ރާއްޖޭގެ ކޮވިޑު ހާލަތު ގޯސްވެ، މާލެ ސަރަހައްދުން ލޭ ލިބުން ދަތިވެ ލޭ ހޯދަމަށް މޯލްޑިިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން އަނެއްކާވެސް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
އެމްބީއެސް އިން މިއަދު ބުނެފައިވަނީ އެތަނުގެ ސްޓޮކްގައި ހުރި ލޭ ވަރަށް މަދުވެފައިވާ ކަމަށާއި ކޮވިޑުގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެފައިވާތީ ލޭ ލިބުން އަނެއްކާވެސް ދަތިވެފައިވާ ކަމަށެވެ. ލޭ ހަދިޔާ ކުރުމުގައި އާއްމުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށް އެމްބީއެސް އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް 19 އާ ގުޅިގެން ލޭ ލިބުން ދަތިވެ އެކި ފަހަރު މަތިން ލޭ ހަދިޔާކޮށްދިނުމަށް އެމްބީއެސް އިން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އެއިން ކޮންމެ ފަހަރުކުވެސް އާއްމުންގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް އެތަނުން ވަނީ މީގެ ކުރިންވެސް ފާހަގަ ކޮށްފައެވެ.
ވަން އަށް މީގެ ކުރިން ދެއްވި އިންޓަވިއު އެއްގައި އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް، ޑރ. އަހުމަދު އުމަރު ވަނީ ކޮވިޑް 19އާ ގުޅިގެން ބައެއް ފަރާތްތަކުން ލޭ ހަދިޔާ ކުރުމަށް ޖެހިލުންވާ ކަން ފާހަގަކުރައްވައިފައެވެ. ލޭ ނެގުމުގެ ކަންކަން ކުރިޔަށްގެންދަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެހެންކަމުން ލޭދިނުމަށް ފަސް ނުޖެހުމަށް ޑރ. އުމަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހާތާ ތިން ދުވަސް ފަހުން ލޭ ހަދިޔާ ކުރެވޭނޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ލޭ ހަދިޔާކުރަން އާއްމުން ދިއުމަށް ޑރ. ފައިސަލް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމްބީއެސްގައި މިވަގުތު ތެލެސީމިއާގެ 700 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް އެތަނުން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގައެވެ.
ލޭ ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 8 އިން އިރުއޮއްސި 6:30 ވަންދެން އެމްއެބީއެސްގައި ލޭ ހަދިޔާ ކުރެވޭނެއެވެ. އަދި އުމުރުން 18 އަހަރުވެފައިވާ ސިއްހަތު ރަނގަޅު ކޮންމެ މީހަކަށް ވެސް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާ ކުރެވޭނެއެވެ. އެ ވަރަށް ލޭ ހަދިޔާ ކުރުމަށް، ބަރުދަނުގައި 45 ކިލޯ އަދި ހިމޮގްލޮބިން ކައުންޓުގައި 12.5 ހުންނަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު