ރާއްޖޭގައި ޑިޖިޓަލް ޓެކްނޮލޮޖީއަށް އޮތް ފުރުސަތުތައް ފަހިކުރުމަށް، ފަސޭހަކަމާއެކު އަގުހެޔޮ އިންޓަނެޓެއް ލިބޭނޭ ވަސީލަތްތަކާއެކު ޑިޖިޓަލް ޑޭޓާ ޕްލެޓްފޯމެއް ތައްޔާރުކުރުމުގެ ބޮޑު މަޝްރޫއެއް ވޯލްޑް ބޭނުކުން ފަށައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ވޯލްޑް ބޭންކުގެ ޑައިރެކްޓާ އޮފް މޯލްޑިވްސް، ނޭޕާލް އެންޑް ސްރީލަންކާ، ފާރިސް ހަދާދް-ޒާވޯސް އަދި ރީޖަނަލް ޑައިރެކްޓާ އޮފް އިންފްރާސްޓްރަކްޗާ އިން ސައުތު އޭޝިއާ، ގުއާންޝީ ޗެން ފާހަގަކުރައްވާފައިވާ ގޮތުން ކޮވިޑް 19 ގެ ސަބަބުން ގައުމުތަކުގެ އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެ ގައުމުތައް އާރާސްތުކުރުމަށް އެކި މަސައްކަތްތައް ކުރަމުން އަންނަ އިރު ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކެވެ.
މި ގޮންޖެހުންތަކުން އަރައިގަނެވެން އޮތީ އުފެއްދުންތެރި އުސޫލުތަކާއެކު ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކަމަށާއި އެގޮތުން ހުރިހާ ފަރާތެއް ޝާމިލުވާ ގޮތަށް "ފެހި" ތަރައްގީއެއް ގެނެވެން އޮތް ފުރުސަތު ފަހިކުރުމަށް ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާގެ އޮފިޝަލުން ބުނެއެވެ.
ވޯލްޑް ބޭންކުން ހަބަރު ދޭ ގޮތުގައި، އެ ޖަމިއްޔާގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މިސްރާބު ކަނޑައަޅާފައިވަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމާ ދިމާއަށެވެ. އަދި ލާމަރުކަޒީ ދިރިއުޅުމަކަށް ދިވެހިން ބައްޓަންކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިމުން ބޭރަށް ރާއްޖޭގެ އިގުތިސޯދު ފުޅާ ކުރުމަށާއި ތޮއްޖެހިފައިވާ މާލެއިން ބޭރަށް ހިދުމަތްތައް ފަހިވެގެން ދާނެ އުސޫލުތަކެއް ގާއިމުކުރުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެ ޖަމިއްޔާގެ މި އަމާޒަށް ވާސިލުވެވެން އޮތީ ޑިޖިޓަލް އާލާތްތަކާއެކު ކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
ބައިނަލްއަގުވާމީ އިންޓަނެޓް ވިއުގައިގެ ތެރެއިން ގައުމުގެ މުއާސަލާތީ ވިއުގަ ވަރުގަދަކޮށް، ރާއްޖޭގެ ގިނަ ރަށްތަކަށް ހެޔޮ އަގުގައި ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތްތައް ފަސޭހަކަމާއެކު ލިބުމުގެ މަގު ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ އަދިވެސް އެފަދަ ހިދުމަތްތަކުން މަހުރޫމް ވެފައިވާ ބައެއް ކަމަށާއި އޮންލައިންކޮށް އިލްމު ހާސިލުކުރުމާއި، "ޓެލެމެޑެސިން" ފަދަ ހިދުމަތްތަކުން ގިނަ ބަޔަކު މަހުރޫމުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އޭގެ ސަބަބުން މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑަށާއި ރާއްޖޭގެ ގޮނޑުދޮށްތަކަށް އަންނަ ބަދަލުގެ އިތުރުން ވެދާ ޕެޓާންސް، އެންމެ ފުރިހަމަގޮތުގައި ދެނެގަނެ ޑޭޓާ އެއްކުރުމަގައި ރާއްޖެއަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޖަމިއްޔާއިން ފަށާފައިވާ މަޝްރޫއުގެ ދަށުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމުގައާއި ޑިޖިޓަލް ޑޭޓާ ހޯދައި ރައްކާކުރުމުގެ އިތުރުން ފަސޭހަކަމާއެކު ނެޓްވޯކުތަކުގެ ހިދުމަތް ލިބޭނެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމުގައި ރާއްޖެއަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ނުވަތަ ކާބޯތަކަތީގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެހީވެދިނުން ފަދަ ކަންކަން ފަސޭހަ ވެގެންދާނެ ކަމަށާއި އެފަދަ ކަންތައްތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޑޭޓާ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ސްރީލަންކާއާއެކު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ނިޒާމުތަކަކީ އަހުލުވެރި ނިޒާމުތަކަކަށް ހެދުމަށެވެ. އަދި ނޭޕާލްގެ ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަނީ ޑިޖިޓަލް އިގުތިސޯދެއް އުފެއްދުމަށް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު