ކޮވިޑު-19 އާ ގުޅިގެން ސަރުކާރުން ދޭން ނިންމި ފްރޮންޓްލައިން އެލެވެންސް ސެނަހިޔާގައި ހުންނަ ފްލޫ ކުލިނިކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށާއި ނަރުހުންނަށް ކަނޑައަޅާފައިވާ ގޮތަށް ނުލިބޭ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ފަށައިފި އެވެ.
ސެނެހިޔާގައި މަސައްކަތް ކުރާ 15 ޑޮކްޓަރުންގެ ސޮޔާއެކު މިމަހުގެ 27 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ އެމީހުންގެ ކަންބޮޑުވުންތައް ބަޔާންކޮށް ސިޓީއަކާއެކު 15 ޑޮކްޓަރުންގެ ސޮއި ހިމެނޭހެން ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށްވެސް މި ސިޓީ ވަނީ ހުށަހަޅާފަ އެވެ.
ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ފްރޮންޓުލައިނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އެ މީހުންނަށް އެލަވަންސް ނުލިބޭ ކަމަށެވެ.
"މި ނުރައްކާތެރި ހާލަތުގައި ރައީސް ސޯލިހު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރައްވަވައި މަތިވެރި މާތް މަގުސަދުގައި ދެއްވުމަށް ވައުދުވެވަޑައިގެންނެވި އެލަވަންސް މި ވަނީ ވަކި ބަޔަކަށް ނުދީ ހިފަހައްޓާފައި" ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. މިކަން ހައްލުކޮށްދިނުމަށް ސެނަހިޔާގެ މެނޭޖުމަންޓަށް ޕެޓިޝަނެއް ހުށަހަޅައިގެންނާއި އެކި ގޮތްގޮތަށް ދަންނަވައިގެންވެސް ހައްލުވެފައި ނުވާ ކަމަށް ބުނެފައިވެއެވެ.
"މި މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ސެނެހިޔާގެ ކަމާ ފަރާތްތަކާ މަޝްވަރާކޮށް އަދި ޕެޓިޝަނެއް ހުށަހަޅައިގެން ވެސް މިހާތަނަށް މި މައްސަލަ ހައްލުވެފައި ނުވާތީ އަޅުގަނޑުމެންނަށް ހައްގުވާ ފައިސާ ނުދީ ހިޔާނާތްތެރި ވަމުންދާތީ މަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީއާ އެކު ޕެޓިޝަން ހުށަހަޅަމެވެ." ސެނަހިޔާގެ މަސައްކަތް ކުރާ ޑޮކްޓަރުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
ސެނަހިޔާގެ ޑޮކްޓަރުން ބުނީ، އެލަވަންސް ދިނުމުގައި މައްސަލަތަކެއް ދިމާވެ، އެ މީހުންގެ ހިތްހަމަނުޖެހުން ބޮޑުވީ، ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން އެލަވަންސް ދިނުމަށް ހަވާލުކުރި މީހުން އެ ކަމަށް އިހުމާލުވުމުން ކަމަށެވެ. ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނުނެގުމުގެ ނަތީޖާއަކީ ޑޮކްޓަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކޮށް، ހައްގުވާ އުޖޫރަ ނުދީ ހިފެހެއްޓުން ކަމަށް ސެނަހިޔާގެ ސިވިލް ޑޮކްޓަރުން ބުންޏެވެ.
މީގެ އިތުރުން މި ޕެޓިޝަނުގައި ބުނެފައިވަނީ ފްރޮންޓުލައިން އެލަވެންސް ދިނުމުގެ މަސްއޫލިއްޔަތު އަމާނާތްތެރި ކަމާއެކީ ތަފާތުކުރުމެއްނެތި ހަމަ ހަމަ އުސޫލުގެ މަތިން އަދާކުރުމަށް ހަވާލުކޮށްފައިވާ އެންމެހާ ފަރާތްތަކުން މި އެލަވެންސް ދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެ ޑޮކްޓަރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމަށާއި ހައްގުވާ އުޖޫރަ ހިފަހައްޓާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
"ވަން" އާ ވާހަކަދެއްކި ސެނަހިޔާގެ ޑޮކްޓަރަކު މިއަދު ވިދާޅުވީ އެލެވެންސްގެ މައްސަލައިގައި މިހާތަނަށް އެ ހޮސްޕިޓަލުން ހަތަރު ޑޮކްޓަރަކު ކެނޑިގެން ގޮސްފައިވާ ކަމަށެވެ.
މި ޕެޓިޝަނާ ގުޅިގެން ރައީސް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސެނަހިޔާގެ ޑޮކްޓަރުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީ އާއި ޕެޓިޝަން އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މި ސިޓީގައިވާ އެންމެހާ ކަންކަން ބަލައި ޑޮކްޓަރުންގެ ހައްގު ހޯދައި ދިނުމަށް ސަރުކާރުން ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް ރައީސް އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ސިޓިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކަންކަން ބައްލަވާނެކަމަށެވެ. ފިޔަވަޅެއް އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅެނީ އޭގައި ހުރި ކަންކަމަށް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ ސެނެހިޔާގެ ޑޮކްޓަރުންގެ ސިޓީއެއް އެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލުމަށް މަޖިލިސް އަންނަ ބުރާސްފަތި ދުވަހު ހުޅުވުމުން ކޮމިޓީއަށް ހުށަހަޅާނެ ކަމަށާއި މައްސަލަ ބަލާނީ ކޮން ކޮމެޓީއަކުންކަން އެނގޭނީ މަޖިލިސް ހުޅުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އަށް މިފަދަ މައްސަލައެއް ހުށަހަޅާފައިވޭތޯ އާއި އަދި އެ މިނިސްޓްރީން މި ފަދަ މައްސަލައެއް ބަލަމުން ދޭތޯ "ވަން" އިން އަހާލުމުން އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަން ސެނެހިޔާއިން އޮޅުން ފިލުވުމަށް އެދޭ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ސެނަހިޔާގެ ބަހެއް ހޯދުމަށް އެތާނގެ އިސް ބޭފުޅަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތި މިހާތަނަށް އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް މީގެ ކުރިން ޑޮކްޓަރުންގެ އެލަވަންސްތަކުގެ މައްސަލައިގައި ސެނަހިޔާއިން ބުނީ ޑޮކްޓަރުން ތިބެނީ ސިފްކޯގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު ސިފްކޯ އިން ހޯދުމަށެވެ. ސިފްކޯގެ ބޭފުޅަކަށް ވަން އިން އެ ދުވަހު ގުޅުމުން ވިދާޅުވީ ޑޮކްޓަރުންގެ މުސާރައާ ގުޅޭގޮތުން އެމްއެންޑީއެފާ ސުވާލު ކުރުމަށެވެ. އެމްއެންޑީއެފުން ބުނީ އެމައުލޫމާތު ހިއްސާ ކުރެވޭނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.
ކޮވިޑާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ގިންތިކޮށް އެލަވަންސެއް ދޭން ސަރުކާރުން 2020 ވަނަ އަހަރު ނިންމި އެވެ. އެގޮތުން މިފަދަ އެލަވަންސެއް އެންމެ ފުރަތަމަ ދީފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގަ އެވެ.
ގިންތިތައް ކަނޑައަޅާފައިވާއިރު ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުން އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެހެން ނަމަވެސް މި އުސޫލާ އެއްގޮތަށް ގިނަ ތަންތަނުން އަމަލުކޮށްފައި ނުވާ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. ބައެއް ފަހަރު ސަރުކާރުގެ މައި ހޮސްޕިޓަލް ތެރޭގައިވެސް މިކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދިޔަތަންވެސް ފެނުނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ މީގެ ކުރިން ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުން ވިދާޅުވީ އެމީހުން މަސައްކަތް ކުރަމުން އަންނަނީ ސެނަހިޔާގައި ހުންނަ ފުލޫ ކުލިނިކުގައި ކަމަށެވެ. އަދި މިއީ ކޮވިޑާ ގުޅިގެން އެތާނގައި ގާއިމު ކުރި ފުލޫ ކުލިނިކެކެވެ.
އެއް ޑޮކްޓަރަކު ވިދާޅުވީ ކޮވިޑް އެލަވަންސްގެ ގޮތުގައި އެ މީހުންނަށް އެންމެ ފުރަތަމަވެސް އެލަވަންސެއް ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެފަހަރު އެންމެ މަތީން އެލަވަންސް ލިބުނު ޑޮކްޓަރަށްވެސް ލިބިފައިވަނީ ފަސް ހާހެއްހާ ރުފިޔާ ކަމަށެވެ. އަދި ބައެއް މީހުންނަށް ތިން ހާހާއި ދެހާސް ރުފިޔާވެސް ލިބިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިދިޔަ އެތައް މަހަކަށް ބަލާއިރު ލިބޭން ޖެހޭ އެތައް ހާސް ރުފިޔާއެއް ނުލިބި އެބަހުރި ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭނާއާއެކު ކިޔަވައި އަދި އެހެން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރި މީހުންނަށް 60،000 އިން މަތީންވެސް އެލަވަންސް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަން" އާ ވާހަކަ ދެއްކެވި އެހެން ޑޮކްޓަރަކު ވިދާޅުވީ އެލަވަންސްތައް އިންސާފުން ނުލިބޭކަން ހާމަވެގެން ދިޔައީ ދެވަނަ ފަހަރު އެލަވަންސް ދިންއިރު އެންމެނަށް އެއްވަރަށް ލިބުމުން ކަމަށެވެ. ދެވަނަ އެލަވަންސެއް ލިބުނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށާއި އެފަހަރު އެންމެނަށްވެސް ލިބުނީ 6928.12 ރުފިޔާ ކަމަށެވެ.
މި ކަންބޮޑުވުންތަކާއެކު މެނޭޖުމަންޓަށް މައްސަލަ ހުށަހަޅަން ދިޔަ ކަމަށާއި މެނޭޖްމަންޓުން ދިނީ ވަރަށް ފަރުވާ ކުޑަ ޖަވާބެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޔަށް ބަހާލުން އެއީ މެނޭޖުމަންޓަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ބުނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަނަވެސް ހައި ރިސްކް ކެޓަގަރީގެ މީހުންނާ އެއްވަރަށް އެޑްމިން މުވައްޒަފުންނަށް އެލަވަންސް ދިނުމަކީ ހަމަހަމަކަމެއް ކަމަށްބުނެ މައްސަލަ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް މިކަމަށް މިއަދާއި ހަމަޔަށް ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ ކޮންމެ މަހަކުވެސް އެލަވަންސް ޝީޓު ފޮނުވާ ކަމަށާއި، އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ އަދަދާ ގާތަށްވެސް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެލަވަންސް ދޭން ސަރުކާރުން ނިންމީ އެއްވެސް ފަރާތަކުން އެދިގެން ނޫން ކަމަށާއި، އެހެންކަމުން މިކަން މިގޮތަށް ކުރުމުން މިކަމުގައި ހުރި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމަޔަށް ލިބެން ޖެހޭ އެލަވަންސް ޑިސެމްބަރު މަހު ދޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އެލަވަންސަށް ވާ ފައިސާ ނުދޭ ކަމަށް ސެނަހިޔާގެ މެނޭޖުމަންޓުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އޮފީހަށް ޕެޓިޝަން ހުށަހެޅުމުގެ ކުރީންވެސް ސެނަހިޔާގެ މެނޭޖްމަންޓާއި ބައްދަލުކޮށް މި މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ދެންނެވި ކަމަށް މިއަދު "ވަން" އާ ވާހަކަ ދެއްކި ޑޮކްޓަރަކު ވިދާޅުވި އެވެ. ނަމަވެސް މީގެ ކުރިން ލިބެންޖެހޭ ހައްގު މިންވަރަށް އެ އެލަވެންސް ނުދީ އެންމެނަށް ބަހާލި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި އެއީ އަނބުރާ އިއާދަކުރެވޭނެ ފައިސާއެއް ނޫން ކަމަށް މެނޭޖުމަންޓުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެލަވެންސް ނުލިބި ހުރި މަސްތަކަށްވެސް އެލަވަންސް ލިބޭނެ ކަމުގެ އުއްމީދެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު