ޚަބަރު

މިދިޔަ އަހަރު 2400 ކައިވެނި! އޭގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރި!

މުހައްމަދު ޖަމްޝަތް ވަހީދު

މިދިޔަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ވަރިކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުގައި އަގުދު ކޮށްދީފައިވަނީ 2،399 ކައިވެންޏެވެ. މިދިޔަ އަހަރު 1،192 ވަރި އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާއިރު އެއީ އެ އަހަރު އެކޯޓުން އަގުދު ކޮށްދިން ކައިވެނީގެ އަދަދާ އަޅައި ބަލާއިރު 49.6 ޕަސެންގެ އަދަދެކެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ކޮށްފައިވާ 87 ކައިވެންޏެއް މިދިޔަ އަހަރު ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވެއެވެ. އަދި 2020 ވަނަ އަހަރު އެކޯޓަށް ހުށަހަޅާފައި ނަމަވެސް ރަޖިސްޓްރީ ނުވެ އޮތް 20 ކައިވެންޏެއް ހިމެނޭހެން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއިން ބޭރުގައި ކުރެވުނު 92 ކައިވެންޏެއް ރަޖިސްޓްރީ ކުރިއެވެ. އެ އެހަރު ނިމުނު އިރު އިތުރު 24 ކައިވެންޏެއް ރަޖިސްޓްރީކޮށް ނުނިމޭ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ފެމިލީ ކޯޓުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދަރީންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކޯޓުން ނަގައިދިނެވެ. އަދި އިއްދައިގެ ހަރަދުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައި ވާއިރު އަނބިމީހާގެ ހަރަދުގެ ގޮތުގައި ވެސް 29 ހާސް ރުފިޔާ ނަގައިދީފައިވެއެވެ.

ފާއިތުވި އަހަރު އެކޯޓަށް ހުށަހަޅާފައިވަނީ 2،408 އަށް މައްސަލައެވެ. އަދި 2020 ވަނަ އަހަރު އެކޯޓަށް ހުށަހަޅާފައިވާ 660 މައްސަލައާ އެކު 2،615 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް އެކޯޓުން ބުނެއެވެ. އަދި އަހަރު ނިމުނު އިރު ނުނިމި 453 މައްސަލައެއް އޮތްކަމަށް ވެސް ފެމިލީ ކޯޓުގެ އެ ތަފާސް ހިސާބުތަކުން ދައްކައެވެ.