ޓޫރިސްޓު ވިސާގައި ސްރީ ލަންކާއަށް ދަތުރުކުރާ އިރު ޓްރެވަލް އިންޝުއަރެންސް ނަގަން ޖެހޭ ގޮތަށް އެ ގައުމުން ސަރުކާރުން ހަމަޖައްސައިފި އެވެ.
ލަންކާއަށް ދަތުރުކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިދިޔަ މަހުގެ 27 ގައި އެ ގައުމުގެ ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ލަންކާގެ ސިވިލް އޭވިއޭޝަން އިން އާންމުކޮށްފައިވާ ގޮތުގައި އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އެއް މަސްދުވަހުގެ ހެލްތު އިންޝުއަރެންސެއް ނަގަން ޖެހޭނެއެވެ. އެ އިންޝުއަރެންސް ޕޮލިސީއަށް ދައްކަން ޖެހެނީ 12 ޑޮލަރު (185 ރުފިޔާ) އެވެ.
އެ ޕޮލިސީގެ ދަށުން 50،000 ޑޮލަރު (771،000ރ.)އާ ހަމައަށް ކަވަރޭޖު ލިބޭއިރު، އެނދުމަތިކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހިއްޖެ ނަމަ ފަރުވާ ކުރުންވެސް ޕެކޭޖުގައި ހިމެނެއެވެ.
މި އިންޝިއުރެންސް ހައްދަން ޖެހެނީ ލަންކާ ސަރުކާރުން ކަނޑައަޅާ އެގައުމުގެ އިންޝިއުރެންސް ކުންފުންޏަކުންނެވެ. ލަންކާ ސަރުކާރުން ބުނެފައިވާ ގޮތުގައި ހުރިހާ ޓޫރިސްޓުން އެ ގައުމަށް ދިއުމުގެ ކުރިން މި އިންޝުއަރެންސް ހައްދަން ޖެހޭނެ އެވެ. ދިއުމުގެ ކުރިން ނުހެއްދޭނަމަ ލަންކާގެ އެއާޕޯޓުގައި ތިބެގެން ވެސް އިންޝުއަރެންސް ހެއްދޭނެ ކަމަށް ލަންކާ ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން ލަންކާއަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ގެންދަން ޖެހޭނެއެވެ. އަދި ލަންކާ އަށް ދިއުމުގެ ކުރިން އެ ގައުމު ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވާ ހެލްތު ޑިކްލަރޭޝަން ފޯމްވެސް ފުރިހަމަކުރަންވެސް ޖެހެއެވެ.
ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ލަންކާއަށް އެތެރެވާއިރު އެރައިވަލް ޕީސީއާރް ހަދާކަށް ނުޖެހޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ވެކްސިން ކާޑުގެ އަސްލު ވެސް ހުށަހަޅަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު