މީގެ 12 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކޮންމެ ދިމާލަކަށް ދިޔަޔަސް އެ ލަވައެއްގެ އަޑު އިވުނު ލަވައެކެވެ. އެތައް ބައެއްގެ ހިތްހަމަޖެހުމަކަށް ވެގެން ދިޔަ އަޑެއްގެ ވެރިއެކެވެ. އެ ލަވައެއްގެ އަޑު އިވުމުން ބުނެދޭން ނޭނގޭ ފަދަ އުފާވެރި އަދި ފަހުރުވެރިކަމެއް އިހުސާސްކުރެވޭ ލަވައެކެވެ. ލަވައިގެ މިޔުޒިކުން ފެށިގެން ލިރިކްސްއަށް ދާންދެންވެސް އެއްވެސް ކޮޕީއެއް ނެތި މުޅިން އަމިއްލަ އުފެއްދުމެކެވެ. ދިވެހި ދަރިއެއްގެ ދިވެހި ހިޔާލެކެވެ.

މިޔުޒިކީ އުދަރެހުގައި ފިޔަޖެހި، ދިވެހިންގެ ހިތްތަކުގެ އެންމެ ހިމަނާރާވެސް ކުޅެލި "އެ ހީލުން ދެކެން ހަވީރު ގަޑީގާ"، މި ލަވަ އިވުމުން މިހާރު އެންމެ ފުރަތަމަ އުފެދޭނެ އެއް ސުވާލަކީ އެ ރީތި އަޑުގެ ވެރި، އެ ހުނަރުވެރިޔާ މިހާރު ކޮބައިތޯއެވެ. މިޔުޒިކުގެ އެއްވެސް ކަމެއްގައި ހަރަކާތްތެރިވާތަނެއް އަދި އެއްވެސް ލަވައެއްގެ އަޑު ނީވޭތާ ދިގު ދުވަސްތަކެއް ވެއްޖެއެވެ.

ބުރަ ޝެޑިއުލެއްގައި އުޅެމުންވެސް މުހައްމަދު ޒިފާފު 'ވަން'ގެ ޓީމަށް ވަގުތުކޮޅެއް ހުސްކޮށްދިނެވެ.

މީގެ 27 އަކަށް އަހަރު ކުރިން 1995ގައި މަޖީދިއްޔާ ސުކޫލުގައި އުޅުުނު އިރު، އުފެދިގެން އައި ބޭންޑުގެ ގިޓަރިސްޓު އަދި ވޯކަލިސްޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ދުވަސްވަރު، "އެ ހީލުން ދެކެން ހަވީރުގަޑީގާ" އަކީ ޒިފާފުގެ ހިތާއި ސިކުނޑީގައި އުފެދުނު އުފެއްދުންތެރި ހިޔާލަކެވެ. ކުލަޖެއްސުމުގައި އަހަރުތަކެއްވި ނަމަވެސް އެކަން ހަގީގަތަކަށްވި ހިޔާލެކެވެ. ދިވެހިންގެ ތެރެއަށް ޓީވީއެމް އިން 1999 ވަނަ ވަނަ އަހަރު މި ލަވައިގެ އޮފިޝަލް ވީޑިޔޯ ނެރެވުނެވެ. ސީޒަން އަލީއާއި މަރިޔަމް މަނިކެ ހަރަކާތްތެރިވާ މި ލަވަ ދިވެހިންގެ ހިތްތަކުގައި އިތުރަށް ރަސްކަންކުރަން ފެށިއެވެ.

އެހެންނަމަވެސް އޭގެ ފަހުން މަދުވަމުން ގޮސް މުޅިންހެން ޒިފާފުގެ މިޔުޒިކު ހުއްޓި، އެ ހިތްގައިމު އަޑު އިވުން ހުއްޓިއްޖެއެވެ. އެންމެ ފުރަތަމަ ގިނަ މީހުން ހީކުރީ ބައެއް ލަވަކިޔުންތެރިން ބަދަލުވާގޮތަށް ޒިފާފުވެސް މި ދާއިރާ ދޫކޮށްލީ ކަމަށެވެ. އެހެންނަމަވެސް ޒިފާފާ ބައްދަލުވުުމުން ހާމަވެގެން ދިޔައީ މުޅިން އެހެން ހަގީގަތްތަކެކެެވެ. މުނިފޫހިފިލުވުމުގެ ތަފާތު އެކިކަންކަމުގެ ތެރެއިން މިޔުޒިކީ ދާއިރާގެ ގޮންޖެހުންތަކާއި އެ ދާއިރާގެ ޗެލެންޖުތައްވެސް ޒިފާފު ހާމަކޮށްދިނެވެ.

މާލެ ސިިޓީއަށް އުފަން މއ. ސޭބޫގޭ އަބްދުލް ވާހިދާއި މއ. މަލާޒު ނިއުމާ އާޝިރުގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ޒިފާފަކީ ސުކޫލުގައި ތައުލީމު ހާސިލުކުރި ދުވަސްވަރު މަޖީދިއްޔާ ސުކޫލުން އުފެދުނު އަމިއްލަ ބޭންޑަކުން މިޔުޒިކީ ދުނިޔެއަށް ނުކުތް ވަރަށްވެސް މޮޅު ހުނަރުވެރިއެކެެވެ. ސުކޫލުގައި އުޅުނު ދުވަސްވަރު "އެހީލުން ދެކެން ހަވީރުގަޑީގާ" ގެ ރާގު ޒިފާފުގެ ހިތާއި ސިކުނޑީގައި އުފެދި ތައްޔާރު ކުރެވުނަސް އެކަން އޮތީ ފޮރުވިފައެވެ. ބޭންޑުގެ އެކި ފަންކްޝަންތަކުގައި ޝޯ ހުށަހަޅަމުން ދިޔަ ދުވަސްވަރު، ޒިފާފާއެކީ ބޭންޑުގައި އުޅުނު ފުލޫ ނާއިލާއި އަދުހަމުގެ އެހީއާއެކު "އެ ހީލުން ދެކެން ހަވީރު ގަޑީގާ" ވުޖޫދަށް ގެނެވުނެވެ.

"އަޑެއްގައި ރިހުން ނެތިއްޔާ އެ އަޑެއް ކިތަންމެ ރީއްޗަސް ކިޔާ ލަވައިގައި އަސަރެއް ނުހުންނާނެ. އަސަރެއް ނެތިއްޔާ ކަމަކުނުދާނެ،"

ވަރަށް ގިނަ ފަންނުވެރިން ބުނާ އާންމު ވާހަކައެކެވެ. ނުހަނު އަސަރުގަދަ އަޑެއްގެ ވެރި ޒިފާފު މިޔުޒިކީ ދާއިރާއިން ގެއްލުމުގެ ސިއްރަކީ ކޮބައިތޯ 'ވަން' އިން ކުރި ސުވާލަކަށް ވަރަށް ފުރިހަމައަށް ޒިފާފު ޖަވާބު ދިނެވެެ.

"މިޔުޒިކީ ދާއިރާއިން ފަންނުވެރި ހުނަރުވެރި ގާބިލު އުފެއްދުންތެރިންނަށް މާބޮޑު ކުރިއެރުމެއް ރާއްޖޭގައި ލިބޭކަށް ނެތް. މަޝްހޫރުކަން ފިޔަވައި އެހެން ކަމެއް ނުވާނެ. ހުނަރުވެރި އުފެއްދުންތެރިންގެ ފަންނަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުމުގެ ތެރެއިން ލިބޭ މަޝްހޫރުކަމަކަށް ވަނީ. ދިރިއުޅުމެއް ބިނާކުރާނަމަ އެކަށީގެންވާ އާމްދަނީ ލިބޭނީ ރިސޯޓު މިޔުޒިކުން. އެކަމަކު އަމިއްލަ އުފެއްދުންތަކަށް އާމްދަނީ ލިބޭނެ މަގު ވަރަށްވެސް ހަނިކޮށް އޮންނަނީ،"

ރާއްޖޭގައި މިޔުޒިކީ ފަންނާނުންގެ ހުނަރަށް މާބޮޑު ސަމާލުކަމެއް ނުދެވެނީ މިފަދަ ބައިވަރު މައްސަލަތައް ހުރުމުން ކަމަށް ޒިފާފު ބުންޏެވެ. ހޭލުންތެރިކަން ކުޑަވުމުން ދިމާވާ މިފަދަ ކަންތައް ހައްލު ކުރެވޭނީ ބަޔަކު ނުކުމެ އެތައް ގުރުބާނީއެއް ވެގެން ކަމަށް އޭނާ ދެކެއެވެ.

"މިހާރު މިކުރާ މަސައްކަތުން އެކަށީގެންވާ އާންދަނީއެއް ލިބޭ. އާއިލާއާ އެކު ވަގުތު ހޭދަކުރެވޭ. މިޔުޒިކީ ދާއިރާގައި އުޅުނު އިރު ނުވާ ވަރަށް ގިނަ ކަންތައް ވޭ. އެންމެ ބޮޑު އެއްޗަކީ، އޭރު ނުލިބޭ ހިތްހަމަޖެހުން މިހާރު ލިބޭ،" ރިސޯޓު މިޔުޒިކުން އެކަށީގެންވާ އާމްދަނީއެއް ލިބުނު ނަމަވެސް ޒަވާޖީ ހަޔާތެއް ފަށައި ދަރިއަކު ލިބުމުން ޒިފާފު ގަސްދުކުރީ ދެން އިތުރަށް ކުރިއަށް ނުދިއުމަށެވެ. ދަރިފުޅާއެކުގައި ވަގުތު ހޭދަކޮށް ހުރިހާ ގޮތަކުންވެސް ދަރިފުޅަށް އެދުރެއް ކަމުގައި ވާން ބޭނުން ވާތީ ޒިފާފު މިޔުޒިކީ ދާއިރާއަށް އަލްވަދާއުކީއެވެ.

https://www.youtube.com/watch?v=qG-9NeCVjv4

ދޮށީ އުމުރުގެ މީހުންނަށް އިނގިރޭސި ބަސް އުނގަންނައިދޭ މުދައްރިސެއްގެ ގޮތުގައި އަމިއްލަ ގޭގައި ކުލާހެއް ހިންގަމުން އަންނަ ޒިފާފުގެ އަލަތު ކައިވެންޏަށް 15 އަހަރު ވެއްޖެއެވެ. ޒިފާފާއެކު ބައިގަޑިއެއްހާއިރު ހޭދަވީއިރު ފާހަގަކުރެވުނު އެންމެ ހާއްސަ ކަމަކީ ހަތް އަހަރުގެ ޔޫން މުހައްމަދު ޒިފާފުގެ ހުޝިޔާރުކަމާއި ގާބިލުކަމާއި ސިކުނޑީގެ ތޫނުފިލިކަމެވެ. މޮޑަން ޓެކްނޮލޮޖީގެ މައުލޫމާތަށް ފިސާރި ކުޅަދާނަ މި ކުޑަކުޑަ "ޖީނިއަސް"އަށް ހިސާބަކީ ހަމަ ފެނެވެ. ކޮންމެ ވައްތަރެއްގެ ކާރެއް ދެއްކިޔަސް އެ ކާރުގެ ހުރިހާ މައުލޫމާތާއި ތާރީހު ފަސޭހަކަމާއެކު ކިޔައިދިނެވެ. އަދި މި ޅައުމުރުގައިވެސް ވަރަށް ފަރިތަކޮށް ދުއްވަން އެނގޭ ކަމަށާއި އެކަމަކު ބޮޑުވިޔަސް ލައިސަންސް ނެތި ނުދުއްވާނެ ކަމަށްވެސް ޔޫން ބުންޏެވެ.

ޒިފާފު ބުނިގޮތުގައި ދިރިއުޅުމުގައި ވަރަށްވެސް ގިނަ ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ އަޑިގުޑަންތަކުން އަރައިގަތުމަށް ކުރި ހިތްވަރު އޭނާ ވަނީ 'ވަން'އާ ހިއްސާކޮށްފައެވެ.

"ފުރިހަމަ އަގީދާގެ ގަދަފަދަކަމާއި އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި އޮންނަ ޔަގީންކަމުގެ އިތުރުން ޕޮޒިޓިވް އެޓިޓިއުޑެއް އަބަދުވެސް ގެންގުޅެން. އެއީ މި ހިސާބަށް އާދެވުމުގެ ސިއްރަކީ،"

ދިރިއުޅުމުގައި މި ހިސާބަށް އައިއިރު ވަރަށްވެސް ހިތްދަތި، އެހާމެ އަނދިރި އެއްވެސް އަލިކަމެއްގެ ކަންފުޅެއްވެސް ނެތް ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށް ޒިފާފު ކިޔައިދިނެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި އެންމެންހެން ޒިފާފާ ވަކިވެ، އެކަނިވެ، ބާކީވެ، މީހަކަށް ނުވި ދުވަހު އަތުގައި ހިފީ އަދި ގާތުގައި އިނީ ލޮބުވެތި އަނބިމީހާ ފާތުމަތު ނައުފާ ކަމަށް ޒިފާފު ބުންޏެވެ.

ޒިފާފުގެ އަންހެނުންނާ ބެހޭގޮތުން ވާހަކަދައްކަމުން ޒިފާފު ބުނިގޮތުގައި 15 އަހަރު ކުރިން ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ހަޔާތަށް ގެނައި ނައުފާއަކީ ހުރިހާ ވަގުތެއްގައި ޒިފާފާއެކުގައި ބަދަލުވުމެއް ނެތި އުޅެމުން އަންނަ ވަފާތެރި އަމާނާތްތެރި ނަމޫނާ އަނތްބެކެވެ. ނައުފާއަށް ޝުކުރު އަދާކުރުމަށް ކިތަންމެ ގިނަ ބަސްތަކެއް އެމުނިޔަސް އަދި ކިތަންމެ ތައުރީފެއް ކުރިޔަސް ހައްގުވާ ވަރަށް، އެކަށީގެންވާ ވަރަށް، ޝުކުރު އަދާކުރުމަކަށް ނުފުދޭނެ ކަމަށް ޒިފާފު ބުންޏެވެ.

"ﷲ ތައާލާއަށްފަހު ދެން ޝުކުރު އަދާކުރަނީ އަދި ކުރާނީވެސް ވައިފްއަށް. އެންމެ އެކަނިވި ދުވަހު އެއްވެސް މީހަކަށް ނުވި ދުވަހު ހުރީ ވައިފް."

މިހާރު މިޔުޒިކުގެ އެއްވެސް މަސައްކަތެއް ނުކުރާ ޒިފާފު ދެން އިތުރަކަށް މިޔުޒިކު ކުޅޭ ނުވަތަ ލަވަކިޔާ މީހަކަށް ނުވާނެކަމުގެ ޔަގީންކަން 'ވަން'އަށް ދެމުން ޒިފާފު ބުނެފައިވާ ގޮތުގައި ހުނަރުވެރި ފަންނުވެެރިންނަށް ދިވެހި މުޖުތަައު ތެރޭގައި މުސްތަގުބަލެއް ކުރިމަގެއް ލިބުމަށް ވަގުތު ނަގާނެއެވެ. ކުޅަދާނަ ހުނަރުވެރިންގެ ހަޔާތުގެ ފަތްފުށްތަކަށްވުރެ އެމީހުންގެ ފަންނަށް ފަންނުގެ ލޮލުން ބަލާށެވެ.

އަނބިމީހާއާއި ދަރިފުޅާއެކު ނުހަނު ހަމަޖެހޭ އުފާވެރި ހަޔާތެއް ވޭތު ކުރާ، އުމުރުން ދޮށީ މީހުންގެ އިނގިރޭސި ބަސް ކުލާހެއް އަމިއްލަ ގޭގައި، މުޅިންވެސް އަމިއްލަ ހިޔާލަށް، އަމިއްލަ ފިލާވަޅުތަކުން ކިޔަވައިދޭ، ޒިފާފުގެ ހުރިހާވެސް އުއްމީދަކާއި ހުވަފެންތައް ގުޅިފައިވަނީ އޭނާގެ ލޯބިވާ ލޮލުގެ ކޮއިފަދަ ފިރިހެން ދަރިފުޅާއެވެ. ދަރިފުޅު ޔޫންއަށް ކުރިއެރުމާއި އުފާ ލިބޭ ކޮންމެ ކަމަކީ ޒިފާފުގެ އުއްމީދެކެވެ. ދަރިފުުގެ ކޮންމެ އުއްމީދަކީ، ދަރިފުޅު ބޭނުންވެގެން ވާސިލުވާން އެދޭ މަންޒިލަކީ ޒިފާފުގެ ހުވަފެނެކެވެ.