ސްރީލަންކާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާ، އަފްހާމް ނަސީރުގެ މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އަފްހާމް މަރުވެފައި އޮއްވާ ފެނުނީ ލަންކާގެ ވެއްލަވައްތަ ބީޗުންނެވެ.

ފުލުހުން މިއަދު ބުނީ، ސްރީލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އަފްހާމް ގެއްލުނީ ހުކުރު ދުވަހުގެރޭ 8:00 ހާއިރު އޭނާ ދިރިއުޅެމުން އައި ގެއިން އެހެން ގެއަކަށް ބަދަލުވުމަށް ކަމަށްބުނެ ގެއިން ނިކުމެގެން ދިޔަ ފަހުންނެވެ. ނަމަވެސް ބަދަލުވާން އުޅުނު ގެއަށްވެސް އޭނާ ގޮސްފައި ނުވާ ކަމަށް އާޢިލާއިން މީގެ ކުރިން "ވަން" އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.

އަފްހާމްގެ މަރާ ގުޅިގެން ލަންކާ ފުލުހުން ވަނީ އަފްހާމްގެ ދިވެހި ލޯބިވެރިޔާ ހިމެނޭހެން ތިން މީހަކާ ސުވާލު ކޮށްފަ އެވެ. އަދި އޭނާގެ ޕޯސްޓް މޯޓަމް މާދަމާގެ ވަގުތެއްގައި ހެދުމަށް ވަނީ ނިންމާފަ އެވެ.

އަފްހާމް މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުން ލޭ ހޭކިފައި ހުރި ވަޅިއެއް ފެނިފައިވާއިރު "ވަން" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަފްހާމްގެ ކަރުގައި ތޫނު އެއްޗަކުން ދީފައިވާ ޒަހަމެއް ފެންނަން ހުއްޓެވެ.