބުނު ކޯނަރެއްގެ އެހީގައެވެ. ޔޫތު ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް ހަތަރު ފަހަރު އީގަލްސްއިން ތަށި އުފުލާލައިފައިވާ އިރު، ފ. ނިލަންދޫގައި އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލް ވެގެންދާނީ އެޓީމުގެ ޔޫތު ޓީމުން ކުޅޭނެ ހަތްވަނަ ފައިނަލަށެވެ.
އީގަލްސްއާ ދެކޮޅަށް ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ މިރޭގެ ސެމީ ފައިނަލް މެޗަށް ފަހުއެވެ. މިރޭ ކުޅޭ ސެމީގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ ޓީސީގެ އަހުމަދު ޒައުލް ނާޒިމާއި ޔޫސުފް ޝާއިފަށް ލިބުނު ފުރުސަތުތަކެވެ. އެ ހަމަލާތައް ދިފާއުކޮށް މެޗުގައި ގޯލެއް ޖެހިޔަ ނުދީ ހުރަސް އެޅީ ގޯލްކީޕަރު ޝައިހާންގެ ހުޝިޔާރު ކަމުންނެވެ.
ދެވަނަ ހާފަށް ނުކުމެ، މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އީގަލްސް ލީޑު ނެގިއެވެ. އަރިމަތިން ނަގައިދިން ކޯނަރު އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ސަމާހު ބޮލުން ޖެހީ ވެއްޓިގެންފައެވެ. ސީދާ ކަނަށް ބޯޅަ ނުދިޔަ ނަމަވެސް ގޯލަށް ވަނީ ގޯލްކީޕަރު ކޮންމެވެސް ވަރަކަށް އަރިމައްޗަށް ޖެހި ހުރުމުންނެވެ.
އެ ގޯލަށްފަހު ދެން ފެނުނީ ފުލުފުލުގައި ޓީސީގެ ދެ ހަމަލާއެކެވެ. ކުރިއަށް ކުޅޭ ހަސަން އަޒޫމް އަލީ އަރިމަތިން ވަދެ ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ޝައިހާން އަތުގައި ޖެހިފައި ނުކުތުމުން، ރީބައުންސަށް ޓީސީ ކުޅުންތެރިން މަސައްކަތް ކޮށް ދެވަނަ ފަހަރަށް ތަނަވަސްކުރި ފުރުސަތުގައި ފަހުމާން އަބްދުލް ހަމީދު ޖެހި ބޯޅަ ގޯލު ރޮނގުމަތީގައި ހުރެ ސާފުކޮށް ބޭރުކޮށްލީ އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސައިނެވެ.
އޭގެފަހުންވެސް މެޗުގައި ޓީސީއަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އިރު، އީގަލްސްއިން ވަނީ ލީޑު ދަމަހައްޓައި، ފައިނަލްގެ ޖާގަ ހޯދައިފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ