މިހާރު ތަރައްގީކޮށްފައި އޮތް، އިރެއްގައި ލަންޑަނުގައި އޮތް 'ފައިވްޕޮއިންޓްސް'ގެ ހަނދާންވާ ކަހަލަ މަންޒަރެކެވެ. މާލޭގެ ބަނދަރުމައްޗާއި މާރުކޭޓު ސަރަހައްދު ފާހަގަކޮށްލެވެއެވެ. އަދިވެސް ވަރަށް ގިނަ ތަފާތު ހިސާބުތައް ހިމެނެއެވެ. މަސްމާރުކޭޓު މަތީގައާއި އަލިމަސްކާނިވަލުގެ ސްޓޭޖު މައްޗަކީ ނިދައި، ދިރިއުޅޭ ގެތަކެވެ. ޔާރައްބީ ސުބުހާނަﷲ! މިވެސް ހަމަ އިންސާނުން އުޅޭ ގޮތްބާވައެވެ.

ދިރިއުޅުމަށް މަސައްކަތްކޮށްގެން ކެއިންބުއިމަށާއި، އުނުއޮރިޔާން ނިވާކޮށް ބޯހިޔާވަހިކަން ހޯދުމަށް، ފައިސާ ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް ވަޒީފާއެއް އަދާކޮށްގެން ނުވަތަ ކޮންމެވެސް ކަހަލަ މަސައްކަތެއް ކޮށްގެން އޭގެން އުޖޫރައެއް ލިބުމަކީ އެންމެންނަށް ކުރެވެން އޮތަސް އެންމެން ކުރަން ބޭނުންވާ ކަމަކަށް ނުވެއެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރެއިން އެންމެ ގަދައަށް އިވޭ އެއް ޝަކުވާގެ އަޑަކީ ވަޒީފާއާ ބެހޭ އަޑެވެ.

"ވަޒީފާއެއް ނުލިބޭ. ވަރަށް މަސައްކަތް ކޮށްފިން. ހަމަ ނުލިބެނީ. އަހަރެމެންނަށް ވަޒީފާ ދޭނީ ކާކު؟ އަހަރުމެން މިއީ ވަކި ވައްތަރެއްގެ މީހުންނޭ ކިޔައި ލޭބަލްކޮށްފައި ތިބޭ ބައެއް. އެއްވެސް މީހަކު އަހަރެމެންނަކަށް އެއްވެސް މަސައްކަތެއް ނުދޭނެ،" މާލޭގެ މަގުތައް މަތީ ސަލާން ޖަހަން އުޅޭ ޒުވާނަކު ބުންޏެވެ.

މިއީ މިއަދު ރާއްޖޭގައި އެންމެ ބޮޑަށް ކަންބޮޑުވުން އޮތް މަސްތުވާތަކެތީގެ ވަބާގައި މަގުމަތިވެފައި ތިބި އެކި އުމުރުފުރައިގެ މީހުންގެ ތެރެއިން ބައެއްގެ ވާހަކަ ހުރި ގޮތެވެ. ސަލާންޖެހުމަކީ އާމްދަނީ ހޯދުމަށާއި މަސްތުވުމަށް ހޭދަކުރަން ފައިސާ ހޯދުމަށް އޮތް މަގުކަމަށް ނިންމައިގެން އެގޮތުގައި އެމީހުން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ގައުމެއްގައި މީހަކު ދިރިއުޅެ، އެގައުމުގެ ރައްޔިތަކަށް ވާން ހޭދަކުރަން ޖެހޭ ވަރުގެ މުއްދަތެއް މި ގޮތުގައި އެމީހުން ހޭދަކޮށްފިއެވެ. ފަސް އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް މިކަމުގެ ތެރޭގައި ވެފައި ތިބި މީހުންނަށް މިއީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. ހައިރާންވާން ޖެހޭ މިންވަރަށް މިކަމާ މެދު އެމީހުން ސަމާލުކަންދެއެވެ.

"ގަޑިއަށް ގޮސްގެން ނޫނީ ރަނގަޅު އެއްޗެއް ނުލިބޭނެ. މަ މިދަނީ އަގޯރާ ކައިރީ ޖައްސާލަން. އެސްޓީއޯ ކައިރީ މިއަދު ކަމެއް ނެތް. މިދުވަސްކޮޅު ބޭންކު ކައިރިން ވަރަށް ނުލިބޭ. އޭޓީއެމް ކައިރިންވެސް ގޮތެއް ނުވި. މިއަދު މަށަށް ހެޔޮ އެއްޗެއް ލިބުނީ ލަކްޒަރީ ކައިރީ ހުރެގެން،"

ލަދުގެ ކަންފުޅެއްވެސް ނެތީބާވައޭ ހިތަށް އެރިއެވެ. މިއީ ސައިބޯން ހޮޓަލަކަށް ވަދެ ތިބެ ތިން މީހަކު ދެއްކި ވާހަކައެކެވެ. އެކީގައި، އެއް އޮފީހެއްގައި ވަޒީފާ އަދަކުރާ ބަޔަކު ކުރާ މަސައްކަތާއި ލިބޭ އާމްދަނީއާ ބެހޭގޮތުން މަޝްވަރާކުރަމުން ދިޔަ ކަހަލައެވެ. މި އަޑު އިވުނީ ރައްޓެއްސަކަށް ކުރި ވީޑިއޯ ކޯލެއްގެ ތެރެއިންނެވެ.

ކައިބޮއި ހަދަނީ ހޮޓާ ކެފޭތަކުންނެވެ. ނިދަނީ ކޮންމެވެސް ފަޅުތަނެއްގައި، ނޫނީ ބައެއް މީހުން ނިދުމަށް ފައިސާ ދީފައި ހުންނަ ކޮޓަރިގަނޑުތައް ހުރެއެެވެ. ވޭތުވެދިޔަ ހައެއްކަ ވަރަކަށް ދުވަހު "ވަން" ގެ ނިއުސް ޓީމުން ވަރަށް ރަނގަޅަށް ދިރާސާ ކުރިއެވެ. އަޖައިބުވެ އަމިއްލަ ނަފުސަށް ލަދުގަންނަ ކަހަލަ ކިތަންމެ ކަމެއްގެ މައުލޫމާތު މި ޓީމަށް ލިބުނެވެ.

އޭޓީއެމްތަކުގެ ކައިރީން، ބޭންކު ކައިރިން، މާލޭގެ ބޮޑެތި ވިޔަފާރިކުރާ ޝޮޕިން މޯލްތައް ނޫނީ ތަފާތު ތަންތަނުން ގިނަ މީހުން އެއްވާން ޖެހޭ ކަހަލަ ވިޔަފާރި ހިނގާ ތަންތަނުން، މިސްކިތްތައް ކައިރިން އެކި އުމުރުގެ އެކިފާޑުގެ މީހުންނާ ބައްދަލުވެ ވާހަކަ ދެކެވުނެވެ. މުޖުތަމައުގެ މި ނިކަމެތި ހާލާ މެދު ފެންކަޅިވެފައި ހުރެ ސުވާލުތަކެއް ކޮށްލީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. އޭޓީއެމްއެއްގެ ބޭރުގައި އިށީނދެގެން އިން ޅަޒުވާން އަންހެނަކު ފާހަގަކޮށްލެވުނެވެ. އެސްޓީއޯގެ ފުރަގަހުގައާއި މާރުކޭޓުގެ އެކި ދިމާތަކުން ފެނުނު މީހުންގެ ތެރެއިން ބައެއް މީހުން ވަކީން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ސަބަބަކީ އެމީހުންގެ މުޅި އުމުރުހެން މިކަމުގައި ހޭދަކޮށް މި ދާއިރާއިން އާމްދަނީ ހޯދައިގެން ގޭގެ ހަރަދުތައް ހަމަޖައްސައި އާއިލާ ބަލަހައްޓާ ބަޔަކަށް ވެފައި ވާތީއެވެ.

މުޅި މާލެއަށާއި ސޯޝަލް މީޑިއާއަށްވެސް އެނގޭ އަބްދުﷲ އާއި އަސާކުޑޭ ކިޔާ މީހެއްގެ އިތުރުން ނުކުޅެދުންތެރިކަމުގެ އެއްވެސް ކަމެއް ނެތީސް އޯޓިސްޓިކް ސިކުނޑި ހަމަނުޖެހޭ އުނި މީހެއް ކަމަށް ހެދިގެން އުޅޭ މޮހަނދު އަދި ގައިބާރު ހުރި އަންހެނުންތަކެއްވެސް ފާހަގަވިއެވެ. މި އަންހެނުންގެ ތެރެއިން އެއް ބައެއްގެ ފިރީންވެސް މި މީހުންނާއެކު މަސައްކަތަށް ނުކުމެ އުޅެއެވެ. އެއް ބަޔަކަށް ދަރީންވެސް ލިބިއްޖެއެވެ. ވީއިރު މިއީ ދިރިއުޅުމަށް، ކާންބޯން ކުރާ މަސައްކަތަކަށް ވެސް ނުވޭބާވައޭ މިއީ އުފައްދަން އެންމެ ރަނގަޅު ސުވާލެކެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ތެދުވެގެން ކުރަންޖެހޭ ކަންތައް ކޮށް، ދަރީން ނެތް މީހުންނާއި ދަރީންގެ ކަންތައް ކުރާ މީހުން އެ ކަންތައްތައް ކޮށްލުމަށްފަހު އެބައެއްގެ މަސައްކަތް އެ ދުވަހަކު ހަމަޖެހިފައިވާ ދިމާއަށް ދަތުރު ފަށައެވެ. އެ ހިސާބަށް ގޮސް ތަނެއްގައި އިށީނދެ ބޯފެނާއި އެހެނިހެން މުހިންމު ތަކެތި އަޅާފައި ހުންނަ ކޮތަޅު ގާތުގައި ބެހެއްޓުމާއެކު އެއް އަތް ކުރިއަށް ދަމާލައި މަސައްކަތަށް ފަށައެވެ. މީގެ ތެރެއިން ދަރިން ނެތް ބައެއް މީހުންނަކީ ދަރިން ލިބުމުން ހޮސްޕިޓަލަށް ނޫނީ އެހެންވެސް ކޮންމެވެސް ގޮތަކުން ޖެންޑާ މިނިސްޓްރީގެ ބޮލަށް ޖަހާފައި އަމިއްލަ ހާލައިގެން ފިރިމީހާ ނުވަތަ ލޯބިވެރިޔާއާއެކު މި ދާއިރާގައި އުޅޭ މީހުންނެވެ.

ކޮންމެ ބަޔަކަށްވެސް ފެންނާނީ މާލޭގެ ތިޔާގިކަމާއި ވިޔަފަރީގެ މާހައުލާއި އެހެންވެސް ފުރިހަމަ ކަންތައްތަކެވެ. އެކަމަކު މާލެއަށް އައިސް ފުރަތަމަ ފިޔަވަޅު އެޅޭ ބަނދަރުމަތީގެ ހިސާބާއި މާރުކޭޓުގެ ސަރަަހައްދާއި ބޮޑެތި ފިހާރަތަކާއި އެންމެ ގިނަ މީހުން އެއްވާ ނުވަތަ އައިސް ގޮސްވާ ހިސާބުތަކުން ފެންނަ މި މަންޒަރަކީ މިހާރަކަށް އައިސް ހުރިހާ ދިވެހީންނަށްވެސް އެނގޭ އާންމު ކަމަކަށް މިވަނީ ވެފައެވެ. އަދި މިއީ އެއްވެސް ފިޔަވަޅެއް މިކަމަށް ނޭޅޭ ކަމެއްވެސް މެއެވެ.

މި "އާމްދަނީ ހޯދަން ކުރާ މަސައްކަތު"ގެ އޯޓީ ދުވަހެއްވެސް އޮވެއެވެ. މިއީ ވަޒީފާ އަދާކުރާ މީހަކު އޭނާ މަސައްކަތް ކުރާ ދާއިރާއިން ނުވަތަ މަސައްކަތް ކުރާ އޮފީހުގައި އިތުރު ގަޑީގެ މަސައްކަތްކުރުމުން ރަނގަޅު އަދަދެއްގެ އިތުރު މުސާރައެއް ހޯދާ ބީދައިން ކުރާ ކަމެކެވެ. ހުކުރު ދުވަހުގެ މެންދުރު ހާއްސަ ވަނީ ސަލާން ޖެހުމުގެ އޯޓީއަށެވެ.

"ކޮންމެހެންވެސް އެގާރަ ޖަހަންވާއިރަށް ދާން ޖެހޭނެ. އެ ނޫނީ ކުރީ ސަފުން ޖާގައެެއް ނުލިބޭނެ،"

"އާނ. މިދިޔަ ހުކުރުގައި ވެސް ކިރިޔާ ލައްވާލީ. އެހާ ލަހުން ގޮސްގެން ލައްވާލައިގެން ތިންސަތޭކަ ވަރު ޖެހުނު،"

ހުކުރު ދުވަހުގެ މެންދުރަށް އިސްލާމީ މަރުކަޒު ކައިރިއަށާއި މާލޭގެ ހާއްސަ ބައެއް ސަރަހައްދުތަކަށް ހަމަ ބަރާބަރު ގަޑިއަށް ތައްޔާރުވެގެންދާ ސަލާން ޖަހާ މީހުންގެ އަދަދު ވަކި މަދެއް ނޫނެވެ. ހުކުރު ހުތުބާ ފެށުމުގެ މާކުރިން މި މީހުން އެކި ދިމަދިމާގައި އެތުރިގަނެއެވެ. މިކަަމަށްޓަކައި ގައިގެ ތަންތަން ހަލާކުކޮށް ބެންޑޭޖް އަޅައިގެން ތިބޭ މީހުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެނެވެ. ޗާނދަނީ މަގު އުތުރަށް ގޮސް ނިމޭ ހިސާބުން އިސްލާމީ މަރުކަޒާ ހަމައަށް އެކި ދިމަދިމާލުގައި ދެ ޖިންސުގެ މީހުން ތިބެނީ އެތުރިފައެވެ.

ހުކުރު ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް ސޮދަގާތް ބަހާ މީހުން އިސްލާމީ މަރުކަޒުގެ ބޭރުގައި ހުކުރުން ފައިބާއިރު ހަދާފައި އޮންނަ ކިއުލައިންއަށް ލާރި ބަހަން ފަށާއިރު މާލޭގެ ބައެއް ސަރަހައްދުތަކުންވެސް ލާރި ބަހާ މީހުން ނުކުމެއެވެ. މިކަމަށް ފާރަ ލައިގެން ތިބޭ "ފަގީރުން"ނަށް އެހީ ދިއްކުރެއެވެ.

"ކޮންތާކުން ކާކު ވަޒީފާ ދޭނީ؟ ކާންބޯން ޖެހޭ. ނިދަން ޖެހޭ. ކޮންމެވެސް ގޮތަކަށް ފައިސާ ހޯދައިގެން ދޯ ދިރިއުޅެވޭނީ. މިހާރު މިހެން އުޅޭތާ އަށެއްކަ އަހަރުވެއްޖެ. އެކަމަކު ތިހެން އަންނަ ބަޔަކު ސުވާލުކޮށްކޮށްފައި ދަނީ. ސަރުކާރަކުންވެސް، އާންމު ފަރާތަކުންވެސް އަޅައެއް ނުލާ. ބިދޭސީންނަށް ނިދާނެ ތަނަކާއި ފެންވަރާނެ ފާހާނާއަކާއި ކާނެބޯނެ އެއްޗެއްސާއި ފައިސާ ހޯދަން މަސައްކަތް ދޭގޮތަށް އަހަރެމެން ދިވެހިންނަށް ނުދެނީ ކީއްވެބާ؟ އެގޮތަށް ވަޒީފާ ދީ އުޅޭނެ ތަން ދެއްކީމަ މި ރަތްދަކަ އަވީގަ މަދިރިއާއި މެއްސާއި ހިރަފުހުގެ ތެރޭގަ މިހެން ތިބެން ކާކު ބޭނުންވާނީ؟"

މިއީ ކޮވިޑުގެ ހާލަތުގައިވެސް ސަރުކާރުން އެހީވެ ބޯހިޔާވަހިކަން ދިނުމަށްފަހު ކަރަންޓީނު ނިމުމުން އަނެއްކާވެސް މަގުމަތީ ދިރިއުޅެމުން އަންނަ ދެވަން ފުރައިގެ ސިއްހަތު ރަނގަޅު ފިރިހެނަކު ދެއްކި ވާހަކައެކެވެ. ވަޒީފާއޭ މި މީހުން ކިޔަނީ އޮފީހުގެ މޭޒުދޮށުގައި އިނދެގެން ގަލަން އެނބުރުމަށް އެކަނި ކަމަށް ވެދާނެއެވެ. އެނޫނީ ދެން ހުންނަނީ ވަޒީފާ ނޫން ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، މާލެ ފުރަބަންދު ކުރުމުން މިހެން ތިބި މިފަދަ މީސްމީހުންގެ ތެރެއިން މަދު އަންހެނެއް ފިޔަވައި ދެންތިބި އަންހެނުން ވީނުވީތަނެއް ނޭނގި ގެއްލުނެވެ. އެހެންނަމަވެސް ވަރަށް މަދު ފިރިހެނަކު ފިޔަވައި އެހެން ހުރިހާ ފިރިހެނުން، ސަރުކާރުން ހުޅުވާލި އެކި ހިޔާތަކަށް ގެންދެވުނެވެ. ބައެއް މީހުން އެމީހުންގެ ރަށަށް ފޮނުވައިލެވުނެވެ. އެހެންނަމަވެސް އަނެއްކާވެސް މަގުތައް މަތީ ކުރިން އުޅެމުން އައި ގޮތަށް 'ސަލާންޖެހުމުގެ' މަސައްކަތަށް މީހުން ނުކުންނަން ފަށައިފިއެވެ.

މިގޮތަށް ސަލާންޖެހުމަކީ އާމްދަނީ ހޯދާ މަސައްކަތަކަށް ހަދައިގެން އުޅެނީ ހަމައެކަނި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެއް ނޫނެވެ. އެފަދަ ވަބާގައި ޖެހިފައި ތިބި ބަޔަކު ނުކުޅެދޭ މީހުންކަމުގައި ހެދިގެން ނުވަތަ ބަލި މީހަކު ކަމުގައި ހެދިގެން މި މަސައްކަތަށް ނުކުމެއެވެ.

މިގޮތަށް ސަލާން ޖެހުމަށްޓަކައި، އަމިއްލައަށް ފައިގެ ކުޑަކަޅުވާއަށް ތިނޯހެއް ވައްދައި، އެތަން މަޑުމަޑުން ހަލާކުކުރަމުން ގޮސް، އެއްފައިގެ ފަލަމަސްގަނޑާ ހަމައަށް ބެންޑޭޖު އޮޅައިގެން އުޅުނު އަންހެނެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ވަރަށް ގިނަ ދިވެހިންނަށް އެނގޭ މި އަންހެން މީހާ ޑޮކްޓަރަށް ގެންދިއުމުން އައިސީޔޫއަށް ގެންދެވި ބެލުމަށްފަހު ކެންސަރުގެ އެންމެފަހު ހިސާބުގައި އޮތުމުން ފައި ބުރިކޮށްލުމަށް ބޭރަށް ފުރުމަށް އެންގުނެވެ. ނަމަވެސް މާދަމާ ފުރުމަށް ހަމަޖެހިފައި ވާނަމަ މިރޭ އޭނާ މަރުވެއްޖެއެވެ. މިއީ އަމިއްލައަށް މަރުވި މީހަކަށް ނުވޭތޯއެވެ.

މަސްތުވާތަކެއްޗަށް އަޅުދާސް ވެފައިވާ މީހާ އޭނާގެ އެ ވަބާއިން ގައިގައި އަޅާ ވޭނުން ސަލާމަތްވުމަށް ފަރުވާ ހޯދައިގެން އެކަން ހުއްޓާނުލައި އެ ވޭނުން ސަލާމަތްވުމަށް ލާރި އަންދަން، އެ ލާރި ހޯދަން ސަލާން ޖެހުން ހިޔާރު ކުރަނީ ކީއްވެބާވައެވެ. މިއީ ގާތްގަނޑަކަށް މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އާންމުވެގެން އުޅޭ ކަމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

"ކުރިން މިއީ އެއްގޮތަކަށްވެސް މަސްތުވާ މީހުން ކުރާ ކަމެއް ނޫން. މިހާރު ބެކްޕެކް ގްރޫޕެއް ހެދިގެން އުޅެނީ. އަސްލު މަސްތުވާތަކެތި ލިބޭ ކެފޭތައް، އެމީހުންގެ ނަމުންނަމަ 'ކާޓެލް'ތައް ހެދި ފަހުން. އަދި މިކަން މިހާ ބޮޑަށް ފުޅާވި އެއް ސަބަބު އެއީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ޝަރީއަތަށް ގެންދަން އަދި އެކި މައްސަަލަތަކުގައި ފަޅާ އަރައިގެން ރާއްޖެތެރޭގެ ރަށްރަށުން މާލެ ގެނެވޭ މީހުން ދާނެ ތަނެއް ނެތީސް ރަށަށް ނުފޮނުވައި މާލެތެރެއަށް ދޫކޮށްލުން." ދާދި ފަހަކާ ޖެހެންދެން ސަލާންޖެހުމުގެ މި "ވަޒީފާ" އަދާކުރި، އެހެންނަމަވެސް މިހާރު އަމިއްލަ ހިންމަތާއި މިންނެތް މަސައްކަތުން އަމިއްލަ ފައި މައްޗަށް ތެދުވެ، ޒަރޫރީ އަދި އަސާސީ ބޭނުންތައް ފުއްދައިލެވޭވަރުގެ އާމްދަނީއެއް ލިބެމުން އަންނަ، ލ. އިސްދުއަށް އުފަން، އެހެންނަމަވެސް މިހާރު މާލޭގެ ދަފްތަރު، އުމުރުން 28 އަހަރުގެ ޒުވާނަކު 'ވަން' އިން ކުރި ސުވާލަކަށް ވަރަށް ފުރިހަމައަށް މައުލޫމާތުދެމުން ބުންޏެވެ.

އޭނާއާ އެކުގައި ބޭންކުގެ އޭޓީއެމުން ފައިސާ ނަގައިގެން ނުކުތް އޭނާގެ އަނބިމީހާވެސް 'ވަން'އަށް އެމީހުންގެ ހަޔާތުގެ އަނދިރި ދުވަސްތަކުގެ ވާހަކަ ހިއްސާކުރިއެވެ.

"އޭރުގެ ވާހަކަ ދައްކާ ހިތެއް ނުވޭ. އެކަމަކު މީހުންނަށް އެއްޗެއް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވަން ބޭނުންވާތީ މި ކިޔައިދެނީ،"

އެ ޒުވާނާގެ އަނބިމީހާ ބުނި ގޮތުގައި އެމީހުންނަކީ މައިންބަފައިންނާއި އާއިލާގެ ހާލަތު ހުރި ގޮތުން ވަރަށް ކުޑައިރުއްސުރެ އެގޮތް މިގޮތަށް އުޅެ ބޮޑުވި ބައެކެވެ. ފައިސާގެ ބޭނުން ބޮޑުވެ ތަކެތީގެ އަގު ބޮޑުވެ ބޯފެނަކީވެސް ފައިސާއަށްވުމުން މަގުއޮޅި މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަދެވުނެވެ. އެއީ ތަންދޮރު ނޭނގުމާއި ހަރާމްހަލާލު ހަމައެކަނި ނަމުން އެނގުނަސް ކިހިނެއްވާ، ކޮން ކަމެއްތޯ ނޭނގުމުން ވީ ކަމެކެވެ.

"ދެން ވީ ގޮތަކީ މައްސަލައެއްގައި ހައްޔަރުވެ ދެމީހުންވެސް މާލެ އަންނަން ޖެހުނީ،"

އޭރު ވިޔަފާރީގެ އިތުރުން އޭގެ ވަބާގައިވެސް ޖެހިފައިވާ ކަމަށް އެމީހުން ކިޔައިދިނެވެ. ފުލުހުންގެ ހައްޔަރުން ދޫކޮށްލިއިރު ދާނެ ތަނެއް، ފައިސާ ލިބޭނެ މަގެއް ނެތެވެ. ބަނދަރުމަތީގައި ދެރޭ ދެދުވާ ވީއިރު 'ފަގީރު ބަސްތީ'ގެ ބަޔަކަށް އެމީހުންވެސް ވެއްޖެއެވެ. ދެން މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ފިރިމީހާ ނިންމިއެވެ. އަދި ސަލާން ޖަހައިގެން ދެމީހުން ކެއުމާއި ބުއިމާއި ނިދުމުގެ އިތުރަށް މަސްތުވާތަކެތި ހޯދުންވެސް ހިމެނުނީ ސަލާންޖެހުމުން ލިބޭ އެއްޗަކުން ހަރަދު ކުރަން ޖެހޭ ބޮޑު ކަމަކަށެވެ.

"އެންމެ ފަހުން އަސްލުވެސް ހަމަ ލަދުގަނެ ދެރަވެ ބިރުގަތީ. ކޮންމެ ހުކުރުދުވަހު، އެ މާތް ދުވަހު އެ ކުރަން ދާ ކަމަކުން އަމިއްލަ ނަފުސު ދެކެ ރުޅިއައިސް ފޫހިވީ،" ފިރިމީހާ ކިޔައިދިނެވެ.

"ކުރިން ވަޒީފާ ހޯދުމަށް އެޅުނު ހުރަހަކީ ޕޮލިސް ރިޕޯޓް. ހިތަށް އެރީ އެކަމަށްވެސް ހައްލެއް އޮންނާނެއޭ،"

ޕޮލިސް ރިޕޯޓް ކޮންމެ ގޮތަކަށް އޮތަސް އިހުލާސްތެރި ހިތަކުން މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމުގެ ހެއްކަކީ މިއަދު މި ދެ ޒުވާނުން ވަޒީފާ އަދާކޮށް ރީތި ދިރިއުޅުމެއް އުޅެމުން ދިއުމެވެ. ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ހަރަދު ކުރަމުން އަންނަ މި ދެ ޒުވާނުންނަކީ މަސްތުވާތަކެތީން ދުރުވެތިބުމަށް ވަކި ހާއްސަ ތިއަރީއެއް ގަބޫލުކުރާ ބައެއް ނޫނެވެ. ފަސްވަގުތުގެ ނަމާދާއި ތެދުވެރިކަމުން ކުރިއަށްދާ މި ދެ ޒުވާނުން ބުނާގޮތުން ނަމަ ރާއްޖޭގައި ވަޒީފާ ނެތޭ، ނުދެއޭ، ނުލިބެއޭ މިއީ މުޅިއަކުން ތެދު ވާހަކަތަކެއްއެއް ނޫނެވެ. ވަޒީފާ ހޯދަން ފަސޭހަ ނޫން ކަމަށް ބުނެފައި އެ ދެމީހުންވެސް ބުނެލީ އެއް އަޑަކުން އެއް ވާހަކައެކެވެ.

"ވަޒީފާ ނެތީއެއް ނޫން. ބޭނުންވާ ފޮނި ވަޒީފާ ނުލިބެނީ. އަޅުގަނޑުމެނަށް ލިބޭ މުސާރައިގައި ކުނިވަހެއް ނޫނީ ކައްކާބަދިގޭގެ ވަހެއް ނުހުރޭ،"

ތެދެކެވެ. ފައިސާގައި ހުންނާނީ ފައިސާ، ލާރިކަރުދާހުގެ ވަހެވެ. ކުރާ މަސައްކަތުގެ ވަހެއް ނުވަތަ ކުލައެއް ނޫނީ އަސަރެއް ފައިސާއަކު ނުހުންނާނެއެވެ.

ރާއްޖޭގެ ފުރަމާލޭގެ މި ހާލަތު ބަދަލުކުރުމަށް ކުރެވިދާނެ ކަންތައް މަދެެއް ނޫނެވެ. ފަރުދީ ގޮތުން ކޮންމެ މީހަކުވެސް އަމިއްލަ ޒިންމާއެއް އޮތްކަން ދެނެގަނެ އެ ޒިންމާ އަދާކުރާނަމައެވެ. ރަށްރަށުގެ މީހުން އެނބުރި ރަށްތަކަށް ނުދާން އެ އުޅެނީ ކީއްވެގެންތޯއެވެ. މީހުންގެ އަމުރުގެ ދަށުން، ކޯޓުފަޓުލޫނު ނުލައި، ސާފުކުރުން، ކުނިކެހުން، ޖަންކުޝަން ސާފުކުރުން ކަހަލަ ވަޒީފާ ހޯދަން ބޭނުން ނުވަނީ ކީއްވެގެންތޯއެވެ. ކޮންމެއަކަސް ފުރަމާލޭގެ ސަލާން ޖެހުމުގެ މި އާދަ ހުއްޓޭނެ ދުވަހެއް ފެނުމަކީ އުއްމީދެކެވެ. މާލޭގެ ފަގީރު ބަސްތީ ނެތިގެން ދިއުމަކީ ބޮޑު އުއްމީދެކެވެ.