ޒިކުރާ މިސްކިތުގެ މައްސަލައިގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަން ހުކުމް ކޮށްފައިވާ ފައިސާގެ ބަދަލުގައި، ހުޅުމާލޭގައި މިސްކިތެއް އަޅައިދޭން އެއްބަސްވެއްޖެއެވެ.
މިދިޔަ ސަރުކާރުގައި ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރި ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށް ބުނެ އެތަން ހުސްކުރަން މި ސަރުކާރުން އެންގިއެވެ.
އެ މައްސަލައިގައި އެސްޖޭއަށް ދައުލަތުން ދައްކާފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެސްޖޭއިން ދޭންޖެހޭ 30 މިލިއަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެ ކުންފުނިން ހުށަހެޅި ކަމަށެވެ.
އެ ހުށަހެޅުމާ ގުޅިގެން އެ މިނިސްޓްރީއާއި އެސްޖޭއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަށް އާދެވިފައިވާތީ، އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާއެކު، އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ނިންމައި، މިއަދު ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލެވޭ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުންޏެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ހަރަދު، އެސްޖޭގެ ފަރާތުން ހަރަދު ކުރާ ގޮތަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމާއެކު މިނިސްޓްރީއާއި ކުންފުނިން އެއް ފަރާތުން އަނެއް ފަރާތުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތައް ކޯޓުން ނެގުމަށް އެއްބަސްވެފައިވާ ކަމަށްވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން، މި ޕްރޮޖެކްޓަށް ޖުމުލަ 35 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި އެއްބަސްވުމުގެ ދަށުން މިސްކިތެއް އަޅާނީ ހުޅުމާލެ ފޭސް 2ގައި ކަމަށާއި އެތަނަކީ މެއިން ހޯލް އަދި އައުޓް ޑޯއާއެކު 3000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވާ މިސްކިތެއް ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު