ސްޕެނިޝް ކޮޕާ ޑެލް ރޭގެ ގަދަ 16 ގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ، އެޓީމު ކެޓި އިރު، ވާދަވެރި ރެއާލް މެޑްރިޑުން އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބާސާއިން ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުން ބާސާ ބަލިކުރި ގޯލު، އިތުރު ވަގުތުގެ ތެރޭގައި ބިލްބާއޯއަށް ކާމިޔާބު ކޮށްދިނީ ކްލަބުގެ ކެޕްޓަން، އީކާ މުނިއައީން ޖެހި ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ޖަހަން ޖެހުނީ މެޗު އިތުރު ވަގުތަށް ގޮސް ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށެވެ.
ރޭގެ ފޯރިގަދަ މެޗުގައި ފުރަތަމަ ލީޑު ނެގީ ބިލްބާއޯއިންނެވެ. މުނިއައީން ޖެހި ގޯލާއެކު ބިލްބާއޯއިން މެޗުގެ ދެވަނަ މިނެޓުގައި ލީޑު ނަގައިފައިވާ އިރު، ބާސާއިން 20 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރީ ފެރަން ޓޮރެސްގެ ގޯލުންނެވެ. އެ ގޯލަކީ ސިޓީން ބާސާއަށް ބަދަލުވެ ފެރަން ޓޮރެސް ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗަކީ އޭނާ ބާސާ ޖާޒީގައި ކުޅުނު ދެވަނަ މެޗުވެސް މެއެވެ.
މެޗު 1-1 އިން އެއްވަރުވާން ދަނިކޮށް އިންޑިގޯ މާޓިނޭޒް ވަނީ 86 ވަނަ މިނެޓުގައި އަނެއްކާވެސް ބިލްބާއޯއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ މެޗުން މޮޅުވި ގޯލު ކަމަށް ހީކޮށްގެން ތިއްބާ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ޕެޑްރީ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލާއެކު އިތުރު ވަގުތަށް ގޮސް، ބާސާ ބަލިވީ މުނިއައީންގެ ޕެނަލްޓީންނެވެ.
ރޭގެ މެޗުގައި ބާސާއަށް އިތުރު މާޔޫސް ކަމެއް ކުރިމަތިވީ ޒުވާން ފޯވަޑް އަންސޫ ފަޓީއަށް އަނިޔާވެ ބާލަން ޖެހުމުންނެވެ. ދިގު މުއްދަތެއްގެ އަނިޔާއަކުން ރަނގަޅުވެ، އަދި ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށް އަނެއްކާވެސް އަންސޫ ފަޓީއާއަށް އަނިޔާވެފައިވާ އިރު، ރޭގެ މެޗުން އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގެ ނަތީޖާ ނެރެން ޖެހުނީވެސް އިތުރު ވަގުތަށް ގޮސްގެންނެވެ. އެލްޗޭ ދަނޑުގައި އެޓީމާ ދެކޮޅަށް ރެއާލްއިން ކުޅުނު މެޗު 2-1 އިން އެޓީމުން ކާމިޔާބު ކުރި އިރު، މެޗުގެ ތިން ގޯލުވެސް ފެނުނީ އިތުރު ވަގުތުގެ ތެރޭގައެވެ. ރޭގެ މެޗުގެ ކުރީކޮޅުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރު މާސެލޯއަށް ރަތް ކާޑު ދެއްކި އިރު، މެޗުގެ ބޮޑު ބައި ރެއާލްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗުގެ ފުރަތަމަ ގޯލު އެލްޗޭގެ ގޮންޒާލޯ ވެރުޑޫ ޖެހި އިރު، ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްކޯއެވެ. މެޗު ޕެނަލްޓީއާ ދިމާލަށް ދަނިކޮށް ރެއާލް އަށް ހިތްހަމަ ޖެހުމެއް ގެނެސްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އެޑެން ހަޒާޑު ޖެހި ގޯލުންނެވެ. ހަޒާޑު އެ ގޯލު ޖެހީ އިތުރު ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.
މެޗުގެ ފަހު މިނެޓުގައި އެލްޗޭގެ ޕެރީ މިލާއަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު