މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އޯޓިސްޓިކް ކުދީންނަށް ހަޖޫ ޖެހިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް މެންބަރު އާދަމް ރަމީޒް، ވަނީ އޯޓިޒަމް ކުދިންނަށް ނިސްބަތްކޮށް ހަޖޫ ޖަހާފަ އެވެ. އެގޮތުން ރަމީޒް ވިދާޅުވީ މި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށާއި އެކަމާ ހައިރާން ނުވާ ކަމަށެވެ.

"މި ސަރުކާރުން ބައެއް މިނިސްޓްރީތަކަށް އޯޓިސްޓިކް ކުދިން އެބަތިބި ލާފަ. އެއީ އަޅުގަނޑުމެން ހައިރާން ވާންވީ ކަމެއް ނޫން. މީގެ ތެރެއިން އެއް ކުއްޖެއް ޕްލޭނިން މިނިސްޓްރީގަ އުޅޭ އަކްރަމަކީ. އެއީ އޯޓިސްޓިކް ކުއްޖެއް. މިހެން މި ބުނާ ސަބަބަކީ އަޅުގަނޑުމެން މަސައްކަތެއް ކުރަން ފަށާއިރަށް އެ ބޭފުޅާ އެބަ ފޮނުވާ މިކަމެއް ނުވާނޭ. އެކަމެއް ނުވާނެޔޭ ކިޔާފަ ސިޓީ." އޭނާ ވިދާޅުވި އެވެ.

ރަމީޒް ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކުރަމް އަތުގައި ސިޓީ ލިޔެވެން އޮތުމުން ލިޔުއްވަނީ ކަމަށާއި އެއީ ގާނޫނަށް އެއްވެސް ވަރަކަށް ބަލައިނުލާ ލިޔުއްވާ ސިޓީ ކަމަށެވެ. އެހެން ކަމުން ގާނޫނުގެ ތެރޭގައި އަކުރަމް ހުންނެވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ރަމީޒު ދެއްކެވި ވާހަކައިގެ ވީޑިއޯއާއެކު ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލް ޖަލްސާގައި ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ހަޖޫ ޖަހާ މަލާމަތް ކުރުން މީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަމީޒުގެ މިވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔުމުން އޭނާ ވަނީ މައާފަށް އެދިވަޑައިއިގެން ޓުވީޓެއް ކުރައްވާފަ އެވެ.

ރަމީޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިއަދުގެ ޖަލްސާގައި އަކުރަމް ކަމާލުއްދީނަށް މުހާތަބުކޮށް އޯޓިސްޓިކް މީހެއް ކަމަށް ވިދާޅުވެވުނީތީ މާފަށް އެދޭ ކަމަށެވެ. އަދި މިގޮތަށް ވިދާޅުވީ އެއްގޮތަކަށްވެސް އޯޓިސްޓިކް ކުދީންނަށް ކުޑައިމީސް ކުރުމަށް ނޫން ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.

އޯޓިސްޓިކް މީހެއް ކަމަށް ބުނެ މުހާތަބު ކުރުމާ ގުޅިގެން އަކްރަމް "ވަން" އަށް މިއަދު ވިދާޅުވީ، އޭނާއާ ދިމާލަށް ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވިޔަސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ކުޑައިމީސްކޮށް ސިޔާސީ މަންފާ ހޯދުމަށް މަސައްކަތް ނުކުރުމަށް އެންމެނަށްވެސް ގޮވާލައްވާ ކަމަށެވެ.

އެކުދީންނަކީ އެންމެންގެ ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން ބޭނުންވާ ކުދިންނަށް ވާއިރު އެކުދިންނަށް މަލާމާތްކޮށް ހަޖޫ ޖަހައި ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.