އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގަދަ 16 ގައި ކުޅުނު މެޗުގައި ކޭޕް ވާޑޭ ބަލިކޮށް، ސެނެގާލްއިން ކުއާޓާ ފައިނަލް ޔަގީންކޮށްފައެވެ.
ކެމަރޫންގެ ބަފޯސަމް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސެނެގާލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗުގައި ކޭޕް ވާޑޭއަށް ދެ ރަތް ކާޑު ދައްކާފައިވާ އިރު، އެޓީމަށް ސެނެގާލްގެ ގޯލަށް މާ ބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކޭޕް ވާޑޭގެ ކޮރިއާ އެންޑްރާޑަށް ރަތް ކާޑު ދެއްކުމާއެކު ސެނެގާލަށް އެޓޭކް ކުރަން ފަސޭހަވި އިރު، ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފޯވަޑް މާނޭގެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އިތުރު ހަމަލާއަކަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް ކޭޕް ވާޑޭގެ ޑިފެންސުން ހުރަސް އެޅިއެވެ.
ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޭޕް ވާޑޭގެ ގޯލްކީޕަރު އެވޯރާ ޑިއާސް ވޮޒިންހާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެ ރަތް ކާޑު ދެއްކީ މާނޭ ކުރިއަށް ޖެހުނު ބޯޅައަކަށް އަރައި ބޮލުން ބޯޅަ ދުއްވާލަން އުޅުމުގެ ތެރޭގައި މާނޭ ބޮލުގައި ވޮޒިންހާ ބޮލުން ޖެހުމުންނެވެ. ދެކުޅުންތެރިން ޖެހި ބޮލަށް އަނިޔާވުމުން ވޮޒިންހާ ދަނޑުން ބާލަން ޖެހުނު އިރު، މާނޭގެ ބޮލަށްވެސް ހުރީ އަނިޔާވެފައެވެ.
އަނިޔާގައި ހުރި ނަމަވެސް މާނޭ ކުޅުމަށް ނުކުމެ، އޭގެ އިރުކޮޅެއް ފަހުން އޭނާގެ ހިތްގައިމު ގޯލެއް ފެނިގެން ދިޔައެވެ. ގޯލަށް ފަހު ދެން ފެނުނީ މާނޭ އަނެއްކާވެސް ދަނޑުން ބޭލި ތަނެވެ. މާނޭ ދަނޑުން ބޭލީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކެތް ނުކުރެވިގެންނެވެ. މޭނާގެ ބޮލަށް އަނިޔާ ލިބުމާއެކު ވަގުތުން ދަނޑުން ނުބޭލުވުން އެއީ އުސޫލުން ބޭރު ކަމެއް ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާ އިރު، ސެނެގާލްއިން ކުޅޭ ކުއާޓާ ފައިނަލް މެޗަށް މާނޭ ނުކުންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ސެނެގާލްއިން މެޗުގެ ދެވަނަ ގޯލު ޖެހީ މެޗުގެ ފަހު ވަގުތުގައެވެ. އެ ގޯލު ޖަހައިދިނީ ބަންބާ ޑިއޭންގެވެ.
ސެނެގާލްއަކީ 2019 ވަނަ އަހަރު ބޭއްވި އެފްކޯންގެ ރަނަރަޕް ޓީމެވެ. މިފަހަރު މުބާރާތަށް ނުކުތް އިރުވެސް ސެނެގާލްއަކީ ފެވަރިޓެކެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން