ފެމިލީ ކޯޓުގައި މާދަމާ 39 ކައިވެނިކުރަން ރަޖިސްޓާކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ، ކޯޓުގައި ރަޖިސްޓާކުރި 39 ކައިވެނީގެ ތެރެއިން 28 ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށާއި ކޯޓުން ބޭރުގައި ކުރަން ހަމަޖެހިފައިވަނީ 11 ކައިވެނި ކަމަށެވެ.
ފެމިލީ ކޯޓުގައި އެއް ދުވަހެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ކައިވެނިކުރަން ރަޖިސްޓްރީ ކުރީ މާދަމާގެ ތާރީހުގެ ގޮތުންނެވެ. މާދަމާގެ ތާރީހަކީ 02.02.2022 އެވެ.
ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނިކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ތާރީހުތަކުގެ ތެރެއިން އެންމެ ފާހަގަވެފައިވާ ތާރިހުތަކަކީ 10.10.2010، 11.11.2011 އަދި 12.12.2012 އެވެ. މީގެ ތެރެއިން އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި ކޮށްފައިވަނީ 12.12.2012 ގައެވެ. އެ ދުވަހު 54 ކައިވެންޏެއް ކޮށްފައިވެއެވެ.
ރީތި ތާރިހުތަކާ ދިމާކޮށް ބާއްވާ ކައިވެނި ޕާޓީތައް ވެސް އެ ތާރީހަކާ ގުޅުވުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.