ދުނިޔެ

ބުރްކީނާ ފާސޯއަށް އަސްކަރީ އިންގިލާބެއް ގެނެސް، ވެރިކަން ބަދަލުކޮށް ސަރުކާރު އުވާލައިފި

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ ސިފައިން އެގައުމަށް އަސްކަރީ އިންގިލާބެއް ގެނެސް, ވެރިކަމާ ހަވާލުވެ, އެގައުމުގެ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކޮށްފިއެވެ.

އަސްކަރީ އިންގިލާބު ގެނައުމުގައި އިސްކޮށް ހުންނެވި ކަމަށްވާ ލެފްޓިނެންޓް ކާނަލް ޕޯލްހެންރީ ސަންޑޯގޯ ޑެމިބާ ނަމަކަށް ކިޔާ އޮފިސަރު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި ބުނީ, ވެރިކަން ބަދަލުކުރީ ސުލްހަވެރި ކަމާއެކުގައި ކަމަށާއި މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ރައީސްއާއި އިތުރު މީހުން ހައްޔަރުކޮށްފައި ވަނީ ރައްކާތެރި ތަންތަނުގައި ކަމަށެވެ.

ނަމަވެސް މަގާމުން ދުރުކޮށްފައިވާ ރައީސް ކަބޯރޭ ހުންނެވީ ކޮންތަނަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ, އެގައުމުގެ ގާނޫނުއަސާސީއަށް އަމަލުކުރުން ސަސްޕެންޑުކޮށް, ގާނޫނުހަދާ މަޖިލީހާއި ސަރުކާރު އުވާލައި, ގައުމުގެ ބޯޑަރުތައްވެސް ބަންދުކޮށްފައިވާ ކަމަށެވެ.

ރަން އުފައްދާ ގައުމެއް ނަމަވެސް, ބުރްކީނާ ފާސޯއަކީ ހުޅަނގު އެފްރިކާގެ އެންމެ ފަގީރު އެއް ގައުމެވެ. އަދި ފްރާންސްގެ އަތްދަށުން އެގައުމަށް 1970 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން, އެތައް ބަޣާވާތެއް ހިންގާފައިވެއެވެ.

ބުރްކީނާ ފާސޯއަށް އަސްކަރީ އިންގިލާބެއް ގެނެސްފައިވާކަން އަސްކަރިއްޔާއިން އިއުލާން ކޮށްފައި މިވަނީ, މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެގައުމުގައި ހަރަކާތްތެރިވާ ހައްދުފަހަނައެޅި ހަނގުރާމަވެރިންނާ ހަނގުރާމަކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާ ކަމަށް ގޮވާލައި, އަސްކަރީ ކޭމްޕުތަކެއްގައި ބަޑި ޖަހާފައި ވަނިކޮށެވެ. އަދި ވެރިރަށް އޮގާޑޯގޯގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމާއި އެކަން ހިނގީ ރިޔާސީ ގަނޑުވަރު ކައިރީގައި ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.