ލައިފް ސްޓައިލް

ދުނިޔޭގައި އެންމެ ގިނަދުވަހު ދިރިހުރި މީހާގެ ރެކޯޑު އޮތް ސެންޓުނީނޯ އުމުރުން 112 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި އެންމެ ގިނަދުވަސް ވަންދެން ދިރިހުރި މީހާގެ ރެކޯޑު ހެދި ސެންޓުނީނޯ އުމުރުން 112 އަހަރުގައި މަރުވެއްޖެއެވެ.

ސްޕެއިނުގެ ޕުއެންޓޭ ކަސްޓްރޯ، ލިއޯން އަށް ނިސްބަވްވާ ޑި ލާ ފުއެންޓޭ ގާސިއާ އުފަންވެފައިވަނީ 1909 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުގައެވެ. އޭނާ ދިރިއުޅެމުން އައިސްފައިވާ ހިސާބުގައި އޭނާއަށް ގިނަ ބަޔަކު މުހާތަބުކޮށް އުޅެނީ އެލް ޕެޕީނޯގެ ނަމުން ކަމަށްވެއެވެ. ދުނިޔޭގައި އެންމެ ގިނަދުވަސްވަންދެން ދިރިހުރި މީހާގެ ގޮތުގައި ރެކޯޑުކުރެވި ދުނިޔޭގެ ރެކޯޑު ފޮތަށް ގާސިއާ އަރާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. މިދިޔަ އަހަރު ގީނިސް ވޯލްޑް ރެކޯޑުން ވަނީ އޭނާގެ އުފަންދުވަހާ ދިމާކޮށް އެކަން ފާހަގަކޮށް އުފަންދުވަހުގެ ކޭކަކާއެކު ރެކޯޑު ހެދިކަމުގެ ސެޓިފިކެޓު އޭނާއަށް ދީފައެވެ.

މި ރެކޯޑާއެކު ގީނިސް ވޯލްޑް ރެކޯޑު ފޮތުގައި އޭނާ ބުނެފައިވަނީ ދިގު އުމުރުގެ ހަގީގަތަކީ އެއްވެސް މީހަކަށް ދެރައެއް ނުދީ ދިރިއުޅުން ކަމަށެވެ. އޭނާއަކީ އަންހެނުން އެންޓޮނީނާ ބަރީއޯ ގަޓަރޭޒް އާއި 1933 ވަނަ އަހަރު ކައިވެނިކުރި ގޮތަށް މަޑުމައިތިރި ދިރިއުޅުމެއް އުޅުމަށް ލޯބިކުރަމުން އައި މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ. މިވަގުތު ދުނިޔޭގައި އޭނާގެ 7 އަންހެން ދަރިންނާއި، 14 ކާފަ ދަރިން އަދި 22 މުނިކާފަ ދަރިން ތިބިކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އިސްކޮޅުގައި އެންމެ 4.92 ފޫޓު ހުރުމުގެ ސަބަބުން 1936 ވަނަ އަހަރުގެ ސްޕޭނުގެ ހަނގުރާމައަށް ހޮވުނު މީހުންގެ ތެރޭގައި އޭނާ ނުހިމެނުނު ކަމަށާއި ހަނގުރާމައިގެ ދުވަސްވަރު ބޫޓު ހެދުމުގެ ވިޔަފާރިއެއް ފެށިކަމަށް ގާސިއާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ. އަދި އޭނާގެ ވިޔަފާރި ކާމިޔާބުވެ އެ ހިސާބުގެ އަސްކަރީ ސިފައިންގެ ބޫޓުތައް ފަރުމާކޮށްދީ، ގާސިއާ އަކީ އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ މީހަކަށް ވަނީ ވެފައެވެ.

އޭގެ އިތުރުން ގާސިއާ ހާއްސަ ވަނީ ފުޓުބޯޅައަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. ލިއޯންގެ ޓީމު ކަލްޗަރަލް ލިއޮނާސާގެ ސަޕޯޓަރަކަށްވާއިރު އޭނާ ވަނީ ޕުއެންޓޭ ކާސްޓްރޯގެ ފުޓުބޯޅަ ޓީމު އުފެއްދުމުގައިވެސް ހަރަކާތްތެރިވެފައެވެ. ގާސިޔާގެ 110 ވަނަ އުފަންދުވަހު އެޓީމުން ވަނީ އޭނާގެ އަގުވަޒަންކޮށް އެކަން ފާހަގަކޮށްފައެވެ.

ގީނިސް ވޯލްޑް ރެކޯޑު ޕަބްލިކޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި އެންމެ ގިނަދުވަސްވަންދެން ދިރިހުރި މީހާ ކަމަށް ރެކޯޑު ކުރެވިފައިވާ ޑި ލާ ފުއެންޓޭ ގާސިއާ، އުމުރުން 112 އަހަރާއި 341 ދުވަހަށްފަހު އަންގާރަ ދުވަހު މަރުވެފައިވާކަމަށެވެ.