ޚަބަރު

ސައުދީ އާއި ޔޫއޭއީއަށް ދެމުންދާ ވައިގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އަލީ ޔާމިން

ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ދެމުންދާ ވައިގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ހޫތީން ވަނީ އިއްޔެއާއި މިއަދު ސައުދީއާއި ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައެވެ. ޔޫއޭއީގެ ސަލާމަތީ ބާރުތަކުން ވަނީ ހޫތީން ދޭން މަސައްކަތްކުރި ބައެއް ހަމަލާތައް ނާކާމިޔާބުކޮށްލައިފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން، އަރަބި ކަރައިގެ ސަލާމަތަށް ނުރައްކާވާ ކަމަށާއި އެކަމުގެ ގެއްލުން މުޅި ދުނިޔެއަށް ކުރާ ކަމަށެވެ. އަދި ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ސުލްހަ ގާއިމުކުރަން ހުރަސް އެޅޭ ކަމަށްވެސް ބުންޏެވެ.

ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މިނިސްޓްރީން ބުނީ ދިވެހީން ތިބީ، ޔޫއޭއީއާއި ސައުދީގެ ރައްޔިތުންނާއެކުގައި ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ތެދުވާނެ ކަމަށެވެ.

ސައުދީއަށް މިއަދު ދިން މިސައިލް ހަމަލާގައި ބައެއް ތަންތަނަށް ގެއްލުން ލިބުނު ނަމަވެސް، މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި ޔޫއޭއީއަށް މިދިޔަ ހަފުތާގައި ދިން ހަމަލާގައި ތިން މީހަކު ވަނީ މަރުވެފައެވެ.