ޗައިނާގެ ބެއިޖިންގައި ފަށާ ފިނި މޫސުމުގެ އޮލިމްޕިކްސް (ވިންޓާ އޮލިމްޕިކްސް) 2022 ގެ ޓޯޗް ރިލޭގައި، ރާއްޖޭގެ ހާރިޖީ ވަޒީރު، އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ޝާހިދު މިއަދު ހެނދުނު ވިންޓާ އޮލިމްޕިކްސްގެ ދަންމަރު އެރުވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގޭ ރައީސް، އަދި ފެންސިން ޗެމްޕިއަން ތޯމަސް ބަޗެވެ. ވިންޓާ އޮލިމްޕިކްސްގެ ދަންމަރާއެކު ޝާހިދު މިއަދު ދުވެވަޑައިގެންފައިވާ އިރު، ޗައިނާގައި މިފަހަރުގެ އޮލިމްޕިކްސް ބާއްވާ ސަރުހައްދުތައް ކަމަށްވާ ބެއިޖިން، ޔަންގިން އަދި ޒަންޖިއާކޫއަށް މިއަދު ދަންމަރު ގެންދާނެއެވެ. އެންމެފަހުން ދަންމަރު ގޮސް ހުއްޓޭނީ ބެއިޖިންގައި މިއަދު ފަށާ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ކޮވިޑްގެ ސަބަބުން މިފަހަރު ދަންމަރުގެ ރިލޭ ކުރުކޮށްލައިފައިވީ ނަމަވެސް ދަންމަރާއެކު ގާތް ގަނޑަކަށް 1،200 މީހުން ދުވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 14 އަހަރުން ފެށިގެން ގޮސް 86 އަހަރުގެ އުމުރުފުރާތަކަށް ނިސްބަތްވާ މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނާއި އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އެތުލީޓުންގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންވެސް ހިމެނެއެވެ. މިއަހަރުގެ ދަންމަރު ހިފައިގެން ޗައިނާގެ ބޮޑު ފާރުގައިވެސް ވަނީ ދުވެފައެވެ.

ދަންމަރު ހިފައިގެން ދުވެލުމުގެ ޝަރަފާއެކު ޝާހިދު ވިދާޅުވީ އޮލިމްޕިކަކީ އަބަދުވެސް އިންސާނިއްޔަތުގެ އެންމެ މަތީ ރަމްޒު ކަމަށާއި، އޮލިމްޕިކްސްއިން އަބަދުވެސް ރަމްޒުކޮށްދެނީ ސުލްހަ މަސަލަސްކަން ކަމަށެވެ. އެއީ އދ. ގެ ޝިޔާރު ކަމަށް ޝާހިދު ފާހަގަކުރެއްވި އިރު، އޮލިމްޕިކް ކޮމިޓީގެ ޝިޔާރު ދަމަހައްޓަން އދ. އިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އޮލިމްޕިކްސްގައި ގައުމު ތަމްސީލުކުރާ އެތުލީޓުންނަކީ ޓްރެކްސޫޓުގައި ތިބޭ ޑިޕްލޮމެޓުން ކަމަށެވެ.

"އެތުލީޓުންނަކީ ޓްރެކްސޫޓުގައި ތިބޭ ބައެއް ނަމަވެސް އެއީ ޑިޕްލޮމެޓުން. އަމަން އަމާންކަމާއި ސުލްހަ މަސަލަސް ކަމަށް ބޭނުންވަނީ އެ އެތުލީޓުން ފަދަ ޒުވާން އަންހެނުން އަދި ފިރިހެނުންގެ ޖޯޝު. އެއީ އޮލިމްޕިކްސްގެ ރަމްޒަކީ. އެކީ އެއްތަނަކަށް ގޮސް، ބައިބައިވުންތަކަށް އެ އެތުލީޓުން ނޫނެކޭ ބުނަމަކީ މިވަގުތު ސުލްހައަށް ދެއްކޭނެ އެންމެ ބޮޑު މަންޒަރު،" ޝާހިދު ވިދާޅުވިއެވެ.

މިއަދު ޝާހިދުގެ އިތުރުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްވެސް ވަނީ ދަންމަރާއެކު ދުވެވަޑައިގެންފައެވެ.