މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަން ތަށްޓާއެކު އުމުރުން 35 އަހަރުގެ ރަފޭލް ނަޑާލް ވަނީ ކެރިއަރުގައި 21 ގްރޭންޑް ސްލޭމް ތަށި ހަމަކޮށް، ޓެނިހުގެ ތާރީހީ ރެކޯޑެއް ހަދާފައެވެ. ނަޑާލްގެ ނަޒަރުގައި "ރެކޯޑު މުހިއްމު ނޫން ނަމަވެސް،" އޭނާ ވަނީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފިރިހެން ޓެނިސް ކުޅުންތެރިޔާއަށް ވެފައެވެ. ކުރިން ރެކޯޑު އޮތީ ހަމަހަމަ ވެފައެވެ. ސްވިޒަލޭންޑްގެ ރޯޖާ ފެޑެރާއާއި ސާބިއާގެ ނޯވަކް ޖޮކޮވިޗްވެސް ކެރިއަރުގައި 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ އިރު، މިއަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމުގެ ކުރިން ނަޑާލްވެސް އޮތީ އެ އަދަދަށް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ.
ކޮންމެއަކަސް ނަޑާލްއަށް ރޭގެ މޮޅު "ފޮންޏެވެ." މިދިޔަ އަހަރު ފަހުކޮޅުގައި އަނިޔާގެ އިތުރުން ކޮވިޑް 19ގެ ސަބަބުންވެސް ނަޑާލްއަށް އުނދަގޫތަކެއް ދިމާވެ، ކެރިއަރު ހުއްޓާލަންވެސް އުޅުނެވެ. އެހެން ނަމަވެސް އެ ހާލަތު އަނބުރާލައި، ރޭގެ ކާމިޔާބީ ހޯދުންވީ، އެ ކާމިޔާބީގެ ޖަޒުބާތުގައި ނަޑާލް ޖެހުނު ސަބަބަށެވެ. އަނެއްކޮޅުން ބަލައިލަން ޖެހޭ ނަޒަރަކީ ރޭގެ ފައިނަލްގެ ކުރިން އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައި އޮތް ނޯވަކް ޖޮކޮވިޗަށް މުބާރާތުގެ ކުރިން ދިމާވި މައްސަލަތަކަށެވެ. ތަފްސީލަށް ދާނެ ކަމެއް ނެތެވެ. ކޮވިޑް 19ގެ ވެކްސިން ނުޖަހައި ހުރުމުން ޖޮކޮވިޗަށް އޮސްޓްރޭލިއާއިން ވިސާ ނުދިނީއެވެ.
ކޮންމެ ގޮތަކުން ނަމަވެސް ނަޑާލް ރޭ ހޯދީ ޓެނިހުގެ ތާރީހަށް ކުރަމުން އަންނަ "ގޯޓް" ބަހުސަށް މުހިއްމު ތަށްޓެކެވެ. ބައެއް މީހުންގެ ނަޒަރުގައި ގްރޭންޑް ސްލޭމް ހޯދާ އަދަދުން "ގޯޓް" ބަހުސް ނިންމާލަން ވީއެވެ. ނަމަވެސް އަނެއް ބައެއްގެ ނަޒަރުގައި ނަންބަރުތައް އަޅައި ކިޔައި، ތަށިތަކުގެ ތަފްސީލީ އަދަދުތައްވެސް މުހިއްމެވެ. ތަށިތައް ހޯދި ކޯޓުތަކާއި "ގޯޓުންގެ ލިސްޓް"ގެ ކުރިމަތިލުންތައްވެސް އަޅައިކިޔަން ޖެހެއެވެ. އަދި މާސްޓާސް ސީރީސްތަކަށްވެސް ބެލުން މުހިއްމު ކަމަށް އަނެއް ބަޔަކު ދެކެއެވެ. ކުރިއަށް ދަމާ ހިނގާށެވެ.
ޓެނިހުގެ އެންމެ ވާދަވެރި ތަށިތައް ކަމަށްވާ، ގްރޭންޑް ސްލޭމްތަކުގެ އަދަދުތަކަށް ބަލާ އިރު، މިހާރު "ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ"އަށް ވާދަކުރަން ތިބީ ސްޕެއިންގެ ނަޑާލްއާއި ސްވިޒަލޭންޑްގެ ފެޑެރާ އަދި ސާބިއާގެ ޖޮކޮވިޗެވެ. އެއީ މިހާރުގެ އަދަދުތަކުން ސާފު ތިން ކުޅުންތެރިން ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިއަށް ޖެހިލާ އިރު، ރޭހުގައި އޮތީ ފެޑެރާ އެކަންޏެވެ.
ފެޑެރާގެ އުމުރުން 27 އަހަރުގައި ޕީޓް ސަމްޕްރަސް 15 ގްރޭންޑް ސްލޭމްއާއެކު ހަދާފައިވާ ރެކޯޑު މުގުރާލިއެވެ. އެއީ 2009 ވަނަ އަހަރުއެވެ. އޭރު އުމުރުން 23 އަހަރުގެ ނަޑާލް އަތުގައި އޮތީ އެންމެ ހަ މޭޖާ ޓައިޓަލްއެވެ. އުމުރުން 22 އަހަރުގެ ޖޮކޮވިޗު އަތުގައި އެންމެ ގްރޭންޑް ސްލޭމް ތަށްޓެއްވެސް ނެތެވެ. ޖޮކޮވިޗް ޓެނިހުގެ ގްރޭންޑް ސްލޭމް، ނޫނީ އެންމެ ބޮޑު މަންޒަރަށްވެސް އައީ 2008 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތުންނެވެ. 2003 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދު އަހަރުތަކުގައި ފެޑެރާގެ ވިދުން ގަދަކޮށް ދިޔަ ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން ފެޑަރާ ފަހަތަށް ޖައްސައި ޖޮކޮވިޗް އޭނާގެ ފެންވަރު ސާބިތު ކޮށްދޭން ފެށިއެވެ.
ފެޑަރާއަށް 2012 ވަނަ އަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރެވުނު ނަމަވެސް އޭގެ ފަހުން ހަތަރު އަހަރު ގްރޭންޑް ސްލޭމް ތަށްޓެއް ނުލިބި ނިންމާލަން ޖެހުނެވެ. ފެޑެރާއަށް އަނިޔާގެ މައްސަލަތައް ދިމާވުމުގެ އިތުރުން ދެން ފެނުނީ އޭނާގެ ވާދަވެރި ކުޅުންތެރިންގެ ތަފާތު މޮޅު ކަމެވެ. އެ ކުޅުންތެރިންގެ ޕީކު ފޯމުގައި ކުޅެމުން ދިޔުމުން ފެޑެރާއަށް ތަށްޓެއް އަތުލަން އުނދަގޫވީއެވެ.
ނަޑާލް އާއި ޖޮކޮވިޗް ފޯމުގައި ކުޅެމުން ގޮސް އެ ދެކުޅުންތެރިންވެސް ދާދި އެކުގައި ކަހަލަ ގޮތަކަށް އަނިޔާގައި އުޅެން ޖެހުމުން އަނެއްކާވެސް 2017 ވަނަ އަހަރު ފެޑަރާއަށް ފުރުސަތު ފަހިވެ، އަނެއްކާވެސް ތިން ތަށީގެ ފަރަގުގައި ފެޑެރާ ރަސްކަން ކުރިއެވެ. އެކަމަކު ދެ އަހަރު ފަހުން ނަޑާލް އާއި ޖޮކޮވިޗް އަނެއްކާވެސް ފެޑެރާ އާއި ގާތަށް ޖެހި ދާދި ހަމަހަމަ ކުރީ އަހަރުގެ ހުރިހާ ގްރޭންޑް ސްލޭމް ތަށިތަކެއް ދެ ކުޅުންތެރިން ގެންގޮސްގެންނެވެ.
ދެހާސް ވިހިވަނަ އަހަރު ނަޑާލް ރޮލަންޑް ގަރޮސް ކާމިޔާބުކޮށް ފެޑެރާއާ އެއްވަރުކުރިއެވެ. އޭގެ އިތުރުން އުމުރުން 34 އަހަރުގެ ޖޮކޮވިޗް 2021 ވަނަ އަހަރު ފްރެންޗް އޯޕަން އާއި ވިމްބަލްޑަންވެސް ކާމިޔާބުކޮށް 20 ތަށީގައި ތިން ކުޅުންތެރިން އެއްވަރުވިއެވެ. އުމުރުން އެންމެ ހަގީ ޖޮކޮވިޗެވެ. 34 އަހަރުގެ ޖޮކޮވިޗު އަތުގައި އޮތީ ވަގުތެވެ. އުމުރުން 40 އަހަރުގައި ފެޑެރާ ކުޅެމުން ދިޔަ ނަމަވެސް މިފަހަރު އޮސްޓްރޭލިއަން އޯޕަންވެސް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން ތަށީގެ އަދަދުން ފެޑެރާ ފަހަތަށް ޖައްސާލަން ޖޮކޮވިޗަށްވެސް އޮތީ ފަހި ފުރުސަތެކެވެ.
ނަޑާލްއަކީ "ކިންގް އޮފް ކްލޭ" އެވެ. އެއީ "ގޯޓު" ބަހުސުގައި އޭނާއަށް ލިބޭ "މައިނަސް" ޕޮއިންޓެކެވެ. ނަޑާލް ކެރިއަރުގައި ކާމިޔާބުކުރި 21 ތަށީގެ ތެރެއިން 13 ތަށްޓެއް ހާސިލުކުރީ ޕެރިސްގެ ރޮލަންޑް ގަރޮސް ކްލޭ ކޯޓުގައި ކަމަށްވުމުން، ގިނަ ބަޔަކު ބުނަނީ ނަޑާލްގެ އޯވަރއޯލްއަށް ބަލާއިރު އެއީ ޖޮކޮވިޗާއި ފެޑެރާއަށްވުރެ ދަށްކޮށް ފެންނަ މަންޒަރެއް ކަމަށެވެ.
ނަޑާލް ކްލޭ ކޯޓުގައި ދައްކާ ތަފާތު ފަރަގު، އެހެން އެއްވެސް ކުޅުންތެރިއެއްގެ ކެރިއަރުން، އެހެން ކޯޓަކުންވެސް ފެންނާކަށް ނެތެވެ. އެހާ ތަފާތު ބޮޑު ކޯޓުތަކެއް ޖޮކޮވިޗާއި ފެޑަރާގެ ކެރިއަރުގައި ފާހަގަވާން ނެތް ނަމަވެސް އެ ދެކުޅުންތެރިންގެ ކެރިއަރުންވެސް ފާހަގަކޮށްލެވޭ ކޯޓުތަކެއް އެބަހުއްޓެވެ. ޖޮކޮވިޗް ހޯދި 20 ތަށީގެ ތެރެއިން ނުވަ ތަށްޓެއް ހޯދީ އޮސްޓްރޭލިއަން އޯޕަންގެ ހާޑު ކޯޓުގައެވެ. ފެޑެރާގެ 20 ތަށީގެ ތެރެއިން 8 ތަށްޓެއް ހޯދީ ވިމްބަލްޑަންގެ ގްރާސް ކޯޓުގައެވެ.
ގްރާސް އާއި ކްލޭގެ އިތުރުން ހާޑް ކޯޓުތަކުގެ އޯވަރއޯލް ރެކޯޑަށް ބަލާއިރު، ނަޑާލް އާއި ޖޮކޮވިޗްވެސް ވަނީ ކޮންމެ ވައްތަރެއްގެ ކޯޓެއްގައިވެސް އެންމެ މަދުވެގެން ދެ ގްރޭންޑް ސްލޭމް ތަށި ހޯދައިފައެވެ. ފެޑެރާއަށް އަދި އެކަން ހާސިލުވެފައެއް ނުވެއެވެ. ރޭ ނަޑާލް ހޯދި ތަށްޓާއެކު އޭނާ ވެފައި ވަނީ އޯޕަން އެރާގައި ޓެނިހުގެ ހަތަރު މޭޖާ ގްރޭންޑް ސްލޭމް ތަށްޓެއް ދެ ފަހަރަށް ހޯދި ދެވަނަ ކުޅުންތެރިޔާއަށެވެ. ޓެނިހުގެ ތާރީހުގައިވެސް އެކަން ކުރެވުނީ ހަތަރު ކުޅުންތެރިޔަކަށެވެ. ފެޑެރާއަށް ދެފަހަރަށް ނުހޯދި އޮތީ ހަމައެކަނި ފްރެންޗް އޯޕެން އެވެ. އެއީ ނަޑާލްގެ ޑޮމިނެންސްގެ ސަބަބުން ކަމަށް ބެލެވިދާނެއެވެ.
"ގޯޓް"ގެ ބަހުސަށް ތިން ކުޅުންތެރިންގެ ކުރިމަތިލުންތައް އަޅައި ކިޔަން ވާނެއެވެ. އެއީ ވަރުގަދަ މެޗުތަކުގައި ނަތީޖާ ނެރޭ ނިސްބަތުން ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދެވޭނެ ތީއެވެ. ހެޑް ޓު ހެޑް ރެކޯޑަށް ބަލާއިރު އެންމެ ތަފާތީ ޖޮކޮވިޗެވެ. ތިން ކުޅުންތެރިން ތިން ކުޅުންތެރިންނާ އަޅައި ކިޔާއިރުވެސް ޖޮކޮވިޗް ވަނީ ހެޑް ޓު ހެޑުން ކާމިޔާބު ހޯދައިފައެވެ.
- އޭޓީޕީގެ އަދަދުތަކަށް ބަލާލުމެއް:
- ނަޑާލްއާއި ޖޮކޮވިޗް ކުޅުނު މެޗުތަކުގައި ޖޮކޮވިޗް ކުރި ހޯދަނީ 30-28 މެޗުން
- ނަޑާލް 24 މެޗުގައި ފެޑަރާ ބަލިކުރި އިރު، ފެޑެރާއަށް ނަޑާލް ބަލިކުރެވުނީ 16 މެޗުގައި
- ގްރޭންޑް ސްލޭމް ރެކޯޑުގައި ނަޑާލް ވަނީ ޖޮކޮވިޗް ކައިރީ 10-7 މެޗުން ކުރި ހޯދައިފައި
- ނަޑާލް ވަނީ ގްރޭންޑް ސްލޭމް 10 މެޗުގައި ފެޑަރާ ބަލިކޮށްފައި، ގްރޭންޑް ސްލޭމް މެޗުތަކުގައި ފެޑެރާއަށް ނަޑާލް ބަލިކުރެވުނީ ހަތަރު ފަހަރު
ބޮޑެތި މެޗުތަކުގައި ކުޅުންތެރިން ތަފާތު ދައްކާ މިންވަރަކީ "ގޯޓް"ގެ ބަހުސަށް އެކަށޭނެ ވާހަކައަކަށް ވެދާނެއެވެ. ބޮޑެތި މެޗުތަކުގައި ނެރޭ ނަތީޖާއަކީ ކުޅުންތެރިޔާގެ އަސްލު ފެންވަރު ފެނިގެންދާނެ ނަތީޖާތަކެއްވެސް މެއެވެ.
އެތުލީޓުންގެ ކާމިޔާބު މިނެކިރާއިރު، އެ ކާމިޔާބު ދެމެހެއްޓުނު މުއްދަތު މުހިއްމު ވާނެކަން ޔަގީނެވެ. ހާއްސަކޮށް ކުޅިވަރުގައި ޕީކް ދުވަސްތަކެއް ގިނަ އެތުލީޓިން ޓެނިހުގައި ފެނިގެން ގޮސްފައިވާ އިރު، "ގޯޓް" ބަހުސަށް މި ހުށަހެޅޭ ތިން އެތުލީޓުންނަކީވެސް ކާމިޔާބު އެތައް ދުވަހަކަށް ދަމަހައްޓަމުން އަންނަ ތިން އެތުލީޓުންނެވެ. ހާއްސަކޮށް އިއްޔެގެ އޮސްޓްރޭލިއަން އޯޕަން ފައިނަލަށްފަހު ނަދާލްއާ ވާދަކުރި ޑަނީލް މެޑްވެޑޭވް އިހުތިރާމާއެކު ބުނިހެން ޓެނިހުގެ ރަސްކަމަށް ކުރަމުން އަންނަ ވާދަވެރިކަން އަދި ހުއްޓުމެއް ނެތެވެ.
އަދަދުތަކަށް ބަލާ އިރު، ފިރިހެން ޓެނިހުގެ އެއްވަނައިގައި އެންމެ ގިނަ ދުވަހު ރޭންކް ކުރެވިފައި ވަނީ މިހާރުވެސް އެއްވަނަ ޖޮކޮވިޗެވެ. ފެބުރުއަރީ 2020 އިން ފެށިގެން މިއަދާ ހަމަޔަށް ޖޮކޮވިޗް 357 ހަފުތާ ވަންދެން ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި މަގާމު ދަމަހައްޓަމުން އަންނަ އިރު، ފެޑެރާއަށް އެއްވަނަ ދެމެހެއްޓުނީ 310 ހަފުތާއަށެވެ. ފެޑަރާ ވިދާލި ދުވަސްވަރުގެ ކުރިން ޕީޓް ސަމްޕްރަސް 287 ހަފުތާ އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް އިރު، 270 ހަފުތާއަށް އިވާން ލެންޑްލްވެސް ދުނިޔޭގެ އެއްވަނަ ދެމެހެއްޓިއެވެ.
އޭގެ ފަހުން ޖިމީ ކޯނާސް 268 ހަފުތާ ވަންދެން ދުނިޔޭގެ އެއްވަނަ ދެމެހެއްޓި އިރު، ނަޑާލް އަށް އެ މަގާމުގައި އޮވެވުނީ 209 ހަފުތާއަށެވެ.
އާންމުކޮށް ތިން ކުޅުންތެރީންނަށްވެސް މި އަޅައި ކިޔެނީ ގްރޭންޑް ސްލޭމްތަކުން ނަމަވެސް ބަހުސަށް އިތުރުކުރެވިދާނެ ބޮޑެތި އެހެން ބައިވަރު މުބާރާތްތަކެއް އެބަހުއްޓެވެ. ފެޑެރާ އާއި ޖޮކޮވިޗް އަދި ނަޑާލްއަށް ބަލާ އިރު، ކެރިއަރުގައި އެންމެ ގިނަ ތަށި ހޯދީ ފެޑެރާ އެވެ. ފިރިހެން ޓެނިހުގައި ފެޑެރާއަށްވުރެ ގިނައިން ތަށި ހޯދި ހަމައެކަނި ކުޅުންތެރިޔަކީ ޖިމީ ކޯނާސްއެވެ. އެއީ 109 ތަށެވެ.
ފެޑެރާއަކީ އެންމެ ގިނަ އޭޓީޕީ ޓުއާ ފައިނަލްސް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ މެދުގައި ސީޒަން ނިންމާލުމަށްފަހު ކުޅެވޭ ހާއްސަ މުބާރާތް ފެޑެރާ ހަ ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، ޖޮކޮވިޗް ވަނީ އެ އިވެންޓް ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ. އެ އިވެންޓް އަދި ނަޑާލްއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ނަޑާލް ވަނީ ދެ ފަހަރެއްގައި ފައިނަލް ކުޅެފައެވެ. ރޭންކިންއަށް ބަލައިގެން ކުޅުންތެރިން ހޮވާ މުބާރާތުގައި މިދިޔަ 10 އަހަރުވެސް ނަޑާލް ކުޅެފައެއް ނުވެއެވެ.
ގްރޭންޑް ސްލޭމްތަކާއި ޓުއާ ފައިނަލްގެ ދަށުން ދެން އަންނަ އެންމެ ޝަރަފުވެރި އިވެންޓްތަކަކީ އަހަރުގައި އޮންނަ ނުވަ މާސްޓާސް މުބާރާތެވެ. 2009 ވަނަ އަހަރުން ފެށިގެން މާސްޓާސް މުބާރާތްތައް ބާއްވާ ހާޑް ކޯޓުތަކަކީ އިންޑިއަން ވެލްސް، މަޔާމީ، ކެނެޑާ، ސިންސިނާޓީ، ޝަންހާއީ، ޕެރިސް ބާސީ އެވެ. މާސްޓާސް ބާއްވާ ކްލޭ ކޯޓުތަކަކީ މޮންޓެ ކާލޯ މެޑްރިޑް އަދި ރޯމްއެވެ.
މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން ޝަންހާއީގެ މުބާރާތް ނުބޭއްވި ނަމަވެސް އަނެއް އަށް މުބާރާތް ބޭއްވިއެވެ. ޖޮކޮވިޗް މިހާތަނަށް 37 މާސްޓާސް ސީރީސް ކާމިޔާބު ކޮށްފައިވާ އިރު، ނަޑާލް ވަނީ 35 ސީރީސް ކާމިޔާބު ކޮށްފައެވެ. އެ ދެކުޅުންތެރިން ދަށުން ދެން އެންމެ ގިނަ މާސްޓާސް ތަށި ހޯދާފައި ވަނީ ފެޑެރާއެވެ. ލިސްޓްގައި ފެޑަރާގެ ފަހަތުން އަންނަނީ އަންދްރޭ އަގާސީއާއި އެންޑީ މުރޭއެވެ.
ތަފާސް ހިސާބުތަކަށް ބެލިއްޖެއެވެ. ގްރޭންޑް ސްލޭމްތަކާއި މާސްޓާސް ސީރީސްތަކަށް ބެލިޔަސް މާ ބޮޑު ފަރަގެއް ނެތެވެ. ބޮޑު ވާދަވެރި ކަމެކެވެ. ޒަމާންވީ ވާދަވެރި ކަމެކެވެ. މިއީ ޓެނިހުގެ ތާރީހުގައިވެސް އެންމެ ބޮޑު ވާދަވެރި ކަމެވެ. ނަޑާލް އާއި ފެޑެރާ އަދި ޖޮކޮވިޗުވެސް ހުއްޓުމެއް ނެތި ތާރީހު ލިޔަމުން އަންނައިރު، އަދަދުތަކަށް ބިނާކޮށްވެސް އެކެއް ނަގަން އުނދަގޫވާނެއެވެ. ބަހުސް އޮތީ ކުރިއަށެވެ. ސަޕޯޓަރުންނަށް "ގޯޓް"އަކީ ކޮބައިކަން ބަލަން ދޫކޮށްލާނަމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް