ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުޣައިދީއާ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް، މި ޖަނަވަރީމަހުގެ 23 އިން 29 އަށް ރާއްޖެއަށް ކުރައްވާ މިދަތުރުގައި މިއަދު ހެދުނު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާ ބައްދަލުކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މިބައްދަލުކުރެއްވުމުގައި، އައިއެމްސީ.ޓީސީގެ ސެކްރެޓަރީ ޖެނެރަލްވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތުގައި، އެ ކޯލިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ އިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މިމަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކޮށްފައި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން މިނިސްޓަރ މާރިޔާ ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޑިފެންސުން ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމުކޮށްފައިވާ އައިއެމްސީ.ޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، އެއް އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓުން، އެމުއްދަތު އިތުރުކޮށް، މިހާރުވެސް އެސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވި ކަމަށް ޑިފެންސުން ބުނެއެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެންބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.