ކޮވިޑު ކޭސްތައް އިތުރުވެ ބ. ތުޅާދޫ ވެސް މޮނިޓަރިން އަށް ލައިފިއެވެ.

ތުޅާދޫ ކައުންސިލް ރައީސް އިބްރާހިމް އާދިލް ވަން އަށް ވިދާޅުވީ މިވަގުތު ރަށުގައި 31 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށާއި މިއަދާ ހަމަޔަށް 40 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ.

ތުޅާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާ އިރު އާދިލް ވިދާޅުވީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ގޯސް ނޫން ކަމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން އާއްމުންނަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ކައުންސިލުން ވިސްނާފައި ނުވާކަމަށާއި ސްކޫލުގެ ކިޔެވުން ވެސް ކުރިއަށް ގެންދަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ކަމަށް އާދިލް އިތުރަށް ވިދާޅުވިއެވެ.

މިހާތަނަށް 34 ރަށެއް މޮނިޓަރިން އަށް ލާފައިވާއިރު ބ އަތޮޅުން ކެންދޫ، އޭދަފުށި، ދަރަވަންދޫ، ގޮއިދޫ އަދި ތުޅާދޫ ހިމެނޭ ގޮތަށް މިހާރު ފަސް ރަށެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.