ދެގައުމަށް ފައިދާވާ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޝީ މިހެން ވިދާޅުވީ، ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ލިބިވަޑައިގަތުމުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އިއްޔެ ފޮނުއްވި މެސެޖެއްގައެވެ.

ޝީއާ ހަވާލާދެއްވައި ޗައިނާގެ ގައުމީ އޮންލައިން ނިއުސް ސާވިސް އިން ބުނީ، ކޮވިޑް 19ގެ ބަލިމަޑުކަން ފެށުނީއްސުރެ ކުރިމަތިވި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާއިން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތުގައި ޗައިނާ އިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝީ އިތުރަށް ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ދެ ގައުމަށްވެސް ފައިދާ ހުރި ކަންކަމުގައި ރައީސް ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ށ. ކޮމަންޑޫއަށް ވަޑައިގަތުމަށްޓަކައި، ހެއްދެވި ޕީސީއާރު ޓެސްޓުގެ ނަތީޖާއިންނެވެ. ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.