މުނިފޫހިފިލުވުން

ތަމަޅަ ފިލްމު، "ޖެއި ބިމް" ގެ މަންޒަރެއް އޮސްކާގެ ޔޫޓިއުބް ޗެނަލްގައި ހިމަނައިފި

ދެކުނު އިންޑިއާގެ ކާމިޔާބު ފިލްމު ''ޖެއި ބިމް''ގެ މަންޒަރެއް އޮސްކާގެ ޔޫޓިއުބް ޗެނަލްގައި ދައްކާލައިފިއެވެ. މިއީ އިންޑިއާގެ ފިލްމެއްގެ މަންޒަރު އޮސްކާ ޔޫޓިއުބް ޗެނަލްގައި ހިމެނުނު ފުރަތަމަ ފަހަރަށް ވެފައިވާއިރު ތަމަޅަ ފިލްމަކަށް މިފަދަ ބޮޑު ޝަރަފެއް ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ސޫރިޔާ ކުޅެދީފައިވާ ''ޖެއި ބިމް'' އަންނަނީ ފިލްމު ރިލީސްކުރި ދުވަހުން ފެށިގެންވެސް ރެކޯޑުތައް މުގުރަމުންނެވެ. މީގެ ތިން މަސް ކުރިން އޯޓީޓީކޮށް ރިލީސްކުރި މިފިލްމު ވަނީ މިދިޔަ އަހަރު އެންމެ ގިނަބަޔަކު އޯޓީޓީ ޕްލެޓްފޯމެއްގައި ބެލި އެއް ފިލްމަށް ވެގެން ގޮސްފައެވެ.

އޮސްކާގެ ޔޫޓިއުބް ޗެނަލްގައި ''ޖެއި ބިމް'' ހިމެނުނު ނަމަވެސް މިކަމުން އަދި އޮސްކާއަށް ފިލްމު ނޮމިނޭޓުވެފައިކަން ކަށަވަރުކޮށެއް ނުދެއެވެ. މިއަހަރުގެ އޮސްކާއަށް ވާދަކުރާ ފިލްމުތަކުގެ ނަންތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ފިލްމު ނޮމިނޭޓުވިކަން ކަށަވަރުވެފައިނުވިނަމަވެސް، އޮސްކާ ޔޫޓިއުބް ޗެނަލްގައި މިފިލްމުގެ މަންޒަރެއް ހިމެނުމަކީ އިންޑިއާގެ ސިނަމާއަށްވެސް ފަހުރުވެރި ވަގުތުކޮޅެއް ކަމަށްބުނެ ގިނަބަޔަކު އަންނަނީ އެކަން ފާހަގަކޮށް ފިލްމަށާއި ފިލްމުގެ މުހިއްމު ރޯލު ކުޅެދިން ސޫރިޔާއަށް މަރުހަބާ ކިޔަމުންނެވެ.

ޓީޖޭ ނަވަވެލް ޑައިރެކްޓުކުރި މިފިލްމަކީ ކޯޓްރޫމް ޑްރާމާއެކެވެ. ފިލްމުގައި ސޫރިޔާ ކުޅެދީފައިވާ ރޯލަކީ ހަގީގީ ދިރިއުޅުމުގައިވެސް އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ހިލޭ ސާބަހަށް ވަކާލާތުކޮށްދެމުން އައިސްފައިވާ ޗަންދުރޫގެ ކެރެކްޓާއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 1993ވަނަ އަހަރު ހިނގައިދިޔަ ހަގީގީ ހާދިސާއެއް މައްޗަށެވެ.

މި ފިލްމު ޕްރިމިއާކޮށްފައިވަނީ 2 ނޮވެމްބަރު 2021 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައެވެ. ފިލްމު ރިލީސްކުރުމަށްފަހު މި ފިލްމުވަނީ އައިއެމްޑީބީގައި 9.3/10 ގެ ރޭޓިންގަކާއެކު އައިއެމްޑީބީގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ. މިއީވެސް އިންޑިއާގެ ފިލްމަކަށް މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ''ޖެއި ބިމް'' ވަނީ މިއަހަރު ކުރިއަށްދިޔަ ގޯލްޑަން ގްލޯބްސްގައި ވާދަކޮށްފައެވެ. ގޯލްޑަން ގްލޯބްސް އަށް މިފިލްމު ނޮމިނޭޓުވެފައިވަނީ އިނގިރޭސި ބަސް ނޫން އެހެން ބަސްބަހުގެ ފިލްމު ތަކުގެ ތެރެއިން އެންމެ މޮޅު ފިލްމުގެ ކެޓެގަރީންނެވެ.