ލަންކާގެ ވެއްލަވައްތަ ބީޗުގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ މަރުގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް މިއަދު ލަންކާ އަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ ވެއްލަވައްތަ ބީޗުގައި މަރުވެފައި އޮއްވާ ފެނުނީ ދ. މީދުއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ލަންކާގައި ދިވެއްސަކު މަރާލާފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިއަދު ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހި ފުުލުހުން މި މައްސަލަ ބަލަމުންދިޔަ ނަމަވެސް މާބޮޑު ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ފުން އަދި ބޮޑެތި ޒަހަމްތަކާއެކު އަފްހާމްގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށެވެ. އޭނާ ގެއްލިގެން ލަންކާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 10:30ގަ އެވެ. މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށްފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަފްހާމް މަރުވީ އަމިއްލައަށް ކަމެއް ނުވަތަ އޭނާ މަރާލީ ކަމެއް ރަސްމީކޮށް ލަންކާގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އެކަން ޔަގީން ކުރުމަށް އަފްހާމްގެ ޕޯސްޓްމޯޓަމް ހެދުމަށް ލަންކާ ފުލުހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އާއިލާ މީހެއް ލަންކާ އަށް އަންނަންދެން ޕޯސްޓްމޯޓަމް ހެދުން ވަނީ ލަސްކޮށްފަ އެވެ.

އަފްހާމަކީ 2019 ވަނަ އަހަރުން ފެށިގެން ލަންކާގައި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމު ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ.