ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަންގެ މެމްބަރުން ނެތުމުން މިވަގުތު ބެލެން ނެތް ކަމަށް އޭސީސީން އިދިކޮޅު ކޯލިޝަނަށް އަންގައިފިއެވެ.
އިދިކޮޅު ހުށަހެޅި އެ މައްސަލަ މިވަގުތު ކުރިއަށްގެންދެވެން ނެތްކަން އަންގައި އޭސީސީން ފޮނުވި ސިޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ނޫސްވެރިންނާ މިއަދު ހިއްސާކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެޑްރެސްކޮށް އޭސީސީން ފޮނުވި އެ ސިޓީގައި ބުނީ، އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް އެއްވެސް ކަމެއް ނިންމޭނީ ކޮމިޝަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަަށެވެ.
އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ގާނޫނީ ބާރުވެރިކަން ލިބިފައިވަނީ އެ ކޮމިޝަންގެ މެމްބަރުންނަށް ކަމަށާއި، މިހާރު އެ ކޮމިޝަންގައި މެމްބަރުން ނެތި ވަނީ ގާނޫނީ ހުސްކަމެއްގައި ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން އިންތިހާބާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ބެލުމާ މެދު މިވަގުތު ގޮތެއް ނިންމިފައިނުވުމުން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުން ހުށަހަޅާފައިވާ އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ސިޓީއާ ގުޅިގެން ހީނާ މިރޭ ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅޭ އެފަދަ ބޮޑެތި މައްސަލަތައް ހުރި އިރު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަް ބޯމަތިވެ، ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަމުންދާއިރު އޭސީސީގެ ދޮރުގައި ބޮޑު ތަޅު އަޅުވާފައި ބަހައްޓަނީ ސަރުކާރު ހުދުމުހުތާރުވުމުން ކަމަށެވެ.
އޭސީސީގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް ފެންނާތީ އާއި އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެގޮތަށް ދައްކާ ކަމަށްބުނެ، އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އޭސީސީގެ މެމްބަރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ފަސްވަނަ ދުވަހު ރައީސް އޮފީހުން ވަނީ ހުޅުވައިފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު