ރާއްޖޭގައި ހަލުވިކަމާއެކު އަނެއްކާވެސް ކޮވިޑް-19 ފެތުރެމުންދާ އިރު, އެ ބައްޔަށް ޕޮޒިޓިވްވާ ކުޑަކުދީންވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ އިން "ވަން"އާ ހިއްސާކޮށްފައިވާ އެކްސްކުލޫސިވް މައުލޫމާތަށް ބަލާއިރު, މިދިޔަ ފަސް ދުވަސް ތެރޭ އުމުރުން 18 އަހަރުން ދަށުގެ 2,782 ކުއްޖަކަށް ކޮވިޑު ޖެހިފައިވެއެވެ. އެއީ މިދިޔަ ހަތަރު ދުވަސް ތެރޭ ރާއްޖޭން ޕޮޒިޓިވް ވި ޖުމުލަ އަދަދު ކަމަށްވާ 13120ގެ 21 ޕަސެންޓެވެ.
އެޗްޕީއޭގެ މައުލޫމާތަށް ބަލައި އިރު, މިދިޔަ ފަސް ދުވަހުގެ ތެރޭ އެވްރެޖްކޮށް ކޮންމެ ދުވަހަކު 500 ކުޑަކުދިންނަށް ވަނީ ބަލި ޖެހިފައެވެ. އަދި އެންމެ ގިނައިން ޕޮޒިޓިވްވަނީ އުމުރުން 1 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ.
މައުލޫމާތުން އެނގޭ ގޮތުގައި, މިދިޔަ ފަސް ދުވަހުގެ ތެރެއިން އެންމެ ގިނަ ކުޑަކުދިން ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 620 ކުއްޖަކަށް ކޮވިޑް ޖެހިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އަހަރު ނުފުރޭ 28 ކުއްޖަކާއި އެއް އަހަރާއި 11 އަހަރާ ދެމެދުގެ 383 ކުއްޖަކާއި 12 އަހަރާއި 17 އަހަރުގެ 209 ކުއްޖެކެވެ.
ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 133,288 އަށް އަރާފައިވާ އިރު, އެކްޓިވް ކޭސްގެ އަދަދު 17,732 އަށް ވަނީ އަރައިފައެވެ. އަދި އެބައްޔަށް 53 މީހަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އިރު, ބަލީގައި 274 މީހަކު ވަނީ މަރުވެފައެވެ.
- 1 އަހަރުން ދަށް: 128 ކުދީން
- 1 އަހަރާއި 11 އަހަރާ ދެމެދު: 1،759 ކުދީން
- 12 އަހަރާއި 17 އަހަރާ ދެމެދު: 895 ކުދީން
- ޖުމުލަ: 2,782 ކުދީން
ޚަބަރު
ޚަބަރު
ޚަބަރު