އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އަލީ ޒައިދު އިސްތިއުފާދެއްވައިފިއެވެ.

އެކަން ހާމަކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ޒައިދު ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އާއި އެހެނިހެން މެމްބަރުން އޭނާއާމެދު އަމަލު ކޮށްދެއްވާފައިވާ ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާދެއްވި ސަބަބެއް ޒައިދު ހާމައެއް ނުކުރައްވައެވެ. އޭނާ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާދެއްވާފައި މިވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) ދީފައި ވަނިކޮށެވެ. އަދާލަތުގެ އެ ނިންމުން އައުމުގެ ކުރީން ޒައިދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަށް އަދާލަތު ޕާޓީން ތާއިދު ނުކުރުމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ އެހެން މެމްބަރުން ވެސް ވަނީ ގޮވާލައިފައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ޒައިދު އިސްތިއުފާ ދެއްވާފައިވާއިރު، އަދާލަތު ޕާޓީ ހިންގާ ގޮތާމެދު ހިތްހަމަނުޖެ އެޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޑރ. އަނާރާ ނައީމް އާއި ޝިދާތާ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.