ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

ކޮމަންޑޫގައި އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ގާއިމުކުރާ އައިސްޕްލާންޓްގައި 25 ޓަނުގެ އައިސް އުފެއްދާނެއެވެ. އަދި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެއެވެ.

މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ވަނީ ހަ މަސް ތެރޭގައި ނިންމުމަށްފަހު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.