ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލަށް އެރުވީ ރާއްޖެ އާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ މީލާދީން 1585 އިން 1609 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރައްވާނެއެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާ އަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.