މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ "ސަވާދީއްތަ ދަތުރު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން މިއަދު ބުނީ، ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި އެމްއައިޓީޑީސީން ބާއްވާ ފުރަތަމަ ޔޮޓް ރެލީގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެމްއައިޓީޑީސީން އެ ޔޮޓް ރެލީ ބާއްވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށް ކަމަށް ދިރާގުން ބުންޏެވެ.
ޔޮޓް ރެލީގައި ދަތުރުކުރާ ގިނަ ރަށްތަކަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ވާހަކަތަކާ ގުޅޭ އާސާރުތައް ހިމެނޭ ރަށްރަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދިއުމަށް ހަމަޖެހިފައިވެއެވެ.
"ސަވާދިއްތަ ދަތުރު" އޮންނާނީ އަންނަ މަހު ފަސްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބޭރު ގައުމުތަކުގެ ޔޮޓުތަކުން ވެސް ބައިވެރިވާ މި ޔޮޓް ރެލީގެ ނަން، "ސަވާދީއްތަ ދަތުރު" ނިސްބަތްކޮށްފައިވަނީ ބޮޑުތަކުރުފާނަށެވެ.
"ސަވާދީއްތަ ދަތުރު" ގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީއެވެ.
ދިރާގުން ބުނީ އެ ދަތުރުގައި ބައިވެރިވާ ފަތުރުވެރިންނަށް އެ ރަށްތަކުގެ ކައިރީގައި ހުންނަ ޑައިވިން ސަރަހައްދުތައް ޑައިވްކުރުމުގެ ފުރުސަތާއި އެ ރަށްތަކުގެ ތާރީހާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ފަތުރުވެރިން ތާރިހީ ތަންތަނަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު