ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މީހުންނަށް އެލަވަންސެއް ދިނުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ރޭ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަމިއްލައަށް އެދިގެން 9،646 މީހަކު ރަޖިސްޓަރީކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް މިދިޔަ އަހަރު އެކަނިވެސް 223 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އާއިޝަތު މުހައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ކްލެސިފިކޭޝަން ގަވައިދު މިހާރު ގެޒެޓު ކޮށްފައިވާ ކަމަށެވެ. އަންނަ ޖޫން/ޖުލައިގެ ތެރޭގައި ދަފްތަރު އެކުލަވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާނޫނުން ބުނާ އެންމެ ދަށް އެލަވަންސަކީ 2،000 ރުފިޔާ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ އެ އަދަދު ބޮޑު ކުރެއްވުން ކަމުގައި ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދިނުމުގެ އިތުރަށްވެސް ގިނަ ކަންކަމާ ވިސްނަން ޖެހޭ ކަމަށެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނަކީ އަނެކުންގެ އެހީއާ ނުލައި ނުއުޅެވޭ މީހުން ކަމަށާއި އެ ފަދަ ފަރާތްތައް ބަލަހައްޓާ މީހުންނަކީ އިތުރު ވަޒީފާއެއް އަދާ ނުކުރެވޭނެ އަދި އާމްދަނީ ހޯދަން އިތުރު ކަމެއް ނުކުރެވޭނެ ބައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އެފަރާތްތައް ބަލަހައްޓަން މި ހުންނަ މަންމައިން ނުވަތަ މައިންބަފައިން ނުވަތަ އެހެން މީހެއް ކަމުގައި ވިޔަސް އެމީހާއަކީ ވަޒީފާއަށް ދެވޭނެ މީހެއް ނޫން، އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ކުރެވޭނެ މީހެއް ނޫން. އެއީ ފުލް ޓައިމް ނަރުހެއް ވަޒީފާ އަދާކުރަން ޖެހޭ ގޮތަށް އުޅެން މިޖެހެނީ، އެހެންކަމުން އެފަދަ ފަރާތްތަކަށް ކެއާ އެލަވަންސެއް ދިނުމަށް މަޝްވަރާކުރަމުން އެބަދޭ. ކެއާ ޓޭކާ އެލަވަންސް އަޅުގަނޑުމެން އެއަށް މި ކިޔަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާއިޝަތު ދީދީ ވިދާޅުވީ، އެނދުމަތިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދިނުމުގެ މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިިދިޔަ އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 332 މީހަކަށް އާސަންދަ މެދުވެރިކޮށް ތެރަޕިއުޓިކްގެ ހިދުމަތްދީފައިވާ ކަމަށާއި އެކަމަށްވެސް 20 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.