އިންޑޮނޭޝިއާގެ އާ ވެރިރަށުގެ ނަމަކީ "ނުސަންތަރާ" ކަމަށް ކަނޑައަޅައިފިއެވެ. އިންޑޮނޭޝިއާ ބަހުން ނަމަ, ނުސަންތަރާގެ މާނައަކީ ގުޅިފައިވާ ރަށްތަކެވެ.
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުން, މިއަދު ވަނީ އެގައުމުގެ އާ ވެރިރަށަކީ ކަލިމަންޓަން ކަމަށް ކަނޑައަޅައި, އެގޮތަށް ފާސްކޮށްފައެވެ. ކަލިމަންޓަންއަކީ އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ދުނިޔެއިން ތިންވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ބޯނިއޯ އައިލެންޑުގައި އޮންނަ ޖަންގަލި ސަރަހައްދެކެވެ. ބޯނިއޯގެ އުތުރުގެ ސަރަހައްދުތައް އޮންނަނީ މެލޭޝިއާ އަދި ބުރުނާއީއަށެވެ.
އިންޑޮނޭޝިއާގެ އާ ވެރިރަށެއް ކަނޑައެޅީ, މިހާރުގެ ވެރިރަށް ޖަކާޓާ ވަރަށް ބާރަށް އަޑިއަށްދާތީއެވެ. ދުނިޔޭގެ އިގުތިސާދީ ފޯރަމުން ބުނެފައިވާ ގޮތުން, މޫދު ކައިރިން ތެތް ބިމެއްގައި އޮންނަ ޖަކާޓާއަކީ އެންމެ ހަލުވިކަމާއެކު އަޑިއަށްދާ އެއް ސިޓީއެވެ. އަދި ދިހަ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޖަކާޓާއަކީ ދުނިޔޭގެ އެންމެ ބައިބޯ އެއް އާބަން ސަރަހައްދެވެ.
ޖަކާޓާގެ ތިމާވެއްޓާއި އިގުތިސާދީ ކަންކަން ދެމެހެއްޓުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިންޑޮނޭޝިއާގެ ވެރިރަށް ބަދަލު ކުރުމަށް އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ފުރަތަމަ ހުށަހެޅުއްވީ 2019 ވަނަ އަހަރެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އެޖެންސީގެ ޑޭޓާތަކަށް ބަލައި އިރު, އާ ވެރިރަށް ތަރައްގީކުރާނީ 256,143 ހެކްޓަރުގެ ސަރަހައްދެއްގައެވެ.
އެ ސިޓީ ތަރައްގީކުރާނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި މިއަހަރުގެ ތެރޭގައި ފަށާ އިރު, ނިމޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރެވެ. އަދި އެކަމަށް 32 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.