އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ، ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށް ކުރާ ދައުވާގައި، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް ދެމީހުން ދެއްކި ކަމަށް ދައުލަތުން ބުނެފި އެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުގައި ކުރިއަށްގެން ދިޔައީ ވަކީލާވެސް އެކުގައެވެ.

ދައުލަތުން މާވިންއަށް ކޮށްފައިވާ ދައުވާއާބެހޭ ގޮތުން ލަމްހާގެ ވަކީލް އަބްދުﷲ ޝާއިރު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، މޭރީ މަރާލުމުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކި ހުރީ، މާވިންގެ މައްޗަށް ކަމަށެވެ. އެކަމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ދައްކާ ހެތްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައްސަލައިގައި އިތުރު ހެކި ހުށަހަޅާނެ ކަމަށާއި އޭގެތެރޭގައި މޯބައިލް ފޮރެންސިކް ރިޕޯޓް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހުގެ ފަހުން ލަމްހާއާއި މާވިންއާ ދެމެދު ދެކެވިފައިވާ ވާހަކަތަކަށް ބަލައި އިރު، އަންހެނެއްގެ ގަޔަށް ސިރުންޖު ޖަހާ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، އަންހެނެއްގެ ހަށިގަނޑަށް ސިރިންޖަކުން އެއްޗެއް ޖަހާނެ ގޮތާ ބެހޭ މެސެޖުތަކެއް ލަމްހާގެ ފޯނުން މާވިންއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މޭރީ ދަންޖެހިގެން މަރުވެއްޖެ ކަމަށް ރިޕޯޓްކުރުމުގެ އިރުކޮޅެއް ކުރިން، ލަމްހާ މާވިންއަށް ކުރި މެސެޖެއްގައި އިންޖެކްޝަން އެއްކޮށް ހުސްވުމުން އޭނާ މަރުވިކަން ގަޔީން ކުރަންވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން މަރުގެ ހާދިސާ ހިނގި ދުވަހު މާވިންގެ ފޯނުން ގޫގުލް ސާޗްތަކެއް ކޮށްގެން ކަރުގައި ހިފާ ނޭވާ ހާސްކޮށްގެން މީހަކު މަރާލާނެ ގޮތުގެ ފޮޓޯތަކެއް ބަލާފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ. އަދި އޭގެ ދެތިން ހަތަރު މިނެޓް ފަހުން މާވިން ވަނީ އޭނާގެ ކުޑަ ދަރިފުޅު އޮލީވިއާ ލަމްހާއާ ހަވާލުކޮށްފައި ކަމަށްވެސް ދައުލަތުން ބުންޏެވެ. އަދި މާވިންގެ ދެމަފިރިން އުޅުނު ގެއަށް އެ ދުވަހު ލަމްހާ ނުވަންނަ ކަމަށް ބުނި ބުނުން ނަފީ ކުރުމަށް ވީޑިއޯ ފުޓޭޖް ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އިތުރު ހެކިތަކާއެކު އެ ހުރިހާ ހެތްކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ލަމްހާގެ މައްޗަށް ކުރާ ދައުވާ ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަންދުގެ މުރާޖައާ ބައިގައި ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކުރުމަށް ދައުލަތުން ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ ލަމްހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.

މި މައްސަލައިަގައި މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.