ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެފްރިކާ ބައްރުގެ ފަސް ގައުމަކަށް އެތަންތާގެ ސިފައިން އިންގިލާބު ގެނެސްފިއެވެ. އިތުރު ފަސް ގައުމަކަށް އިންގިލާބު ގެންނަން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޒަމާންތަކެއްގެ މެދުކެނޑުމަކަށްފަހު އިންގިލާބުތައް އަނެއްކާވެސް މިވަނީ އެފްރިކާގެ ސިޔާސީ ފެޝަންކަމުގައި ހިމެނިފައެވެ. ސިފައިންގެ ކާކީ ޔުނިފޯމާއި ބަޣާވާތްކުރުން މިވަނީ ގުޅިފައެވެ. އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ސިފައިން ނުކުމެ ވެރިކަން ފުރޮޅައިލީ މާލީގައެވެ. އެއަށްފަހު 2021 ވަނަ އަހަރުގެ އެޕްރީލް މަހު ޗާޑުގައެވެ. ދެން 2021 ސެޕްޓެމްބަރުގައި ގިނީގައެވެ. އެއަށްފަހު 2021 އޮކްޓޫބަރުގައި ސޫދާނުގައެވެ. މިހިނގާ 2022 ވަނަ އަހަރު ފެށުމާއެކު ޖެނުއަރީ މަހު ބުރުކީނަފާސޯގައެވެ.
މަތީގައި ބަޔާން މިކުރެވުނީ ވެރިކަން ފުރޮޅައިލި ތަންތަނެވެ. ނީޖަރާއި ގިނީބިސާ ހިމަނައިގެން އިތުރު ފަސް ގައުމެއްގައި ސިފައިން ކުރަން އުޅުނު ބަޣާވާތް ވަނީ ނާކާމިޔާބުވެސް ވެފައެވެ. މިވަރަށް މިކަން ކުއްލިއަކަށް އާއްމުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ސިފަކުރައްވާފައިވަނީ މިއީ ބަޣާވާތުގެ ޕެންޑެމިކެއްގެ ގޮތުގައެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. ބަޣާވާތަކީ ގައިންގަޔަށް އަދި އެއްގައުމުން އަނެއް ގައުމަށްވެސް އަރާ ޒާތުގެ ބައްޔަކީއެވެ. މީގެ މިސާލަކީ މާލީއެވެ. އެތަނުގެ ސިފައިން ވެރިކަން ފުރޮޅައިލީމާ ދެން ޖެހިގެން އޮންނަ ބުރުކީނަފާސޯގައި ވެސް މިކަން ހިނގާނޭ ކަމަށް ތަޖުރިބާކާރުން ލަފާކުރިއެވެ. އެކަން ހަމަ އެމަގުން ހިނގައިފިއެވެ. ކޮންމެ ފަހަރަކުވެސް ބަޣާވާތްކުރަނީ އިހަށް ބަޣާވާތްކުރި ގައުމާއި ޖެހިގެން އިންވެގެންވާ ގައުމުގައެވެ.
މިއީ 1999 ވަނަ އަހަރުގެ ފަހުން އެއް އަހަރުގެ ތެރޭގައި ދުނިޔޭގެ އެއްވެސް ހިސާބެއްގައި މިހާ ގިނައިން ބަޣާވާތްކުރި ފުރަތަމަ އަހަރެވެ. މި މުއްދަތުގެ ތެރޭގައި އޭޝިޔާގައި ހިނގާފައިވަނީ އެންމެ ބަޣާވާތެކެވެ. އެއީ މިޔަންމާގައެވެ. އެނޫން އެހެން ހިސާބުތަކުގައި ބަޣާވާތެއްގެ ހިލަމެއްވެސް ނެތެވެ. އެފްރިކާގައި ޕެންޑެމިކެއްގެ ސިފައިގައި ބަޣާވާތުގެ ވައިރަސް ފެތުރިގެން ދިޔުމަށް މެދުވެރިވި ސަބަބުތައް ގިނަގުނައެވެ. ގިނަ ގައުމުތަކުގައި އިންސާނީ ކާރިސާތައް ދަނީ ތަމްސީލުވަމުންނެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަމެއް ނެތެވެ. ސަރުކާރުތަކުން ކުރާ މާބޮޑު މަސައްކަތެއްވެސް ނެތެވެ. އެހެންވީމާ ސިފައިންގެ އޮފިސަރުން ހިތަށް އަރަނީއެވެ. އަހަރެމެން ނުކުތުމުގެ ވަގުތު އައީއެވެ. ރައްޔިތުންނަކާއި ރައްޔިތުންނެކެވެ. ޑިމޮކްރަސީއަކާއި ޑިމޮކްރަސީއެކެވެ.
ވެރިކަން ފުރޮޅައިލި ގައުމުތަކާއި ފުރޮޅައިލެވޭތޯ އުޅުނު ގައުމުތަކަށް ބަލާއިރު މުޅިންވެސް ފެންނަނީ އެއް ސަރަހައްދަކަށް ނިސްބަތްވާ ވަރަށް އެއްގޮތްކަން ބޮޑު ގައުމުތަކެވެ. ހައްތާވެސް ސާހިލްގެ ގައުމުތަކެވެ. އެފްރިކާގެ އުތުރުގައި އެއޮންނަ ބޮޑު ހަނަފަސް ސަހަރާއާއި ޖެހިގެން ދެން ދެކުނުގައިވާ ގައުމުތަކެވެ. ޗާޑާއި ބުރުކީނަފާސޯ އަދި މާލީގައި ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުން އިސްވެ ތިބެގެން ހަނގުރާމަތަކެއް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވެރީންގެ ކޮރަޕްޝަން ފުޅާވެ ރައްޔިތުންގެ މާޔޫސްކަން ވަނީ އިތުރުވެފައެވެ. ހަމަނުޖެހުންތައް އާއްމުވެ އެތައް ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ. އެތައް ހާސްބަޔަކު ވަނީ ދުނިޔެއިން ވަކިވެގެން ގޮސްފައެވެ. މިޒާތުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ވެރީން ކުރާ މަސައްކަތެއް ނުފެނެއެވެ. އެހެންވީމާ ބަޣާވާތުގެ ވައިރަހަށް ޖާގަ ލިބެނީއެވެ.
ސިފައިން ނުކުމެ ގައުމުތަކުގެ ރައީސުން ހައްޔަރުކޮށް ވަޒީރުންނާއި އެނޫންވެސް ވެރީން ހައްޔަރުކޮށް ވެރިކަން އިންގިލާބުކުރީމާ ދެން ފެންނަ މަންޒަރަކީ އާއްމުން މަގުތަކަށް ނުކުމެ ސިފައިންނާއެކު އުފާ ފާޅުކުރާ މަންޒަރެވެ. އެންމެންނަކީ ބަޣާވާތަށް ތާއީދުކުރާ ބައެެއް ނޫނެވެ. އެހެންނަމަވެސް ކޮންމެވެސް ކަހަލަ ބަދަލަކަށް އެދެވޭތީ އާއި ކުރިން ކަންކަން ހިނގަމުން އައިގޮތަށްވުރެ ދެން ހިނގާންހުރި ކަންކަން ގޯސް ނުވާނޭ ކަމަށް ހީކުރެވޭތީ އައު ބަދަލަށް ތާއީދުކުރާ މީހުން ގިނައީއެވެ. އެފްރިކާގައި އެންމެފަހުން ބަޣާވާތްކުރި ހަމަ ކޮންމެ ގައުމަކުންވެސް ފެނިގެން ދިޔައީ އަދި ފެންނަމުންދަނީ މި މަންޒަރެވެ. ވައްޓައިލި ސަރުކާރުތަކަށްވުރެ ބޮޑަށް ރައްޔިތުންގެ ތާއީދު އޮތީ ސިފައިންނަށް ކަމަށް ގަބޫލުކުރެވޭ ހުރިހާ މަންޒަރެެއް ދަނީ ފެންނަމުންނެވެ.
ރައްޔިތުންގެ ފަރާތުން މިކަހަލަ މަންޒަރުތަކެއް ފެނުނަސް ބަޣާވާތެއް ވާނީ ބަޣާވާތަކަށްތާއެވެ. ރައްޔިތުން ނިކުމެ ވޯޓުލައިގެން އިންތިޚާބުކޮށްފައި ތިބޭ ވެރިން މިބީދައިން ދުރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތައް ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންވީމާ ސަރަހައްދީ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް މަޖުބޫރުވަނީ ފޮތުގައި ބަޔާންވެގެންވާ އުސޫލުތައް ކުރިއަށް ނެރުމަށެވެ. އެއީ ބަޣާވާތަށް ނޫނެކޭ ބުނެ ބަޣާވާތްކުރި މީހުންނަށް ދަތިކުރުމެވެ. މިކަން މިމަގުން ކުރީމާ ބަޣާވާތުގެ މުގުލުގައި ތިބޭ ސިފައިންނަށް ދަތިވާ މަންޒަރެެއް ނުފެނެއެވެ. ދަތިވަނީ މުޅި ގައުމަށެވެ. އެދަތިކަން އެންމެ ބޮޑަށް ތަހައްމަލްކުރަން ޖެހެނީ އާއްމު ރައްޔިތުންނެވެ. މިކަމާ ރައްޔިތުންގެ ރުޅި އަމާޒުވަނީ ސިފައިންނަށްވުރެ ބޮޑަށް ފިޔަވަޅު އެޅި މީހުން ދެކެއެވެ.